Roadha Mihaaru
58 ކައުންސިލަކަށް އަދިވެސް އެސްޖީން ނުލިބޭ

58 ކައުންސިލަކަށް އެސްޖީން ނުލިބޭ، އަނެއްކާވެސް އިއުލާނުކޮށްފި

15 ޑިސެމްބަރ 2021

ބައެއް ލޯކަލް ކައުންސިލް އިދާރާތަކަށް އަދިވެސް ސިވިލް ސާވިސްގެ އެންމެ އިސްވެރިޔާ، ސެކްރެޓަރީ ޖެނެރަލުން ނުލިބޭތީ އެ މަގާމުތަކަށް ކުރިމަތިލާން އަނެއްކާވެސް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ހުޅުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބައެއް ލޯކަލް ކައުންސިލް އިދާރާތަކަށް އަދިވެސް ސިވިލް ސާވިސްގެ އެންމެ އިސްވެރިޔާ، ސެކްރެޓަރީ ޖެނެރަލުން ނުލިބޭތީ އެ މަގާމުތަކަށް ކުރިމަތިލާން އަނެއްކާވެސް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ހުޅުވާލައިފި އެވެ.

އެ ކޮމިޝަނުން ކުރި އިއުލާނުގައިވާ ގޮތުން 58 ރަށަކަށް އެސްޖީން ނުލިބެ އެވެ. އެހެންވެ، ގެ މަގާމަށް މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް ކުރިމަތިލާން މުއްދަތު ދީފައިވެ އެވެ.

ލޯކަލް ކައުންސިލްތަކަށް 200 އެސްޖީން ހޯދަން ކުރި އިއުލާނާ ގުޅިގެން އެ މަގާމުތަކަށް 511 މީހުން ކުރިމަތިލި އެވެ. އެއީ ރަށު ކައުންސިލްގެ އެސްޖީ ކަމަށް 371 މީހަކާއި އަތޮޅު ކައުންސިލްގެ އެސްޖީ ކަމަށް 86 އަދި ސިޓީ ކައުންސިލްގެ އެސްޖީގެ މަގާމަށް 54 މީހެކެވެ.

އޭގެ ތެރެއިން ގިނަ ކައުންސިލްތަކަށް އެސްޖީން އައްޔަންކޮށްފައިވެ އެވެ.

ރަށު ކައުންސިލްގެ އެސްޖީންނަށް މުސާރައިގެ ގޮތުގައި މަހަކު 9،300ރ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 6،880ރ. ލިބޭނެ އެވެ. އަތޮޅު ކައުންސިލްގެ އެސްޖީންގެ މުސާރައަކީ 12،130ރ. އެވެ. އޭގެ އިތުރުން އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 8،870ރ. ލިބޭނެ އެވެ.

ސިޓީ ކައުންސިލްގެ އެސްޖީއަކަށް މަހަކު 20،500ރ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 15،000ރ. ހަމަޖައްސާފައިވެ އެވެ.

ކައުންސިލްތަކަށް އެސްޖީން އައްޔަން ކުރަނީ އެ ކައުންސިލެއްގެ ލަފަޔާ އެކު ސީއެސްސީންނެވެ. އެސްޖީގެ މަގާމަށް ކުރިމަތިލާ މީހުންނާ އިންޓަވިއުކުރުމަށް ފަހު 60 ޕަސެންޓަށް ވުރެ މަތިން ޕޮއިންޓް ލިބޭ މީހުންގެ ތެރެއިން، މެރިޓް އުސޫލުން އެންމެ ގާބިލް މީހެއް ކަނޑައަޅައި އެ މީހަކާ ގުޅޭގޮތުން ކައުންސިލްގެ ލަފާ ހޯދަ އެވެ. މަގާމަށް އައްޔަންކުރަނީ އޭގެ ފަހުންނެވެ.