Roadha Mihaaru
އެމްޑީޕީގެ އަހަރީ ދުވަހު އޮތީ މާޔޫސްކަމުގެ ވާހަކަ!

އެމްޑީޕީ އަށް 16 އަހަރު ފުރުނުއިރު އޮތީ މާޔޫސްކަމާއި ނުތަނަވަސްކަން!

26 ޖޫން 2021

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލައިގެ ހިތްދަތި ހަނދާންތަކާއެކު، އެ ޕާޓީގެ 16 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަކުރާއިރު، އެއީ "ކަޅު ދުވަހެއް" ގެ ގޮތުގައި ބައެއް މެމްބަރުން ސިފަކޮށްފި އެވެ.

މަރިޔަމް ޝަހުދާ މަރިޔަމް ޝަހުދާ

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލައިގެ ހިތްދަތި ހަނދާންތަކާއެކު، އެ ޕާޓީގެ 16 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަކުރާއިރު، އެއީ "ކަޅު ދުވަހެއް" ގެ ގޮތުގައި ބައެއް މެމްބަރުން ސިފަކޮށްފި އެވެ.

ޖޫން 26، 2005 ގައި އުފެއްދި ސިޔާސީ ޕާޓީ އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަކުރާއިރު، އެ ޕާޓީ ވުޖޫދަށް ގެނައުމުގައި ބޮޑެތި ގުރުބާނީތަކެއް ވި ބޭފުޅުންގެ ލިސްޓުގެ އެންމެ ކުރީގައި ހުންނެވި ނަޝީދު އަވަހާރަ ކޮށްލަން މިދިޔަ މަހުގެ 6 ގައި ދިން ޓެރަރިސްޓް ހަމަަލައިގައި ލިބުނު ބޮޑެތި ޒަހަމްތަކަށް އިތުރު ފަރުވާ ހޯއްދަވަން އެ މަނިކުފާނު މިހާރު ހުންނެވީ ޖަރުމަނުގަ އެވެ. އެހެންވެ، އެމްޑީޕީގެ ގިނަ މެމްބަރުން މިއަދު ތިބީ އެ ހިތްދަތިކަމއި މާޔޫސްކަމުގަ އެވެ.

އެމްޑީޕީގެ އަހަރީ ދުވަހާ ގުޅިގެން މިއަދު ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ގިނަ މެމްބަރުން ވަނީ ގައުމުގެ މިހާރުގެ ހާލަތާ ގުޅިގެން ޝުއޫރު ފާޅުކޮށްފަ އެވެ. އަދި ރާއްޖޭގެ ކަންކަން ހިނގަމުންދާ ގޮތުންނާއި ޕާޓީގެ ލީޑަރު ނަޝީދަށް ދިން ޓެރަރިސްޓު ހަމަލައާ ގުޅިގެން ހުރި ކަންބޮޑުވުންތައް އެ މެމްބަރުން ގައުމީ މަޖިލިހުގެ އެހެން މެމްބަރުންނާ ހިއްސާކުރި އެވެ.

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ، ދަތި އުނދަގޫ ދުވަސްތަކަކަށް ފަހު، އެ ޕާޓީގެ މެމްބަރުން ކުރި ބުރަ މަސައްކަތުން އަލުން އެމްޑީޕީ ވެރިކަމުގައި އޮތަސް، އެއްވެސް ކަމެއް ނިމުނީ ކަމަށް ދެކެވަޑައިގަންނަވަން އުނދަގޫ ކަމަށެވެ. ހުރިހާ ކަމެއް ހާސިލު ކުރެވުނު އިރު އަދިވެސް ނުތަނަވަސްކަން އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ، މިއަދު މި ހުރިހާ ކަމެއް އަޅުގަނޑުމެންނަށް ހާސިލުވި އިރުގައި ވެސް ނުތަނަވަސްކަން އެބަހުރި. އަޅުގަނޑުގެ ނަޒަރުގަ އަޅުގަނޑުމެންނަށް އޮތް އެންމެ ބޮޑު ނުތަނަވަސްކަމަކީ 16 ވަނަ އަހަރީ ދުވަސް މި ޕާޓީން ފާހަގަ ކުރަމުން ދާއިރު ނަފްސުގެ ރައްކާތެރިކަމާއި އަދި ސިއްރިއްޔާތުގައި އަޑީގައި ތިބެގެން ނޭނގި ކުރިއަށް ގެންދާ ކެމްޕޭނެއްގެ ވަރުގަދަ ކަމުގެ އިހުސާސް،" ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމުގައި ވެސް ހުންނެވި ޝިފާޒް ވިދާޅުވި އެވެ.

