Roadha Mihaaru
ރައީސް ވިދާޅުވީ ބިލަށް ހައްލު ހޯދޭނެ ކަމަށް: އަދާލަތު

ނަފްރަތުގެ ބިލުގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވާނެ ކަމަށް ރައީސް ވިދާޅުވި: އަދާލަތު

20 ޖޫން 2021

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ނަފްރަތުގެ ބިލް ގާނޫނަކަށް ވެގެންދާއިރު އޭގައި ހުރި، ދީނީ އިލްމުވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްވާފައިވާ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ނަފްރަތުގެ ބިލް ގާނޫނަކަށް ވެގެންދާއިރު އޭގައި ހުރި، ދީނީ އިލްމުވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްވާފައިވާ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

އެ ބިލާ ގުޅޭގޮތުން އަދާލަތު ޕާޓީގެ އިސްވެރިންނާއެކު ރައީސް ބޭއްވެވި ބައްދަލުވުމަށްފަހު އެ ޕާޓީން ކުރި ޓްވީޓުގައި ބުނީ ނަފްރަތުގެ ބިލުގައި ހުރި ކަންބޮޑުވުންތައް ރައީސާ ހިއްސާކޮށްފައިވާ ކަމަށެވެ. މި ބިލާ މެދު އި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލުހޯއްދަވާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި ކަމަށް އަދާލަތު ޕާޓީން ބުންޏެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ.

އަދާލަތު ޕާޓީގެ އެދުމުގެ މަތިން ބޭއްވި ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ދީނީ އިލްމުވެރިޔާ އިލްޔާސް ހުސެއިނާއި ޑރ. އިޔާޒު ލަތީފުގެ އިތުރުން ޕާޓީގެ އިސްބޭފުޅުން ބައިވެރިވެވަޑަޑައިގަތެވެ.

ނަފްރަތުގެ ބިލުގައި ހުރި ކަންބޮޑުވުންތަކަށް ރައީސާއެކު މަޝްވަރާކުރުމަށްފަހު އަދާލަތު ޕާޓީން ކުރި ޓްވީޓް.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލުގެ އެއް ވަނަ ނަމްބަރުގައިވާ ގޮތުން، އެ ބިލް ގާނޫނަކަށް ވުމުން، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ މީހެއް ކަމަށް ނުވަތަ ދީނާ ދެކޮޅު މީހެއް ކަމަށް އާއްމު ތަނެއްގައި ބުނުން ވާނީ ޖަލު ހުކުމެއް އަންނާނެ ކުށަކަށެވެ. އެ މާއްދާ އެހެން އޮންނާތީ ބައެއް ދީނީ އިލްމުވެރިންނާއި އާއްމުން ވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަމާ ކަންބޮޑުވުން ފާޅުކުރާ ފަރާތްތަކުން ދެކޭ ގޮތުގައި އެއީ ރާއްޖޭގައި ފާޅުގައި އިސްލާމްދީނާ ދެކޮޅަށް ވާހަކަ ދައްކާ މީހުންނަށް ލިބިގެންދާނެ ބޮޑު މިނިވަންކަމަކަށް ވާނެ އެވެ.

އެހެންވެ، އެ ބިލް އަނބުރާ ނެގުމަށް ގޮވާލައި 101 އިލްމުވެރިޔަކު ސޮއިކޮށް މިދިޔަ ހަފުތާގައި ރައީސަށް ޕެޓިޝަނެއް ފޮނުވާފައިވެ އެވެ.

އިލްމުވެރިންގެ ގުޅުމުން ބުނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ނަފްރަތުގެ ބިލުގެ ސަބަބުން، އިސްލާމް ދީނާ ދެކޮޅަށް ހިންގާ ބޮޑެތި މުންކަރާތްތަކަކީ ނުރަނގަޅު ގޯސް ކަންތައްތައް ކަމާއި އެ ކަންކަމުގެ ތެރެއަށް ނުވަނުމަށް ގޮވާލައި އާއްމުން ހޭލުންތެރި ކުރުމަށް ދީނީ އިލްމުވެރިންނާއި އެ ނޫން އާއްމު ރައްޔިތުންނަށް އެއްކޮށް ހުރަސްއެޅި ބަންދުވެގެން ދާނެކަމަށެވެ.