Roadha Mihaaru
ބިލް ފާސްކުރުމަށް ސަރުކާރަށް އެމްޑީޕީގެ ފިއްތުންތައް!

ނަފްރަތުގެ ބިލް ފާސްކުރަން ގޮވާލައި އެމްޑީޕީން ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރަނީ

22 ޖޫން 2021

މުސްލިމަކާ ދިމާއަށް އާންމު ތަނެއްގައި ކާފަރެއް ކަމަށް ބުނުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "ނަފްރަތުގެ ބިލު" ވީހާ ވެސް އަވަހަކަށް ފާސްކޮށްދިނުމަށް ގޮވާލައި، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރަން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މުސްލިމަކާ ދިމާއަށް އާންމު ތަނެއްގައި ކާފަރެއް ކަމަށް ބުނުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "ނަފްރަތުގެ ބިލު" ވީހާ ވެސް އަވަހަކަށް ފާސްކޮށްދިނުމަށް ގޮވާލައި، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރަން ފަށައިފި އެވެ.

އެ ޕާޓީން ރޭ ނެރުނު ބަޔާނުގައި ބުނީ، ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސެއިން ބިލް ފޮނުއްވީ ދީން ހަތިޔާރަކަށް ބޭނުންކޮށްގެން މުސްލިމުންގެ ބޮލުގައި ދީނާ ގުޅުވައި ތަފާތު ލޭބަލްތައް އަޅުވައި އަދި ވަކިވަކި މީހުންނާ މެދު ނަފްރަތު އުފެއްދުމުގެ ސަބަބުން އެ މީހުން މަރައި އަދި ގެއްލުވާލުމުގެ ހާދިސާތަކެއް ރާއްޖޭގައި ހިނގާފައިވާތީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ބޮޑު އަޣުލަބިއްޔަތަކާއެކު، މަޖިލިސް ކޮންޓްރޯލްކުރާ އެމްޑީޕީން ނަފްރަތުގެ ބިލް ފާސްކުރަން ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރާއިރު، ކޯލިޝަންގެ އެހެން ބައެއް ޕާޓީތަކާއި ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ވަނީ ބިލާ ދެކޮޅަށް ނުކުމެފަ އެވެ. އޭގެ ތެރޭގައި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ ހިމެނެ އެވެ. ނަމަވެސް ކޯލިޝަންގައި ހިމެނޭ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމް އަދި މި މައްސަލައިގައި އޮތީ ހިމޭނުންނެވެ.

އެ ބިލް ހުށަހެޅި ހިސާބުން ފެށިގެން އެއާ މެދު ރައްޔިތުންގެ ހިތުގައި ނުބައި ޝުއޫރުތަކެއް އުފައްދައި އެއީ ދީނާ ހިލާފު ބިލެއްކަން ވިސްނައިދޭން ބަޔަކު މަސައްކަތްކުރާ ކަމަށް އެމްޑީޕީން ބުންޏެވެ. އެހެންވެ، އެ "ނުރައްކާތެރި" މަސައްކަތް ކުށްވެރިކޮށް، ކޮމިޓީ މަރުހަލާގައި އޮތް ބިލް ވީހާ ވެސް އަވަހަކަށް ފާސްކޮށްދިނުމަށް އެމްޑީޕީން ގޮވައިލި އެވެ.

"މި ޕާޓީން އެދެނީ ވީހާ ވެސް އަވަހަކަށް މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ދީނާ ގުޅުވައިގެން މުޖުތަމައުގައި ވަކިވަކި ފަރުދުންނާ މެދު ނަފްރަތު އުފެއްދުމުގެ އަމަލުތަކަށް ނިމުމެއް އައުމެވެ. އަދި ކޮންމެ ރައްޔިތަކަށް ވެސް އަމިއްލަ ނަފްސުގެ ރައްކާތެރިކަން އޮތް ތަނެއްގެ ގޮތުގައި މި ގައުމު ބިނާކުރުމަކީ މި ޕާޓީގެ އެންމެ އިސް އެއް އަމާޒެވެ،" ބަޔާނުގައި ބުންޏެވެ.

އާއްމުންނާއި ދީނީ އިލްމުވެރިންގެ ބޮޑެތި ކަންބޮޑުވުންތަކެއް ގުޅިފައިވާ ނަފްރަތުގެ ބިލް ފާސްކުރަން ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރާއިރު، އެމްޑީޕީން ވަނީ އެ ބިލްގެ މަސައްކަތް އަވަހަށް ނިންމައިލުމަށް ގޮވާލައި އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަން ވެސް ގޮވާލައިފަ އެވެ. އެ ހަރަކާތުގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނުގެ އެންމެ އަރިސް ބޭފުޅުން އިސް ދައުރެއް އަދާކުރައްވަ އެވެ.

އޭގެ އަނެއް ކޮޅުން، އެ ކަމާ ދެކޮޅު ހަދާ މީހުން ދަނީ އެ ބިލު އަނބުރާ ގެނައުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފަ އެވެ. އޭގެ އިތުރުން، ބިލުގައި ހުރި ކަންބޮޑުވުންތައް ހިއްސާކޮށް އެ ބިލު އަނބުރާ ގެނައުމަށް ގޮވާލައި 101 ދީނީ އިލްމުވެރިޔަކު ސޮއިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ޕެޓިޝަނެއް ހުށަހަޅާފައި ވެ އެވެ.

އެމްޑީޕީން ބުނީ ބިލަށް ތާއިދުކޮށް ގިނަ ބަޔަކު ޕެޓިޝަނުގައި ސޮއިކުރަމުންދާ ދަނޑިވަޅުގައި، އެ ބިލާ ދެކޮޅަށް ޕެޓިޝަނެއް ހަދައި އެ ޕެޓިޝަށް ނެތް ތާއީދެއް އޮތް ކަމަށް ދެއްކުމަށް ހީލަތްތެރި އުކުޅުތައް ބޭނުންކުރުމަކީ އެ ޕާޓީން ކަންބޮޑުވާ ކަމެއްކަމަށެވެ.

މިދިޔަ މަހުގެ ފަހުކޮޅު ހިސާން ހުށަހެޅުއްވި ބިލުގެ އެއް ވަނަ ނަމްބަރުގައިވާ ގޮތުން، އެ ބިލް ގާނޫނަކަށް ވުމުން ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ މީހެއް ކަމަށް ނުވަތަ ދީނާ ދެކޮޅު މީހެއް ކަމަށް އާއްމު ތަނެއްގައި ބުނުން ވާނީ ޖަލު ހުކުމެއް އަންނާނެ ކުށަކަށެވެ.