ނަމަވެސް ބަޔަކު އަޑީގައި ތިބެގެން ހިންގާ ކެމްޕެއިނުގެ ތަފުސީލެއް އޭނާ މިއަދު ނުދެއްވަ އެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ، އެމްޑީޕީގެ މެމްބަރުން މިއަދު ތިބީ މާ އުފަލުގައި ނޫން ކަމަށެވެ. އުފަލެއްގައި ތިބެވޭކަށް ނެތް ކަމަށާއި ޕާޓީގެ އާންމު މެމްބަރުންނަށް ތިބެން ޖެހިފައި މިވަނީ ވަރަށް އަނދިރި، ދެރަ ހާލަތެއްގައި ކަމަށެވެ.

"ހާއްސަ ގޮތެއްގައި، ރައީސް ނަޝީދަށް ދިން ހަމަލާ، އެ މަނިކުފާނު އަވަހާރަ ކޮށްލުމަށް ދިން ހަމަލައާ ގުޅިގެން އަޅުގަނޑުމެން މި ތިބެނީ މޯޅިވެފައި. މުޅި އެމްޑީޕީގެ ހުރިހާ އާންމު މެމްބަރުން މި ތިބެނީ މާޔޫސްވެ ދެރަވެ، އެކަމުގައި އަބަދުމެ ކަންބޮޑުވެފައި. ދެން ވާނީ ކިހިނެތްތޯ ސުވާލު ކޮށްލަކޮށްލާ،" އިންތި ވިދާޅުވިއެވެ.

މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވެސް ވިދާޅުވީ، މިއީ ކަޅު، އަނދިރި ދުވަހެއް ކަމަށެވެ.

"ހުދު އަޅުގަނޑުގެ ހިތުގައި ވެސް ބިރުވެރިކަން އެބައޮތް. ރޭގެ 11:30 ހާއިރުގަ އަޅުގަނޑު ގެއަށް އައި މަގުމަތީގައި ވެސް އަޅުގަނޑުމެންނަށް ރައްކާތެރިކަމެއް ނެތް ކަމުގެ އިހުސާސް ފުރަތަމަ ފަހަރަށް އަޅުގަނޑަށް އިހުސާސް ކުރެވުނު. އެހެންވީމާ އަންހެނުންނަށް، ހާއްސަކޮށް މި ޕާޓީގެ މީހުންނަށް އަދި ޖުމުލަ ގޮތެއްގައި ދިވެހި އަންހެނުންނަށް މަގުމަތީގެ ރައްކާތެރިކަން އޮތް ކަމާ މެދު މިއަދު ހިޔާލު ކުރެވޭ،" ޝިފާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި އެމްޑީޕީން މިއަދު ވެރިކަން ކުރާއިރު، އަންހެނުންނަށް މަގުމަތީގައި ބޭނުންވާ ރައްކާތެރިކަމާއި ކުޑަކުދިންގެ ރައްކާތެރިކަން ލިބޭނެ ފަދަ ގޮތަކަށް ކަންކަން ރާވަން ބޭނުންވެ އެވެ. ކުރިން ޕާޓީން ވެރިކަން ކުރި ފުރުސަތުގައި އިޖުތިމާއީ ބޮޑު ނެޓުވޯކެއް ފެށުނު ކަމަށއި އެ މަސައްކަތުގެ އަގު ހިފަހައްޓަން ޖެހޭ ކަމަށް ޝިފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީން 2008 އިން ފެށިގެން ތިން އަހަރުގެ މުއްދަތަށް ކުރިން ވެރިކަން ކުރިއިރު، ދިމާވި ގޮންޖެހުންތަކާ އަނެއްކާ ވެސް ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން ދީނުގެ ނަމުގައި ގޮންޖެހުން ކުރިމަތި ކުރުވާ ކަމަށާއި ބައިނަލްއަގްވާމީ ގޮތުން އެކި އެހީ ފޯރުކޮށްދޭ ގައުމުތަކަށް ވެސް ގޮންޖަހާ ކަމަށް ޝިފާ ވިދާޅުވިއެވެ. އަދި މިއީ ސިޔާސީ ފަރާތްތަކުން އެމްޑީޕީ އަށް ކުރިމަތި ކުރާ ގޮންޖެހުންތައް ކަމަށް ޝިފާ ވިދާޅުވިއެވެ.