Roadha Mihaaru
ކަޝްމީރުގެ ވެރިންނާ މޯދީ ބައްދަލުކުރައްވައިފި

ކަޝްމީރުގެ ވެރިންނާ މޯދީ ބައްދަލުކުރައްވައިފި

25 ޖޫން 2021

ކަޝްމީރުގެ އިންޑިއާ ފަޅީގެ އިސް ވެރިންނާ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއްޔެ ބައްދަލުކުރައްވައިފި އެވެ.

ކަޝްމީރުގެ އިންޑިއާ ފަޅީގެ އިސް ވެރިންނާ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއްޔެ ބައްދަލުކުރައްވައިފި އެވެ.

ބޮޑުވަޒީރުގެ ގެކޮޅުގައި ބޭއްވި ބައްދަލުވުމުގައި، ޖަންމޫ އާއި ކަޝްމީރުގެ ފަރާތުން ބައިވެރވީ އެ ސަރަހައްދުގެ ސިޔާސީ ޕާޓީތަކުގެ ވެރިންނާއި، ޖަންމޫ އާއި ކަޝްމީރުގެ ކުރީގެ ޗީފް މިނިސްޓަރުންނާއި ކުރީގެ ޑެޕިއުޓީ ޗީފް މިނިސްޓަރުންނެވެ.

އިންޑިއާގެ މަރުކަޒީ ސަރުކާރުގެ ފަރާތުން މި ބައްދަލުވުމުގައި ބޮޑުވަޒީރު މޯޑީގެ އިތުރުން، ހޯމް މިނިސްޓަރު އަމިތު ޝާހް އާއި ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް ވެސް ބައިވެރިވެ ވަޑައިގަތެވެ.

އިއްޔެގެ ބައްދަލުވުމަށް ބޮޑުވަޒީރު މޯޑީ ދައުވަތު ދެއްވާފައިވަނީ ކަޝްމީރުގެ ސިޔާސީ ވެރިންގެ ތެރެއިން އިންޑިއާގެ ބާރުގެ ދަށުގައި ކަޝްމީރު އޮތުމަށް ތާއީދުކުރާ ބޭފުޅުންނަށެވެ.

މި ބައްދަލުވުމުގައި މަޝްވަރާ ކުރާ ކަންކަން މުޅިން ކަށަވަރު ނުވިޔަސް، ބައެއް އަޑުތައް ބުނާ ގޮތުން، ކަޝްމީރުގެ ސަރަހައްދީ ސަރުކާރުން ބޭނުންވަނީ، މީގެ ދެ އަހަރު ކުރިން ހުއްޓާލާފައިވާ ސިޔާސީ ހަރަކާތްތައް އަލުން ފެށުމާ ގުޅޭ ގޮތުން މަރުކަޒީ ސަރުކާރާ ވާހަކަ ދައްކާށެވެ. އޭގެ އިތުރުން، ކަޝްމީރުގައި ކުރިން އޮތް ސްޓޭޓެއްގެ ހައިސިއްޔަތު އަލުން އަނބުރާ ހޯދުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެވޭނެ އެވެ.

ގާނޫނުއަސާސީގެ 370 ވަނަ މާއްދާ އުވައިލުމާ ގުޅިގެން، ކަޝްމީރުގެ ސްޓޭޓް ހައިސިއްޔަތު ގެއްލުމާއެކު، ކަޝްމީރު ސަރަހައްދުގެ ސިޔާސީ ނުފޫޒު ދަމަހައްޓަމުން އައި ޕާޓީތަކަށް ވެސް، ވެރިކަން ކުރާ ބީޖޭޕީން ވަނީ ފާޑުކިޔުންތައް އަމާޒުކުރަން ފަށައިފަ އެވެ. އަދި އިންޑިއާގެ އާންމު ސަލާމަތާ ބެހޭ ގާނޫނުގެ ދަށުން، ކަޝްމީރުގެ ކުރީގެ ޗީފް މިނިސްޓަރުން ކަމަށްވާ ފާރޫގު އަބްދުﷲ އާއި އޭނާގެ ދަރިކަލުން އުމަރު އަބްދުﷲ އާއި މަހްބޫބާ މުފްތީ ވެސް، 2019 ވަނަ އަހަރުގެ ތެރޭގައި ހައްޔަރުކުރި އެވެ. އެ ބޭފުޅުން މިނިވަންކުރީ އެތައް މަސްތަކެއް ވަންދެން ޖަލުގައި ގެންގުޅުމަށް ފަހު، މިދިޔަ އަހަރުގެ ތެރޭގަ އެވެ.

