Roadha Mihaaru
ކަސްޓަމްސްއާ ހެދި މިޔަރު އުރަހައިގެ މައްސަލަ ހުއްޓިފައި

ކަސްޓަމްސްގެ މަސައްކަތް ލަސްކަމުން މިޔަރު އުރަހައިގެ މައްސަލައިގައި ދައުވާ ނުކުރެވިފައި

30 ޖޫން 2021

ރާއްޖޭން މިޔަރު އުރަހަ ބޭރުކުރަން އުޅުނު މައްސަލައިގައި ދައުވާކުރަން ޕީޖީން އެދޭ ކަންކަން އިސްލާހު ކުރުމުގައި ކަސްޓަމްސްގެ މަސައްކަތް ލަސްކަމުން ދައުވާ ނުކުރެވި ގިނަ ދުވަސްތަކެއް ހޭދަވެއްޖެ އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ރާއްޖޭން މިޔަރު އުރަހަ ބޭރުކުރަން އުޅުނު މައްސަލައިގައި ދައުވާކުރަން ޕީޖީން އެދޭ ކަންކަން އިސްލާހު ކުރުމުގައި ކަސްޓަމްސްގެ މަސައްކަތް ލަސްކަމުން ދައުވާ ނުކުރެވި ގިނަ ދުވަސްތަކެއް ހޭދަވެއްޖެ އެވެ.

މި އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅު، ލޮނުމަސް ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވައިގެން 429 ކިލޯގެ މިޔަރު އުރަހަ، ރާއްޖެއިން ބޭރު ކުރަން އުޅެނިކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ހިފަހައްޓައިފަ އެވެ.

އެ މައްސަލައަށް ހަ މަސް ވެފައި ވާއިރު ކަސްޓަމްސް އިން އެކަމާ ބެހޭ ގޮތުން މީޑިއާ އަށް މައުލޫމާތު ދޭން ވެސް މިހާތަނަށް ވަނީ އިންކާރުކޮށްފަ އެވެ.

ކަސްޓަމްސްއިން މައްސަލަ ތަހުގީގުކޮށް ޕީޖީ އޮފީހަށް ފޮނުވިޔަސް، ޕީޖީ އޮފީހުން ބުނި ގޮތުގައި، މައްސަލަ ބަލައިނުގަނެތި އަދި އޮތީ ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާގަ އެވެ. ތަހުގީގުގައި ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ޕީޖީން އަދިވެސް ދަނީ ކަސްޓަމްސްއަށް އިރުޝާދު ދެމުންނެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި 429 ކިލޯގެ މިޔަަރު އުރަހައިގެ މައްސަލަ ކަސްޓަމްސް އިން ޑިއުޓީ ޕްރޮސެކިއުޝަނަށް ހުށަހެޅީ އެ ތަކެތި އަތުލައިގަތްތާ ދެ މަސް ދުވަަށް ވުރެ ވެސް ގިނަ ދުވަސް ފަހުން މާޗް މަހުގެ 18 ވަނަ ދުވަހު އެވެ. އެ މައްސަލައިގެ ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާގައި ބައެއް ކަންކަން އިސްލާހުކުރަން ޕީޖީން އަނބުރާ ކަސްޓަމްސްއަށް ފޮނުވުމުން، ދެން ކަސްޓަމްސް އިން މައްސަލަ ހުށަހެޅީ ދޮޅު މަސް ފަހުން މެއި 15 ގަ އެވެ. އަދި ތިން ވަނަ ފަހަރަށް އިސްލާހު ކުރަން ފޮނުވުމުން ކަސްޓަމްސްއިން މައްސަލަ އަނބުރާ ފޮނުވީ ދެ މަސް ދުވަސް ވާން ގާތްވެފައި ވަނިކޮށް މިދިޔަ އާދީއްތަ ދުވަހު އެވެ.

އދ. ދިގުރަށުގައި މިޔަރު ހިއްކަން ބަހައްޓާފައި ހުއްޓާ މިދިޔަ ޑިސެމްބަރު މަހު ނަގާފައިވާ ފޮޓޯއެއް --

އދ. ދިގުރަށުގައި މިޔަރު ހިއްކަން ބަހައްޓާފައި ހުއްޓާ މިދިޔަ ޑިސެމްބަރު މަހު ނަގާފައިވާ ފޮޓޯއެއް --

އޭގެ އިތުރުން، ހަތަރު ކިލޯގެ މިޔަރު މަސް ބޭރު ކުރަން އުޅުނު މައްސަލައެއް ވެސް ކަސްޓަމްސް އިން ތަހުގީގުކޮށްފައިވެ އެވެ. އެ މައްސަލައިގައި ބައެއް ކަންކަން އިސްލާހު ކުރަން މި އަހަރު މާޗް 18 ވަނަ ދުވަހު ޕީޖީ އޮފީހުން އަނބުރާ ފޮނުވާލި ފަހުން އަދި ކަސްޓަމްސްއިން އެ މައްސަލަ އަދި ޕީޖީ އޮފީހަކަށް ނުފޮނުވަ އެވެ.

