Roadha Mihaaru
ދޮޅު އަހަރު ކިޔެވުމަށް ފަހު ބޮޑު ޗުއްޓީ އަށް

ދޮޅު އަހަރު ކިޔެވުމަށް ފަހު ބޮޑު ޗުއްޓީ އަށް

24 ޖޫން 2021

ދޮޅު އަހަރު ކިޔެވުމަށްފަހު، ސްކޫލުތައް ދޮޅު މަހަށް މިއަދު ބަންދުކޮށްފި އެވެ. މިއީ، ކޮވިޑާ ގުޅިގެން، ތައުލީމީ ނިޒާމަށް އައި ބަދަލުތަކާ އެކު، އަހަރުގެ މެދުތެރޭގައި ދިރާސީ އަހަރު ނިމުނު ފުރަތަމަ ފަހަރެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދޮޅު އަހަރު ކިޔެވުމަށްފަހު، ސްކޫލުތައް ދޮޅު މަހަށް މިއަދު ބަންދުކޮށްފި އެވެ. މިއީ، ކޮވިޑާ ގުޅިގެން، ތައުލީމީ ނިޒާމަށް އައި ބަދަލުތަކާ އެކު، އަހަރުގެ މެދުތެރޭގައި ދިރާސީ އަހަރު ނިމުނު ފުރަތަމަ ފަހަރެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ރިޕޯޓު ފޮތް ދޭނީ އޮންލައިންކޮށް ކަމަށެވެ. އެކަމަކު، މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށުގައި ދަރިވަރުންނަށް ފީޑްބެކް ދިނުމަށް ސްކޫލަށް ހާޒިރުކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ކޮވިޑު-19 ގެ ސަބަބުން މިދިޔަ އަހަރު ސްކޫލުތައް ބަންދުކޮށް ދިގުލައިގެން ދިއުމުން ދިރާސީ އަހަރަށް އެޑިއުކޭޝަން މިނިސްޓްރީން ބޮޑު ބަދަލެއް ގެނެސްފައި ވެ އެވެ. އެއީ، މިދިޔަ އަހަރުގެ ދިރާސީ އަހަރަށް ހަ މަސް އިތުރުކޮށް، ކިޔެވުން ފަށާ ދުވަސްވަރު އަހަރުގެ މެދުތެރެއަށް ބަދަލުކުރުމެވެ. އެހެންވެ، މިއަދު މި ނިމުނީ މިދިޔަ އަހަރުގެ ޖެނުއަރީގައި ފެށި ދިރާސީ އަހަރެވެ.

ބަލީގެ ހާލަތު ގޯސްވުމުން މާލެ ސަރަހައްދުގެ ސްކޫލުތަކުގައި މި އަހަރު ގިނައިން ކިޔަވައިދީފައި ވަނީ އޮންލައިންކޮށެވެ. އާއްމު ހާލަތުގައި އޮތް ރަށްރަށުގައި ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދީފައި ވެ އެވެ.

މިހާރު ހަމަޖައްސާފައިވާ ގޮތުން، މި އަހަރުގެ ދިރާސީ އާ އަހަރު ފަށާނީ އަންނަ އޮގަސްޓް 10 ގަ އެވެ.

މިނިސްޓްރީން އާއްމުކޮށްފައިވާ ދިރާސީ އާ އަހަރުގެ އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން މިޑްޓާމް ބަންދެއް ލިބޭނީ އަންނަ އޮކްޓޯބަރުން 17 އިން ފެށިގެން އޮކްޓޯބަރު 21 އަށެވެ. އަހަރުގެ ފުރަތަމަ ޓާމުގެ ޓެސްޓަށްފަހު ޑިސެމްބަރު 23، 2021 ގައި ސްކޫލުތައް ބަންދުވާނެ އެވެ.

ދެ ވަނަ ޓާމުގެ ކިޔެވުން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ 16 ގަ އެވެ. އޭޕްރީލް މަހުގެ ފުރަތަމަ ހަފުތާގައި މިޑްޓާމަށް ސްކޫލުތައް ބަންދުވާނެ އެވެ. އެއަށްފަހު އަންނަ އަހަރުގެ ޖޫން 30 ގައި ދެ ވަނަ ޓާމަށް ބަންދުވާނެ އެވެ. މަސް ދުވަހުގެ ޗުއްޓީއަކަށްފަހު އަންނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ އޮގަސްޓް 7، 2022 ގަ އެވެ.