މޯދީގެ މި ބައްދަލުވުމަށް، ކަޝްމީރުގެ މިނިވަންކަމަށް މަސައްކަތް ކުރައްވާ، ކަޝްމީރުގެ އިންޑިއާ ފަޅީގެ ސިޔާސީ ލީޑަރުން އަންނަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އިންޑިއާގެ ބައެއްގެ ގޮތުގައި ކަޝްމީރު ބާއްވަން ތާއީދުކުރައްވާ ބޭފުޅުން އެކަނި ބައިވެރިކުރައްވައިގެން މޯދީ ބާއްވާ މި ބައްދަލުވުން އެބޭފުޅުން ސިފަކުރެއްވީ، މޯދީ ކުޅުއްވާ ސިޔާސީ ޑްރާމާއެއްގެ ގޮތުގަ އެވެ.

ކަޝްމީރުގެ މިނިވަންކަމަށް މަސައްކަތްކުރައްވާ މުޝްއާލް ހުސައިން ވިދާޅުވި ގޮތުގައި، އިންޑިޔާގެ ބޮޑުވަޒީރު މޯޑީ ވަނީ، ކަޝްމީރުގައި ދިރިއުޅޭ މީހުންގެ ރައްޔިތުކަން ވެސް ނިގުޅައިގެންފަ އެވެ. އޭގެ އިތުރުން، ކަޝްމީރުގެ ދިދަ އާއި ކަޝްމީރަށް ލިބިގެންވާ ސްޓޭޓެއްގެ ހައިސިއްޔަތު ވެސް ނިގުޅައިގެންފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކަޝްމީރު ރައްޔިތުންގެ އަނގަތައް ބަންދުކޮށް، ގެދޮރު ދޫކޮށް ދާން މަޖުބޫރު ކުރުމަށް ފަހު، މޯދީ އެ ކުޅުއްވާ ކުޅިވަރަކީ އާދައިގެ ކަމެއް ކަމަށް ނުވަތަ ޑިމޮކްރެސީކަމަށް ދުނިޔެ ގަބޫލުކުރާނެ ކަމަށް މޯޑީ އުންމިދު ކުރައްވަނީ އެވެ. އެހެން ނަމަވެސް، ކަޝްމީރުގެ ރައްޔިތުން ތަމްސީލުކުރައްވާ ހަގީގީ މަންދޫބުން ތިބީ ކުޑަ ގޮޅީގައި ބަންދުކޮށްފަ އެވެ. އަދި އެމީހުންނަށް އިންޑިއާ ސަރުކާރުން އަނިޔާކޮށް ފުރައްސާރަކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ބައްދަލުވުމާ ދެކޮޅު ހައްދަވަމުން ހުއްރިއްޔަތު ޕާޓީގެ މަންދޫބު އަލްތާފް ހުސައިން ވިދާޅުވީ "ސިޔާސީ މީހުންނޭ ކިޔާ ބަޔަކާ" ބައްދަލުކޮށް، ކަޝްމީރު އޮތީ އާދައިގެ އާންމު ހާލަތެއްގައި ކަމަށް ދުނިޔެއަށް ދައްކަން އުޅުމަކީ، މޯޑީ ހައްދަވާ ގޯހެކެވެ. އަދި އިންޑިޔާ ސަރުކާރުން އަބަދުވެސް އަންނަނީ ކަޝްމީރު ރައްޔިތުންނަށް ހިޔާނާތްތެރިވަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއީ ޖަންމޫ އާއި ކަޝްމީރުގެ އިންޑިއާ ފަޅި އަށް ހާއްސަ އިމްތިޔާޒުތަކެއް ލިބިގެންވާ ކަން އިންޑިއާގެ ގާނޫނުއަސާސީގައި ކަނޑައަޅާފައި 370 ވަނަ މާއްދާ އުވައިލި ފަހުން، ކަޝްމީރުގެ އިސް ވެރިންނާ އެކު ބޮޑުވަޒީރު ބޭއްވެވި ފުރަތަމަ ބައްދަލުވުމެވެ. މި ބައްދަލުވުމުގައި ކަޝްމީރުގެ ސިޔާސީ 14 ބޭފުޅަކު ބައިވެރިވެ އެވެ.

