Roadha Mihaaru
ކެންސަރު ޖެހުނު "ފްރެންޑްސް" ގެ ތަރި މަރުވެއްޖެ

ކެންސަރު ޖެހުނު "ފްރެންޑްސް" ގެ ތަރި މަރުވެއްޖެ

25 އޮކްޓޯބަރ 2021

ދެހާސް އަށާރައިން ފެށިގެން ޕްރޮސްޓޭޓް ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ، ކުރީގެ މަޝްހޫރު ސިޓްކޮމް "ފްރެންޑްސް" ގެ ކާސްޓްގައި ހިމެނުނު އެކްޓަރު ޖޭމްސް މައިކަލް ޓޭލާ އާދީއްތަ ދުވަހު މަރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދެހާސް އަށާރައިން ފެށިގެން ޕްރޮސްޓޭޓް ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ، ކުރީގެ މަޝްހޫރު ސިޓްކޮމް "ފްރެންޑްސް" ގެ ކާސްޓްގައި ހިމެނުނު އެކްޓަރު ޖޭމްސް މައިކަލް ޓޭލާ އާދީއްތަ ދުވަހު މަރުވެއްޖެ އެވެ.

ފަނޑުވުމެއް ނެތް ސިޓްކޮމްގައި ގަންތާގެ ކެރެކްޓާ ކުޅުނު 59 އަހަރުގެ އެކްޓަރުގެ މަރާ ގުޅިގެން އޭނާގެ ތަރުޖަމާނު ޓޯނީ ބެންސަން ނެރުނު ބަޔާނެއްގައި ބުނީ މައިކަލް މަރުވުމަކީ އާއިލާ އަށް ލިބުނު ވަރަށް ފުން ހިމާތައެއް ކަމަށާއި އެންމެ ފަހު ވަގުތާ ހަމައަށް ވެސް މައިކަލް އަކީ ބައްޔާ ދެކޮޅަށް ވަރަށް ހިތްވަރާ އެކު ހަނގުރާމަކުރި މީހެއް ކަމަށެވެ. އޭނާ މަރުވި އެމެރިކާގެ ލޮސް އެންޖެލިސްގައި އާއިލާއާ އެކީ ދިރިއުޅެމުން އައި ގޭގަ އެވެ.

"މައިކަލް އެކްޓަރެއްގެ ގޮތުން މިއުޒިޝަނެއް. އަދި އޭނާ އަކީ ފޭނުން އަބަދު ވެސް ވަރަށް ލޯބިވި ފަންނާނެ. މައިކަލް ވަކިވެދިޔަ ނަމަވެސް އޭނާގެ ހަނދާންތައް އަބަދު ވެސް ފޭނުންނާ އެކީގައި ވާނެ،" ތަރުޖަމާނު ބުންޏެވެ.

ޖޭމްސްގެ މަރާ ގުޅިގެން "ފްރެންޑްސް" ގެ ތަރިން ސޯޝަލް މީޑިއާގައި އޭނާގެ ހަނދާންތައް ވެސް އާކޮށްފައިވެ އެވެ. އެގޮތުން ބަތަލާ ޖެނިފާ އެނިސްޓަން ބުނީ "ފްރެންޑްސް" އެއްޗަކަށްވުމުގައި ޖޭމްސްގެ ހިއްސާ ވެސް ވަރަށް ބޮޑު ކަމަށާއި އޭނާގެ ހަނދާންތައް ދުވަހަކު ވެސް ހިތުން ނުފިލާނެ ކަމަށެވެ.

ކެންސަރު ބައްޔާ ހަނގުރާމުރަމުން ދިޔަ ވާހަކަ ޖޫން މަހުގެ ތެރޭގައި ދިން އިންޓަވިއުއެއްގައި ބުނުމާ ގުޅިގެން ފޭނުން އޭނާ އަށް އަވަސް ޝިފާއަކަށް އެދި ހިތްވަރު ވެސް ދީފައިވެ އެވެ. އޭރު ޖޭމްސް ބުނީ ބައްޔާ ހެދި މިދިޔަ އަހަރުގެ ކުރީކޮޅު ގެނެސްދިން "ފްރެންޑްސް ރީޔުނިއަން" އެޕިސޯޑްގައި ވެސް ބައިވެރިނުވެވުމަކީ ލިބުނު ވަރަށް ބޮޑު މާޔޫސީއެއް ކަމަށެވެ.

"ފްރެންޑްސް" ގެ އިތުރުން މައިކަލް ކުޅެފައިވާ ސިލްސިލާތަކުގެ ތެރޭގައި "ޖަސްޓް ޝޫޓް މީ"، "ސްކްރަބްސް"، "އަޔަން ޝެފް އެމެރިކާ" އަދި "މޮޑަން މިއުޒިކް" ހިމެނެ އެވެ. މައިކަލް ކުޅުނު ފިލްމުތަކުގެ ތެރޭގައި 1997 ގެ "މޯޓެލް ބްލޫ" ހިމެނެ އެވެ.