Roadha Mihaaru
އަނެއްކާވެސް އިންޖީނުތަކުގެ އުނދަގުލުގެ ވާހަކަ

އަނެއްކާ ވެސް ސްޓެލްކޯގެ އިންޖީނުތަކުގެ އުނދަގުލުގެ ވާހަކަ، މި ފަހަރު މެމްބަރެއްގެ ގަރާރެއް

28 ޖޫން 2021

މާލޭގައި ހިންގާ ސްޓެލްކޯގެ އިންޖީނުގެ އެހެން ތަނަކަށް ބަަދަލުކުރުމަކީ ކުރެވޭނެ ކަމެއްތޯ ބެލުމަށާއި ވަގުތީ ގޮތުން ނަަމަވެސް އެ ތަން މާލެެ އިން ބޭރަށް ގެންދެވޭނެ ގޮތެއް އޮތްތޯ ބަލަން ގޮވާލައި އެމްޑީޕީގެ މެމްބަރަކު ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅުއްވައިފި އެެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މާލޭގައި ހިންގާ ސްޓެލްކޯގެ އިންޖީނުގެ އެހެން ތަނަކަށް ބަަދަލުކުރުމަކީ ކުރެވޭނެ ކަމެއްތޯ ބެލުމަށާއި ވަގުތީ ގޮތުން ނަަމަވެސް އެ ތަން މާލެެ އިން ބޭރަށް ގެންދެވޭނެ ގޮތެއް އޮތްތޯ ބަލަން ގޮވާލައި އެމްޑީޕީގެ މެމްބަރަކު ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅުއްވައިފި އެެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި ގަރާރުގައި ވިދާޅުވީ، ވަގުތީ ގޮތުން މާލެ އަށް ކަރަންޓް ދިނުމަކީ ބާޖެއްގައި ގޭސް އިންޖީނު އޮޕަރޭޓް ކޮށްގެން ކުރެވިދާނެ ކަމެއްތޯ ބެލުމަށް ވެސް ގޮވައިލައްވާ ކަމަށެވެ.

އޭނާ މިފަދަ ގަރާރެއް ހުށަަހެޅުއްވި އިރު، މާލެ ސަރަހައްދަށް ކަރަންޓް ދިނުމަށްޓަކައި ހުޅުމާލޭގައި އިންޖީނުގެއެއް އަޅައި، އެ އިންޖީނުގެ އިން މާލެ އަށް ކަރަންޓް ދިނުމަށް ކުރިއްސުރެ ފަށާފައިވާ މަޝްރޫއެއް މިހާރު ވެސް ކުރިއަށްް އެބަ ގެންދެ އެވެ. އެ މަޝްރޫއު އަވަހަށް ނިންމަން ވެސް މީކާއިލް ގޮވައިލެއްވި އެވެ.

އިންޖީނުގެ ހުރި ސަރަހައްދުގައި ދިރިއުޅޭ މީހުން އެހެން ސަރަހައްދަކަށް ބަދަލުކުރުމަކީ މެދުރާސްތާގައި ކުރެވެން އޮތް ކަމެއްތޯ ބަލަން ވެސް އޭނާގެ ގަރާރުގައި ވެ އެވެ.

އިންޖީނުގެ އެހެން ތަނަކަށް ބަދަލުކުރުން އަވަސްކުރުމަށާއި އެ މަސައްކަތް ނިމެންދެން ވަގުތީ ހައްލެއް ނަމަވެސް ހޯދަން ގޮވައިލެއްވީ މީކާއީލް ވިދާޅުވި ގޮތުގައި އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ވަރަށް ބޮޑެތި ގެއްލުންތައް ވަމުން ދާތީ އެވެ.

އެ ސަރަހައްދުގެ ޖައްވުގައި އަބަދު ތެޔޮ ވަސް ހިފާފައި ހުރުމާއި ދުމުގެ ސަބަބުން ވައި ނުސާފު ވުމަކީ އެގޮތުން ކުރިމަތިވެފައިވާ އެއް މައްސަލަ ކަމަށް މީކާއިލް ވިދާޅުވި އެވެ. ވައިނުސާފުވުމުގެ ސަަބަބުން ދިމާވާ ސިއްހީ މައްސަލަތަކުގެ ލިސްޓެއް ވެސް ގަރާރުގައި ހިމެނުއްވި އެވެ. އެއީ ނޭވާލާ ނިޒާމަށް މައްސަލަތައް ކުރިމަތިވުމާއި ބޮލުގައި ރިއްސުން އަދި އެހެން ބައެއް ބަލިތައް ޖެހުމެވެ.

އެ މައްސަލަތައް އެހެން ހުރުމުން، ސްޓެލްކޯ ސަރަހައްދުގެ ގެތަކުގެ މީހުން އަބަދުވެސް އުޅެން ޖެހެނީ ކުޑަދޮރުތައް ލައްޕައިގެން ކަމަށާއި ތެޔޮ ތާންގީތަކުގެ ސަބަބުން އަލިފާނުގެ ހާދިސާއެއް ހިނގުމުގެ ބިރު އެ ބައޮތް ކަމަށް ވެސް ގަރާރުގައި މީކާއީލް ވިދާޅުވި އެވެ.

ސްޓެލްކޯގެ އިންޖީނުގޭގެ ސަބަބުން، އެ ސަރަަހައްދުގައި ދިރިއުޅޭ މީހުންނަށް އުނދަގޫވާ ވާހަކަ އާއި ސިއްހީ މައްސަލަތަކުގެ ވާހަކަ ދައްކާތާ އެތައް އަހަރެއްވި ނަމަވެސް މިއީ ވެސް މާލޭގައި ހައްލު ނުުކުރެވޭ ލިސްޓުގެ އެންމެ ކުރީގައި އުޅޭ އެއް ކަންތަކެވެ.