ނަމަވެސް، ކަޝްމީރުގެ މިނިވަންކަމަށް ވަކާލާތު ކުރާ ޕާޓީތައް ގުޅިގެން އުފައްދާފައި އޮންނަ، އޯލް ޕާޓީސް ހުއްރިއްޔަތު ކޮންފަރެންސް އަށް، ބައްދަލުވުމަށް ދައުވަތެއް ނުދެ އެވެ.

އިންޑިއާގެ ގާނޫނުއަސާސީގެ 370 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން، 1954 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ސްޓޭޓެއްގެ ގޮތުގައި ބަލަމުން އަންނަ ޖަންމޫ އާއި ކަޝްމީރަކީ، ވަކި ގާނޫނުއަސާސީއަކާއި ވަކި ދިދައެއް ލިބިގެންވާ، އަދި އިދާރީ ހިންގުމުގެ ގޮތުން ފުރިހަމަ މިނިވަންކަން ލިބިގެންވާ ސްޓޭޓެކެވެ.

އެ މާއްދާ އުވައިލީ، އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ދެ ގޭގެ ތިން ބައިކުޅަ ދެ ބައިގެ އަގުލަބިއްޔަތުން ފާސްކުރި ގަރާރަކުން ބާރު ލިބިގެން، އިންޑިއާގެ ރައީސް ނެރުއްވި ރިއާސީ ގަރާރަކުން އޮގަސްޓް 5، 2019ގަ އެވެ. އެހެންކަމުން، ގާނޫނުއަސާސީގެ 370 ވަނަ މާއްދާ އިން، ޖަންމޫ އާއި ކަޝްމީރަށް ލިބިދިން ހުރިހާ އިމްތިޔާޒްތަކެއް އުވިގެން ގޮސް، އިންޑިއާގެ ގާނޫނުއަސާސީގެ ފުރިހަމަ ބާރު، އެ ސަރަހައްދަށް ހިނގާނެ އެވެ.

އިނގިރޭސީންގެ އަޅުވެތިކަމުން އިންޑިޔާ އާއި ޕާކިސްތާނަށް 1947 ވަނަ އަހަރު މިނިވަންކަން ލިބުނީއްސުރެ، ކަޝްމީރުގެ މިލްކުވެރިކަމަށް އިންޑިޔާ އާއި ޕާކިސްތާނުން ވެސް އަންނަނީ ދައުވާ ކުރަމުންނެވެ. އޭގެ އިތުރުން ކަޝްމީރުގެ އިރުމަތީގައި އޮންނަ އަކްސާއީ ޗިން ކިޔާ ސަރަހައްދުގެ މިލްކުވެރިކަމާ މެދު އިންޑިޔާ އާއި ޗައިނާއާ ދެމެދު ވެސް ވަނީ އަރައިރުން އުފެދިފަ އެވެ.

ކަޝްމީރުގެ އިންޑިއާ ފަޅީގެ ހަނގުރާމަވެރިން، 1990ގެ އަހަރުތަކުގެ ތެރޭގައި، އިންޑިޔާ އިން ވަކިވުމަށް ނުވަތަ ޕާކިސްތާނަށް ގުޅުމުގެ ބޭނުމުގައި އިންޑިއާ ސަރުކާރާ ދެކޮޅަށް ހަނގުރާމަތަކެއް ވެސް ކުރި އެވެ.