Roadha Mihaaru
ހިސާންގެ ދިފާއުގައި ނުކުތީ އޭޖީ ރިފްއަތު އެކަނި: އީވާ

ހިސާންގެ ދިފާއުގައި ސަރުކާރުން ނުކުތީ އޭޖީ ރިފްއަތު އެކަނި: އީވާ

08 ޖުލައި 2021

އިސްލާމް ދީނުގެ އަގީދާއާ ގުޅުވައިގެން ނަފުރަތު އުފެއްދުމަކީ ޖިނާއީ ކުށަކަށް ހަދަން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސައިން ބިލް ހުށަހެޅުއްވުމުން އޭނާ އަވަހާރަ ކޮށްލަން ބައެއް މީހުން ގޮވަމުން ދިޔައިރު، ހިސާންގެ ހިމާޔަތުގައި ސަރުކާރުގެ ތެރެއިން ނުކުންނެވި ހަމައެކަނި ބޭފުޅަކީ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

އިސްލާމް ދީނުގެ އަގީދާއާ ގުޅުވައިގެން ނަފުރަތު އުފެއްދުމަކީ ޖިނާއީ ކުށަކަށް ހަދަން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސައިން ބިލް ހުށަހެޅުއްވުމުން އޭނާ އަވަހާރަ ކޮށްލަން ބައެއް މީހުން ގޮވަމުން ދިޔައިރު، ހިސާންގެ ހިމާޔަތުގައި ސަރުކާރުގެ ތެރެއިން ނުކުންނެވި ހަމައެކަނި ބޭފުޅަކީ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އާންމު ތަނެއްގައި ދީނާ ދެކޮޅު މީހެއް ކަމަށް ގޮވުމަކީ ކުށަކަށް ހަދަން ސަރުކާރުން ހުށަހެޅި ބިލް، ސްޕޮންސާ ކުރެއްވުމުން ޖޭއެސްސީގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ހިސާނަށް އެތައް ބައެއްގެ ނުރުހުމާއި ފާޑުކިޔުން އަމާޒުވެ، އިންޒާރުތައް ވެސް ދީފައި ވެ އެވެ.

ނަފްރަތުގެ ބިލް ދިރާސާކޮށް ޖުޑިޝަރީ ކޮމިޓީން ނިންމި ރިޕޯޓުގެ ބަހުސް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދިޔަ ވަގުތު، ރިޔާސަތުގައި އިންނެވި އީވާ ވިދާޅުވީ، ބިލް މަޖިލީހަށް ވައްދައި މިވީ ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ހާސިލުވި ހަމައެކަނި މަގްސަދަކީ ހިސާން ނުރައްކަލަށް ހުށަހެޅުން ކަމަށެވެ.

"މި ބިލު ތަޅުމަށް ލައިގެން މި ވޭތުވެ ދިޔަ، މި ހިނގި ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ހާސިލުވީ އެންމެ މަގުސަދެއް. އެއީ ތުޅާދޫ ދާއިރާގެ މެމްބަރު ނުރައްކަލާއި މަރުގެ ތުންފަތް މައްޗަށް ލުން އެކަނި،" ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ވިދާޅުވި އެވެ.

"އެ ހާލަތުގައި [ހިސާން] އެ އުޅުއްވަނީ. އެކަމަކު އެއީ ސަރުކާރުން ބިލެއް ހުށަހަޅުއްވާފައި އެއް ގޮތަކަށް ވެސް އެވަރަށް އެ ކަމަނާ އަށް ލާދީނީ އަށް ލާދީނީ އަށް މަރަން ގޮވި އިރު އެންމެ ބޭފުޅަކު ވެސް އެޓާނީ ޖެނެރަލް ފިޔަވައި ދިފާއު ނުކޮށްދެއްވި،"--- އީވާ

އޭނާ ވިދާޅުވިގޮތުގައި، ބިލް މަޖިލީހަށް ފޮނުވި ދުވަހުން ފެށިގެން ހިސާނަށް އުޅުއްވަން ޖެހިވަޑައިގަތީ ވަށައިގެން ބޮޑީ ގާޑުން ލައިގެންނެވެ. އަމިއްލަ ގެކޮޅުގެ އެއް ފްލޯއިން އަނެއް ފްލޯއަށް ވެސް ހިސާން ވަޑައިގަންނަވަނީ ވެސް ސިފައިންނާއެކު ކަމަށް އީވާ ވިދާޅުވި އެވެ.

"އެ ހާލަތުގައި [ހިސާން] އެ އުޅުއްވަނީ. އެކަމަކު އެއީ ސަރުކާރުން ބިލެއް ހުށަހަޅުއްވާފައި އެއް ގޮތަކަށް ވެސް އެވަރަށް އެ ކަމަނާ އަށް ލާދީނީ އަށް ލާދީނީ އަށް މަރަން ގޮވި އިރު އެންމެ ބޭފުޅަކު ވެސް އެޓާނީ ޖެނެރަލް ފިޔަވައި ދިފާއު ނުކޮށްދެއްވި،" އީވާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އަމިއްލަ ޕާޓީގެ ޕީޖީ ގްރޫޕުގެ ތެރެއިން ވެސް ބަސް ބުނާ މީހުން ނުރައްކަލަށް ހުށަހާތީ ހިތާމަ ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމިއްލަ ޕާލިމެންޓަރީ ގްރޫޕުގެ ތެރެއިން އަޅުގަނޑުމެންނަށް މިހެން ހަދާތީ އަޅުގަނޑު ހިތާމަ ކުރަނީ،" އީވާ ވިދާޅުވި އެވެ.

ބިލު ހުށަހެޅުމުން ހިސާނަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އޭޖީ ވަނީ އެއީ "ހިސާންގެ ބިލެއް" ނޫން ކަމާއި އެއީ އޭނާ ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލެއް ކަމަށް ވިދާޅުވެ ޓްވީޓު ކުރައްވައިފަ އެވެ. ރިފްއަތު ފިޔަވައި އެމްޑީޕީގެ ވަޒީރަކު ވެސް ހިސާންގެ ދިފާއުގައި އާންމު ތަނެއްގައި ވާހަކަައެއް ނުދައްކަވަ އެވެ.

ނަފްރަތުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގަތުމުގެ މައްސަލައިގައި މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ދެ ފެކްޝަނުން ބޮޑު އަރައިރުމަކަށް ގޮސް އެންމެ ފަހުން އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމީ ބިލް އަނބުރާ ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވައިލުމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ ބޭފުޅުން މަސައްކަތް ކުރެއްވީ ބިލް މަޖިލީހުން ބޭރުކުރަން ކަމަށް ވާއިރު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅުން އުޅުއްވީ ބިލު އަނބުރާ ކޮމިޓީ އަށް ފޮނުވައިލުމަށެވެ. މި ކޯޅުމުގައި ކާމިޔާބު ހޯއްދެވީ ނަޝީދުގެ ފެކްޝަނެވެ.