Roadha Mihaaru
މަދު މެމްބަރުންތަކެއްގެ ވޯޓާއެކު، ގަރާރު ފާސްކޮށްފި

މަދު މެމްބަރުންތަކެއްގެ ވޯޓާއެކު، ނަޝީދުގެ ގަރާރު ފާސްކޮށްފި

25 ޖުލައި 2021

ޓެރަރިޒަމާ ދެކޮޅަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށްޓަކައި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލައްވައި، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ގަރާރު އެ ޕާޓީގެ ގައުމީ މަޖިލީހުގެ ވަރަށް މަދު މެމްބަރުންތަކެއްގެ ވޯޓާއެކު މިރޭ ފާސްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޓެރަރިޒަމާ ދެކޮޅަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށްޓަކައި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލައްވައި، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ގަރާރު އެ ޕާޓީގެ ގައުމީ މަޖިލީހުގެ ވަރަށް މަދު މެމްބަރުންތަކެއްގެ ވޯޓާއެކު މިރޭ ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު އަވަހާރަ ކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ފުލުހުން ރޭ އާންމުކުރި މައުލޫމާތުތަކާ ގުޅިގެން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ސަރުކާރަށް ގޮވާލަން އެމްޑީޕީގެ ގައުމީ މަޖިލީހަށް ނަޝީދު މިރޭ ގަރާރެއް ހުށަހެޅުއްވި އެވެ. އެކަމާ ގުޅިގެން މަޖިލީހުގެ ކުއްލި ޖަލްސާއެއް ދައުރުން ބޭރުން ބާއްވަން ވެސް އެ މަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.

ބޮމުގެ ހަމަލާގައި ލިބުނު ޒަހަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް އިނގިރޭސި ވިލާތުގައި މިހާރު ހުންނެވި ނަޝީދު ބައިވެރިވެވަޑައިގެން އޮންލައިންކޮށް ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި އެ މަނިކުފާނުގެ ގަރާރު ފާސްކުރީ މިރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 41 މެމްބަރުންގެ ތެރެއިން 39 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެކަމަކު ގައުމީ މަޖިލީހުގައި 148 މެމްބަރަކު ތިއްބަވާއިރު، މިރޭގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ މެމްބަރުން ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އެހެންވެ، ނަޝީދުގެ މި މުހިންމު ގަރާރު ފާސްކުރީ އެ މަނިކުފާނުގެ ފެކްޝަންގެ ބޭފުޅުންގެ ވޯޓާއެކު އެކަންޏެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކޯރަމަކީ 37 ކަމަށް ވާއިރު، ނަޝީދުގެ ގަރާރު ފާސްކުރަން ބޭއްވި ޖަލްސާ ކުރިއަށް ގެންދިޔައީ ކިރިޔާ ކޯރަމް ހަމަވާ ވަރަށް މެމްބަރުން ތިއްބަވައިގެންނެވެ.

ގާނޫނުއަސާސީ އޮތްގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް އެކަނި ލިބިވަޑައިގަންނަވާ ބާރަކަށް ވާތީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ހުށަހެޅުއްވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބައި ނަޝީދުގެ ގަރާރުން އުނި ކުރުމަށެވެ. އެކަމަކު ނަޝީދުގެ ގަރާރު ފާސްކުރުމަށް ފަހު، އާޒިމްގެ ހުށަހެޅުމަކަށް ވޯޓަކަށް ނާހަ އެވެ.

ގައުމީ މަޖިލީހުގެ ޖަލްސާގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ނަޝީދަށް ދިން ހަމަލާއަށް ފަހު ވެސް ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ގިނަ ބަޔަކު ވާހަކަ ދައްކަމުންދާ ކަމަށެވެ. އަދި މިހާރު ހުރި ގާނޫނުތަކުގެ ތެރެއިން އެކަންކަމަށް ހައްލު ހޯދަން ދަތިތަކެއް ކުރިމަތިވާ ކަމަށާއި އެހެންވެ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން މި އަށް ވުރެ ރަނގަޅު ވަގުތެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި އަށް ވުރެ ވަކި މުހިންމު ވަގުތެއް ނޯންނާނެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްގެން މި މައްސަލައަށް އެޑްރެސް ކުރަން،" އިންތި ވިދާޅުވި އެވެ.

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ ރާއްޖެ މިއަދު ފެންނަނީ އަފްޣާނިސްތާނު އޮތް ހާލަތަށް ބަދަލުވަމުންދާ މަންޒަރު ކަމަށާއި ހާއްސަ ފިޔަވަޅުތަކެއް ނާޅާ ނަމަ ރާއްޖެ ސަލާމަތް ނުކުރެވޭނެ ކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި ހަނގުރާމައަށް ގޮސްފައި ތިބި މީހުން އެނބުރި އައިސް ރާއްޖޭގައި އުޅެމުން ދާއިރު، އެފަދަ މީހުންނާ ގުޅިފައިވާ އެތައް ބަޔަކު އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އެ މީހުންނާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅުތައް އަޅަން ދަތިތައް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި ޓެރަރިސްޓުންގެ ގޮތުގައި 1،400 ނުވަތަ 1،500 މީހުން ތިބި ކަމަށް ފުލުހުންނަށް އެބަ ސާފުކޮށް އިނގޭ. އެ މީހުންގެ ގައިގައި ޓެގް އެޅުވޭކަށް ނެތޭ އެ ބުނަނީ. ޓެގެއް ނެތޭ، ޓެގް އަޅުވާނެ ހެއްކެއް ލިބޭކަށް ނެތޭ. ޓެރަރިޒަމް ގާނޫނުގެ ދަށުން ނުވަތަ އެހެން ވެސް ގާނޫނެއްގެ ދަށުން އެ މީހުން ބަލައި، ފާސްކޮށް ހެކި ހޯދައި، ހައްޔަރު ކުރެވޭނެ ގޮތެއް ވެސް ނެތޭ،" އިލްޔާސް ވިދާޅުވި އެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން 10 މީހަކު ހައްޔަރު ކޮށްފައިވާއިރު، ފުލުހުން ބުނެފައިވަނީ އެ ހަމަލާ ދިނީ އެތައް ފަހަރެއްގެ މަތިން ނަޝީދަށް ފާރަލުމަށްފަހު އަދި އެކިފަހަރު މަތިން ހަމަލާދޭން މަސައްކަތް ކުރުމަށްފަހު ކަމަށެވެ. އަދި އެ ހަމަލާދިނީ އެމަނިކުފާނަކީ އަވަހާރަކޮށްލަންޖެހޭ މީހެއް ކަމަށް ދެކިގެން ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

އެ ހަމަލާގައި ނަޝީދަށް ލިބިވަޑައިގަތް އަނިޔާތަކާ ގުޅިގެން އެމަނިކުފާނު މިހާރު ހުންނެވީ އިތުރު ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރުގަ އެވެ.