Roadha Mihaaru
ނަފްރަތުގެ ބިލް އިސްލާހުކުރަން އެޗްއާރްސީއެމުން އެދެފި

ނަފްރަތު އުފެއްދުން ކުށަކަށް ހަދަން ހުށަހެޅި ބިލް އިސްލާހުކުރަން އެޗްއާރްސީއެމް އިން ހުށަހަޅައިފި

24 ޖޫން 2021

ނަފްރަތު އުފެއްދުން ކުށަކަށް ހަދަން ގާނޫނުލް އުގޫބާތަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލުން، ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން އަދި މައުލޫމާތު ލިބުމާއި ފެތުރުމުގެ ހައްގު ކަށަވަރުކޮށްދޭ ގޮތަށް އިސްލާހުކުރުމަށް އެޗްއާރުސީއެމުން އިއްޔެ ހުށަހަޅައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ނަފްރަތު އުފެއްދުން ކުށަކަށް ހަދަން ގާނޫނުލް އުގޫބާތަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލުން، ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން އަދި މައުލޫމާތު ލިބުމާއި ފެތުރުމުގެ ހައްގު ކަށަވަރުކޮށްދޭ ގޮތަށް އިސްލާހުކުރުމަށް އެޗްއާރުސީއެމުން އިއްޔެ ހުށަހަޅައިފި އެވެ.

ނަފްރަތުގެ އަމަލުތަކަކީ ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލް އުގޫބާތަށް ހުށަހަޅާފައިވާ އިސްލާހަށް އެ ކޮމިޝަނުން ގެންނަން ބޭނުންވާ ބަދަލުތައް ހިއްސާކުރުމަށް ފަހު މިއަދު ނެރުނު ބަޔާނުގައި ބުނީ މަދަނީ އަދި ސިޔާސީ ހައްގުތަކާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާގައި ވަކި ގައުމެއް ނުވަތަ ވަކި ނަސްލެއް ނުވަތަ ވަކި ދީނެއްގެ ބަޔަކާ ދެކޮޅަށް ނަފްރަތާއި ފަސާދަ އުފެއްދުމާއި އެކަމަށް ބާރުއެޅުމުގެ ސަބަބުން ކުރިމަތިވާ އަނިޔާވެރިކަމާ ތަފާތުކުރުންތައް ގާނޫނުން މަނާކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އެ ދެ މުއާހަދާގެ މައްޗަށް ހަދާފައިވާ "ކެމްޑެން ޕްރިންސިޕަލްސް" އަދި އދ. ގެ "ސްޓްރެޓެޖީ އެންޑް ޕްލޭން އޮފް އެކްޝަންސް އޮން ހޭޓް ސްޕީޗު" ގައި ބުނާ މިންގަނޑުތަކުގައި ނަފްރަތުގެ އަމަލެއް، ނަފްރަތުގެ ކުށަކަށް ހެދުމަށް ހަމަވާންޖެހޭ އުންސުރުތައް ފުރިހަމަވުމުގެ މުހިއްމުކަމަށް ރިއާޔަތްކޮށްފައިވާނެ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.

ބަޔާނުގައި ބުނީ ގާނޫނު އަސާސިން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން އަދި މައުލޫމާތު ލިބުމާއި ފެތުރުމުގެ މިނިވަންކަން އަދި އދ. ގެ މަދަނީ އަދި ސިޔާސީ ހައްގުތަކާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާގައި ބަޔާންކޮށްފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވެސް ހަވާލާދީފައިވާނެ ކަމަށެވެ.

ނަފްރަތުގެ އަމަލުތަކަކީ ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލް އުގޫބާތަށް ހުށަހަޅާފައިވާ އިސްލާހަށް އެޗްއާރުސީއެމުން ގެންނަން ބޭނުންވާ ބަދަލުތައް ހިއްސާކޮށް ނެރުނު ބަޔާން.

"....ބައިނަލްއަގުވާމީ ގުޑް ޕްރެކްޓިސްގައި ބަޔާންކޮށްފައިވާ އިރުޝާދުތަކާއި އެއްގޮތަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 27، 28 އަދި 29 ވަނަ މާއްދާގައި ކަށަވަރުކޮށްދޭ ހައްގުތަކާއި މިންގަނޑުތައް ނެގެހެއްޓޭނެ ގޮތުގެ މަތިން މި ބިލުގެ މާއްދާތައް އިސްލާހުކުރުމަށް ވެސް ކޮމިޝަނުން ވާނީ ހުށަހަޅައިފަ އެވެ،" އެޗްއާރުސީއެމްގެ ބަޔާނުގައިވެ އެވެ.

އެ ކޮމިޝަނުން ބުނި ގޮތުގައި ގާނޫނަކުން ނަފްރަތުގެ ކުށުގެ ގޮތުގައި އަމަލުތަކެއް ކަނޑައަޅާއިރު، ގާނޫނުއަސާސީގެ 16 ވަނަ މާއްދާއާ އދ. ގެ މަދަނީ އަދި ސިޔާސީ ހައްގުތަކާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާގެ 19 ވަނަ މާއްދާ އަދި 30 ވަނަ މާއްދާގައި ބުނާ ހަމަތަކުގެ މަތިން ގާނޫނު އެކުލަވާލަން ރިއާޔަތްކުރަން ޖެހޭނެ އަސާސްތަކާއި ހަމަތަކަށް ބިނާކުރަން ލަފާދީފައިވާނެ އެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލުގެ އެއް ވަނަ ނަމްބަރުގައިވާ ގޮތުން، އެ ބިލް ގާނޫނަކަށް ވުމުން، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ މީހެއް ކަމަށް ނުވަތަ ދީނާ ދެކޮޅު މީހެއް ކަމަށް އާއްމު ތަނެއްގައި ބުނުން ވާނީ ޖަލު ހުކުމެއް އަންނާނެ ކުށަކަށެވެ. އެ މާއްދާ އެހެން އޮންނާތީ ބައެއް ދީނީ އިލްމުވެރިންނާއި އާއްމުން ވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަމާ ކަންބޮޑުވުން ފާޅުކުރާ ފަރާތްތަކުން ދެކޭ ގޮތުގައި އެއީ ރާއްޖޭގައި ފާޅުގައި އިސްލާމްދީނާ ދެކޮޅަށް ވާހަކަ ދައްކާ މީހުންނަށް ލިބިގެންދާނެ ބޮޑު މިނިވަންކަމަކަށް ވާނެ އެވެ. އެހެންވެ، އިސްލާމްދީނާ ދެކޮޅަށް ހިންގާ އަމަލުތަކަކީ ވެސް ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް އެ ބިލަށް އިސްލާމިކް މިނިސްޓްރީން ހުށަހެޅި އިސްލާހުގައި އެދިފައިވެ އެވެ.