Roadha Mihaaru
ރާއްޖޭގައި އޮޔާއި ރާޅުން ކަރަންޓު އުފެއްދޭތޯ ބަަލަނީ

ރާއްޖޭގައި އޮޔާއި ރާޅުން ކަރަންޓް އުފެއްދޭތޯ ބަަލަނީ

23 ނޮވެމްބަރ 2016

ރާއްޖޭގައި އަޮޔާއި ކަނޑުގެ ރާޅުން ކަރަންޓު އުފެއްދޭތޯ ބެލުމުގެ ދިރާސާތަކެއް ކުރަމުން އަންނަ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރާއްޖޭގައި އަޮޔާއި ކަނޑުގެ ރާޅުން ކަރަންޓު އުފެއްދޭތޯ ބެލުމުގެ ދިރާސާތަކެއް ކުރަމުން އަންނަ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ މިދިޔަ ތިން އަހަރުގެ ތެރޭގައި، ހަކަތަ އުފެއްދުމުގެ ދާއިރާ އިން ލިބިފައިވާ ކުރިއެރުންތައް ފާހަގަކުރުމަށް، މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މިހާތަނަށް އިޔާދަކުރަނިވި ހަކަތަ އުފައްދަމުން އައީ އިރުގެ އަވިންނާއި ކުނި ނައްތާލާއިރު އުފެދޭ ހޫނުން ކަމަށެވެ. އެކަމަކު އެންމެ ބޭނުންތެރި ގޮތުގައި ހަކަތަ އުފެއްދޭނެ އާ ގޮތްތައް މުޅި ދުނިޔެ އިން ވެސް ހޯދަމުން އަންނަ ދަނޑިވަޅެއްގައި ރާއްޖެ އިން ވެސް އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުުވި އެވެ.

އެގޮތުން، ތޯރިގް ވިދާޅުވީ އޮޔާއި ރާޅުން ކަރަންޓު އުފެއްދޭތޯ ބެލުމަށް މިހާރު ދިރާސާތައް ފަށާފައިވާ ކަމަށެވެ.

އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގައި މިދިޔަ ދިޔަ ތިން އަހަރުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާކަން ފާހަގަ ކުރައްވައި ތޯރިގު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ 2018 ވަނަ އަހަރު ނިމުމުގެ ކުރިން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދުވާލު ގަޑީގައި ދޭ ކަރަންޓުގެ 30 ޕަސެންޓަކީ އިރުގެ އަވިން އުފައްދާ ކަރަންޓު ކަމުގައި ހެދުން ކަމަށެވެ.

އަދި އެކަމަށް މިހާރު މަސައްކަތް ފަށާފައިވާއިރު، ހަ ރަށެއްގައި އިރުގެ އަވިން ކަރަންޓު ދެމުން އަންނަ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން އަށް ރަށެއްގައި އެކަމުގެ އަމަލީ މަސައްކަތް އަންނަނީ ކުރަމުންނެވެ. ގިނަ ރަށްތަކެއްގައި ސޯލާ ޕެނަލް ބެހެއްޓުމަށް އެކި ފަރާތްތަކާ ހަވާލުކޮށް، ނުވަތަ ބިޑު ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ތޯރިގް ވިދާޅުވި ގޮތުގައި މުޅިއެކު 112 ރަށެއްގައި އެކަމާ ގުޅުން ހުރި މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ 2018 އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި 20 މެގަވޯޓުގެ އިއާދަކުރަނިވި ކަރަންޓު އުފެއްދުން. އެކަން ހާސިލް ކުރުމަށް އަޅުގަނޑުމެން މިހާރު މިދަނީ މިނިސްޓްރީ އާއި ސްޓެލްކޯ އާއި ފެނަކައިގެ އިތުރުން ޕްރައިވެޓް ސެކްޓާ މެދުވެރިކޮށް، މަސައްކަތްތަކެއް ކުރަމުން،" އެންވަޔަރުމެންޓް މިނިސްޓްރީގެ ހުރިހާ މުވައްޒަފުންނާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ހަކަތައިގެ ދާއިރާ އަށް ލިބުނު ކުރިއެރުން ފާހަގަކުރުމަށްޓަކައި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ މުވައްޒަފުން މިއަދު ކޭކް ފަޅަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ރައީސް ޔާމީންގެ ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ހަކަތައިގެ ދާއިރާ އަށް ލިބުނު ކުރިއެރުން ފާހަގަކުރުމަށްޓަކައި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ މުވައްޒަފުން މިއަދު ކޭކް ފަޅަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

އިރުގެ އަވިން ހަކަތަ އުފެއްދުމުގެ އިތުރުން ވައިން ކަރަންޓު އުފެއްދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

އެގޮތުން ތޯރިގު ވިދާޅުވީ ވައިން ކަރަންޓު އުުފެއްދުމަށް ޅ. ނައިފަރާއި ކ. ހިންމަފުށީގައި ފަންނީ މަސައްކަތް ފަށާފައިވާއިރު އަންނަ އަހަރު އެކަމުގެ އަމަލީ މަސައްކަތްތައް ކުރާނެ ކަމަށެވެ. އޭގެ އިތުރުން ރ. ވަންދޫގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގައި ހުންނަ އިންސިއުލޭޓަރުން، ކުނި ނައްތާލައިގެން އެ ރަށަށް ބޭނުންވާ ވަރަށް އަންނަ އަހަރު ހަކަތަ އުފެއްދޭނެ ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ރާއްޖޭގެ ޖީޑީޕީގެ 20-23 ޕަސެންޓް ތެޔޮ އެތެރެ ކުރުމަށް ހަރަދު ކުރާއިރު، އެ މިންވަރު މަދުކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓްރީން ވަނީ ދުވަހުގެ މުނާސަބަތުގައި ކޭކެއް ވެސް ފަޅުއްވައިފަ އެވެ.