Roadha Mihaaru
"ފްރެންޑްސް" ގެ ތަރިޔަކު ކެންސަރާ ހަނގުރާމަކުރަނީ

"ފްރެންޑްސް" ގެ ތަރިޔަކު ކެންސަރާ ހަނގުރާމަކުރަނީ

23 ޖޫން 2021

ކުރީގެ މަޝްހޫރު ސިޓްކޮމް "ފްރެންޑްސް" ގެ ކާސްޓްގައި ހިމެނުނު ޖޭމްސް މައިކަލް ޓައިލާ ޕްރޮސްޓޭޓް ކެންސަރާ ހަނގުރާކުރަމުން އަންނަ ކަމަށް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރީގެ މަޝްހޫރު ސިޓްކޮމް "ފްރެންޑްސް" ގެ ކާސްޓްގައި ހިމެނުނު ޖޭމްސް މައިކަލް ޓައިލާ ޕްރޮސްޓޭޓް ކެންސަރާ ހަނގުރާކުރަމުން އަންނަ ކަމަށް ބުނެފި އެވެ.

ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ސިޓްކޮމްގައި 10 އަހަރު ވަންދެން ބަރިސްތާއެއްގެ ރޯލު ކުޅުނު 59 އަހަރުގެ އެކްޓަރު "ޓުޑޭ" ޝޯ އަށް ހޯމަ ދުވަހު ދިން އިންޓަވިއުއްގައި ބުނީ އޭނާ އަށް ޕްރޮސްޓޭޓް ކެންސަރު ޖެހުނުކަން އެނގުނީ 2018 ގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށެވެ.

"އަހަރެން މިހާރު މި ހުރީ އެ ބަލީގެ ހަތަރު ވަނަ އަދި ފަހު ސްޓޭޖްގައި،" މައިކަލް ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި ބޮޑު ބައްޔަކާ ހަނގުރާމަކުރަން ޖެހުނަސް، ދުވަހަކު ވެސް އެކަމާ އުންމީދު ގެއްލުވައެއް ނުލަ އެވެ. އަދި އަބަދުވެސް ހިތްވަރާ އެކު ފަރުވާ ހޯދަމުން އަންނަ ކަމަށް ބުންޏެވެ.

"އަހަރެން ބޭނުމެއް ނޫން އަހަންނަށް ދިމާވި ފަދަ ގޮތެއް އެހެން މީހަކަށް ދިމާވާކަށް. ހަގީގަތުގައި ކެންސަރާ ހަނގުރާމަކުރަން ޖެހި މީހާގެ އާންމު ދިރިއުޅުން ގެއްލުމަކީ ވަރަށް ބޮޑު ހިތްދަތިކަމެއް،" މައިކަލް ބުންޏެވެ.

އޭނާ ބުނީ ކެންސަރަށް ފަރުވާ ހޯދާކަން "ފްރެންޑްސް" ގެ ޓީމަށް ވެސް އެނގޭނެ ކަމަށާއި މެއި މަހުގެ ތެރޭގައި ގެނެސްދިން ރީޔުނިއަން އެޕިސޯޑްގައި ވެސް އަމަލީ ގޮތުން ބައިވެރިވާން ބޭނުންވި ނަމަވެސް އެކަމަށް ފުރުސަތު ނުލިބުނީ ބައްޔާ ހެދި ކަމަށެވެ.

"އަހަރެން ބޭނުންވި އެންމެ ކުޑަމިނުން ސެޓަށް ޒިޔާރަތްކޮށްލަން ވެސް. އެކަމަކު ބަލީގެ ހާލަތު ނާޒުކުކަމާ ހެދި އެ ފުރުސަތެއް ވެސް ނުލިބުނު. އެކަމަކު ޒޫމް ކޯލަކުން އެ އެ މީހުންނާ ބައިވެރިވެވުނު،" މައިކަލް ބުންޏެވެ.

"ފްރެންޑްސް" ގެ އިތުރުން މައިކަލް ކުޅެފައިވާ ސިލްސިލާތަކުގެ ތެރޭގައި "ޖަސްޓް ޝޫޓް މީ"، "ސްކްރަބްސް"، "އަޔަން ޝެފް އެމެރިކާ" އަދި "މޮޑަން މިއުޒިކް" ހިމެނެ އެވެ. މައިކަލް ކުޅުނު ފިލްމުތަކުގެ ތެރޭގައި 1997 ގެ "މޯޓެލް ބްލޫ" ހިމެނެ އެވެ.