ކަސްޓަމްސްގެ މީޑިއާ އޮފިޝަލު ފާތިމަތު ޝިފާޒާ "މިހާރު" އަށް ވިދާޅުވި ގޮތުގައި، މައްސަލަތައް ލަސްވީ ކޮވިޑާ ހެދި ދިމާވި ދަތިތަކުގެ ސަބަބުންނެވެ. ކަރަންޓީނުވާން ޖެހޭތީ ތަހުގީގަށް މީހުން ހާޒިރުކޮށް ބަޔާން ނެގުން ފަދަ ކަންކަމުގައި ވަރަށް ބޮޑަށް ދަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން، ދައުލަތުގެ އެހެން އިދާރާތަކުން ހޯދަން ޖެހޭ ބައެއް ލިޔުންތައް ހޯދުމުގައި ދަތިވުމަކީ ވެސް ލަސްވި ސަބަބެއް ކަމަށް ވިދާޅުވި އެވެ.

މިޔަރު މަސްވެރިކަން ކުރަނިކޮށް ފުލުހުން ހުއްޓުވި ދޯންޏެއްގައި ބާނާފައި ހުރި މިޔަރުތަކެއް -- ފޮޓޯ/ ފުލުހުން

މިޔަރު މަސްވެރިކަން ކުރަނިކޮށް ފުލުހުން ހުއްޓުވި ދޯންޏެއްގައި ބާނާފައި ހުރި މިޔަރުތަކެއް -- ފޮޓޯ/ ފުލުހުން

މިޔަރު އުރަހަ ރާއްޖެއިން ބޭރުކުރަން މަސައްކަތްކުރީ އެންސިސްގެ އެންޒީ ބްރޭންޑްގެ އުފެއްދުންތައް ބަންދުކޮށްފައި ހުންނަ ފޮށިތަކުގަ އެވެ. ނަމަވެސް، އެ މިޔަރު އުރަހަތަކަކީ އެންސިސްގެ ތަކެތި ނޫން ކަމަށް ކަސްޓަމްސް އިން މީގެ ކުރިން ބުނެފައިވެ އެވެ. ނަމަވެސް އެއީ ކޮން ކުންފުންޏެއްގެ އެއްޗެއް ކަމެއް ކަސްޓަމްސްއަކުން ނުބުންޏެވެ.

ކަސްޓަމްސް އިން ކުރިން ބުނީ މައްސަލާގައި ޝާމިލްވާ ކުންފުނީގެ ނަން ހާމަ ނުކުރަނީ، މިކަހަލަ މައްސަލަތަކުގައި އޮޅުވައިލުންތައް ހުންނާތީ ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އަދި މައްސަލައިގައި ޝާމިލުވާ ފަރާތައް ތަހުގީގަށް ފަހު އާންމު ކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މިޔަރު މަދުވުމުން ޓޫރިޒަމާއި މަސްވެރިކަމަށް ކުރާނެ ނޭދެވޭ އަސަރުން ސަލާމަތްވުމަށް އަހަރު ރާއްޖޭގައި މިޔަރުގެ މަސްވެރިކަމާއި މިޔަރުގެ އުފެއްދުންތައް އެކްސްޕޯޓުކުރުން 2010 ވަނަ އަހަރު ވަނީ މަނާކޮށްފަ އެވެ. އޭރު ދިރާސާތަކުން ދެއްކި ގޮތުގައި ދިރިހުރި މިޔަރެއްގެ ފައިދާ ދިވެހި އިގްތިސާދަށް މާ ބޮޑަށް ކުރެ އެވެ.

ނަމަވެސް، އަދިވެސް އއ. އަތޮޅާއި އދ. އަތޮޅުގެ ބައެއް ރަށްރަށުގައި ވަރަށް ފާޅުކަން ބޮޑުކޮށް މިޔަރުގެ މަސްވެރިކަން ކުރެ އެެވެ. މިދިޔަ މާޗު މަހު އދ. މަންދޫ ކައިރިން ވަނީ މިޔަރު މަސްވެރިކަން ކުރި ދޯންޏެއް ހިފަހައްޓައިފަ އެވެ. ދޯނި ބަލައި ފާސްކުރި އިރު، ބާނާފައި ހުރި މިޔަރާއި މިޔަރު އުރަހަ އަދި ލޮނު އަޅާފައި ހުރި މިޔަރު މަސް ފެނިފައިވެ އެވެ.