Roadha Mihaaru
ހަމަލާގެ ތަހުގީގު ހަރުކަށި ފިކުރަށް އެކަނި އަމާޒުނުކުރޭ

ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ހަރުކަށި ފިކުރަށް އެކަނި އަމާޒު ކޮށްގެން ނުވާނެ: އެމްޑީޕީ

19 ޖޫން 2021

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު، ދީނީ ހަރުކަށި ފިކުރަށް އެކަނި އަމާޒު ކޮށްގެން ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށް އެ ހަމަލާގެ ކަންކަން ބެލުމަށް އެމްޑީޕީން އުފައްދާފައިވާ ކޮމިޓީން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު، ދީނީ ހަރުކަށި ފިކުރަށް އެކަނި އަމާޒު ކޮށްގެން ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށް އެ ހަމަލާގެ ކަންކަން ބެލުމަށް އެމްޑީޕީން އުފައްދާފައިވާ ކޮމިޓީން މިއަދު ބުނެފި އެވެ.

މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވައިލި މައްސަލައިގެ ޖިނާއީ ތަހުގީގު ހިންގަމުން ދާއިރު، މަޖިލީހުން އަންނަނީ އެ މަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބަލަން އިންކުއަރީއެއް ހިންގަމުންނެވެ. ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީގެ އެ އިންކުއަރީ ކުރިއަށް ގެންދާ ގޮތް ބެލުމަށް އެމްޑީޕީން ވަނީ "މެއި 6 ގެ ކޮމިޓީ" ގެ ނަމުގައި ކޮމިޓީއެއް ވެސް އުފައްދައިފަ އެވެ.

އެ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވީ، ނަޝީދަށް ދިން ހަމަލާ ގުޅެނީ ދީނީ ހަރުކަށި ފިކުރުގެ ބަޔަކާ ކަމަށް ފުލުހުން ބުނެފައި ވިޔަސް، އެ މީހުންނަށް އެކަނި އަމާޒުކޮށްގެން ތަހުގީގު ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށެވެ. އެކަމަށް ފަންޑުކުރި ބަޔަކާއި އެހީތެރިވި މީހުން ވެެސް ހިމެނޭހެން، ހުރިހާ ގޮތަކުން ބަލަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަކި ބަޔަކަށް އެކަނި ނެރޯ ޑައުން ކޮށްގެން މިކަން ކުރިއަށް ގެންދެވޭކަށް ނެތް. އަޅުގަނޑުމެން ބަލަން ޖެހޭ މީގެ ތެރޭގައިި ދެން މި އުޅެނީ ކޮން ބައެއްތޯ. ކޮން ބައެއްގެ އިންޓަރެސްޓްގައިތޯ މިކަން މި ކުރެވުުނީ. މި ހުރިހާ ދިމާލަކުން މިކަން ބަލައިގެން އަޅުގަނޑުމެންނަށް މިފަދަ ކަންތައްތަކުގެ އެންމެ އަޑިއަށް ދެވޭނީ،" އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އަފީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ ކޮމިޓީ އަށް ނަޝީދުގެ ފަރާތްޕުޅުން އައްޔަން ކުރާނީ ކޮމަންވެލްތު ގައުމުތަކުގެ ތެރެއިން ކޮންމެވެސް އެއް ގައުމެއްގެ ތަޖުރިބާކާރު ބޭފުޅެކެވެ. އެފަދަ ބޭފުޅަކު އައްޔަން ކުރުމުގެ މަސައްކަތް ނަޝީދު ކުރައްވަމުން ގެންދަވާ ކަމަށް އަފީފު ވިދާޅުވި އެވެ.

"ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެ ބޭފުޅާ ބޭނުންވަނީ މި ކޮމެޓީ އަށް އެ ބޭފުޅާގެ ފަރާތުން، ކޮމަންވެލްތުގެ ކޮންމެވެސް ގައުމެއްގެ މިފަދަ މަސައްކަަތް ކުރައްވާފައި ހުރި ބޭފުޅަކު އައްޔަން ކުރައްވަން ކަމަށް،" އަފީފު ވިދާޅުވި އެވެ.

ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާއި އެމްއެންޑީއެފާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދާފައިވާ އިންޓެލިޖެންސް އޮޑިޓް ކޮމިޓީގެ އިތުރުން ރައީސާ ވެސް ބައްދަލު ކުރަން އެމްޑީޕީގެ ކޮމިޓީން މަސައްކަތް ކުރާނެ ކަމަށް އަފީފު ވިދާޅުވި އެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުން ހިންގާ ތަހުގީގަށް ވެސް ސިފައިންނާއި ފުލުހުން ގެންދަނީ ހާޒިރު ކުރަމުންނެވެ. އެ މައްސަލައިގެ ޖިނާއީ ތަހުގީގު ހިންގަމުން ދާއިރު، ހަތަރު މީހަކު އެ މައްސަލައާ ގުޅިގެން މިހާތަނަށް ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އެ ހަމަލާދިނީ ދީނީ ހަރުކަށި ފިކުރުގެ ބައެކެވެ.