Roadha Mihaaru
ހަކަތަ ބޭނުންކުރާ ވަރު އަންގާ ލޭބަލަށް ހިޔާލު ހޯދަނީ

ހަކަތަ ބޭނުންކުރާ ވަރު އަންގައިދޭ ލޭބަލް އާންމުންގެ ޚިޔާލަށް

11 ފެބުރުއަރީ 2019

ރާއްޖެ އަށް ތައާރަފްކުރަން ނިންމާފައިވާ ހަކަތަ މަދުން ބޭނުންކުރާ ތަކެތި އަންގައިދޭ ލޭބަލްގެ ނަމޫނާއަށް އާންމުންގެ ހިޔާލު ހޯދަން އެންވަޔަރަމެންޓް މިނިސްޓްރީން އިއްޔެ ހުޅުވާލައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ރާއްޖެ އަށް ތައާރަފްކުރަން ނިންމާފައިވާ ހަކަތަ މަދުން ބޭނުންކުރާ ތަކެތި އަންގައިދޭ ލޭބަލްގެ ނަމޫނާއަށް އާންމުންގެ ހިޔާލު ހޯދަން އެންވަޔަރަމެންޓް މިނިސްޓްރީން އިއްޔެ ހުޅުވާލައިފި އެވެ.

މި ކަމުގައި އާންމުންގެ ހިޔާލު ހޯދަނީ، ހަކަތަ މަދުން ބޭނުންކުރާ އާލާތްތައް އަންގައިދިނުމަށް ހަދާ ލޭބަލްގައި ވާ މައުލޫމާތު ފަސޭހައިން ދެނެގަނެވެނީ ކޮން ޑިޒައިނަކުން ކަމަށް ބެލުމަށެވެ. އޮންލައިން ފޯމެއް މެދުވެރިކޮށް މި ޑިޒައިންތަކަށް ވޯޓުލެވޭ ގޮތް އެ މިނިސްޓްރީން ވަނީ ހަމަޖައްސައިފަ އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ކުރި ޓްވީޓެއް

މޯލްޑިވްސް އެނާޖީ އޮތޯރިޓީން ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި އާންމުންގެ ހިޔާލަށް ދޫކޮށްފައި ވަނީ ދެ ނަމޫނާއެކެވެ. އެ ނަމޫނާތަކުގައި، އެ އެއްޗަކަށް ކަރަންޓް ހޭދަވާ މިންވަރު އަަންގައިދެނީ ތަރިތަކެއް ބޭނުންކޮށްގެންނެވެ.

ތަރި ބޭނުންކޮށްގެން ހަދާފައިވާ ޑިޒައިން -- ފޮޓޯ: އެންވަޔަރަމެންޓު މިނިސްޓްރީ

ތަރި ބޭނުންކޮށްގެން ހަދާފައިވާ ޑިޒައިން -- ފޮޓޯ: އެންވަޔަރަމެންޓު މިނިސްޓްރީ

އެ މިނިސްޓްރީން އާއްމުކުރި އެއް ޑިޒައިނެއްގައި ކަރަންޓު މަދުން ބޭނުންކުރާ މިންގަނޑު އަންގައިދެނީ ހުދު ކުލައިގެ ފަސް ތަރި ބޭނުންކޮށްގެން ހަދާފައިވާ ޑިޒައިނަކުންނެވެ. މިސާލަކަށް އައިސްއަލަމާރިއެއްގައި އެ ސްޓިކާ ޖަހާ ނަމަ، އެއަށް ކަރަންޓް ބޭނުންކުރާ ނިސްބަތަކުން، ތަރިތައް އިންނަ ގޮޅި ފެހި ވާނެ އެވެ. މުޅި ބޯޑަރު ފެހި ވެއްޖެ ނަމަ އޭގެ މާނައަކީ އެއީ އެންމެ މަދުން ހަކަތަ ބޭނުންކުރާ ތަކެތި ކަމެވެ.

ހަކަތަ ބޭނުންކުރާާ ވަރު ނަންބަރުތަކަކުން އަަންގައިދޭ ޑިޒައިން

ހަކަތަ ބޭނުންކުރާާ ވަރު ނަންބަރުތަކަކުން އަަންގައިދޭ ޑިޒައިން

ދެވަނަ ޑިޒައިނުގައި އިންނަނީ އެކަކުން ފެށިގެން ފަހަކާ ހަމައަށް ނަންބަރުތަކެކެވެ. ކޮންމެ ނަންބަރެއް އިންނަނީ ވަކި ކުލައެއްގެ ބޯޑަރެއްގެ ތެރޭގަ އެވެ. އެގޮތުން އެންމެ ގިނައިން ކަރަންޓް ބޭނުންކުރާ އާލާތްތަކުގައި ހަރުކުރާނީ އެކެއް ހިމެނޭ ރަތް ކުލައިގެ ސްޓިކާއެކެވެ އެންމެ މަދުން ހަކަތަ ބޭނުންކުރާ އެއްޗިއްސަށް ދޭނީ ފަހެކެވެ. އެ ނަންބަރު އިންނާނީ ފެހި ކުލައިގެ ބޯޑަރެއްގެ ތެރޭގަ އެވެ.

ސްޓިކާގައި ދެން ހިމެނެނީ އެ އެއްޗަކަށް މަހަކު އާންމުކޮށް ކަރަންޓް ހިނގާނެ ވަރު އަންގައިދޭ ލިއުމެކެވެ.

ރާއްޖެއަށް ގެންނަ ކަރަންޓު ބޭނުންކުރާ އާލާތްތަކުގައި އެ ސްޓިކާ ޖަހާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

މި ލޭބަލް ހަރުކުރުމުގެ މަގްސަދަކީ ކަރަންޓު އެންމެ މަދުން ބޭނުންކުރަނީ ކޮން ބްރޭންޑްތަކެއްގެ ކޮން އެއްޗެއްގައިކަން އާންމުންނަށް އަންގައިދިނުމެވެ. މަދުން ހަކަތަ ބޭނުންކުރާ އާލާތްތަކުގެ ސަބަބުން ކަރަންޓަށް ކުރާ ހަރަދު ކުޑަވުމުގެ އިތުރުން ތިމާވެށި ވެސް ހިމާޔަތްކުރެވޭނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުންޏެވެ.

އާލާތްތަކުގައި ލޭބަލްތައް ހިއްޕާނީ ވިޔަފާރިވެރިން އަމިއްލައަށް އިސްނަގައިގެންނެވެ.