ޓެރަރިޒަމާ ދެކޮޅު ހަނގުރާމައިގެ ދަށުން، އަފްގާނިސްތާނަށް އެރި ގުޅިފައިވާ ލަޝްކަރުގެ ތެރޭގައި ހިމެނޭ ޖަރުމަން ވިލާތުގެ ސިފައިން، އަފްގާނިސްތާނުން ފައިބައި ނިމިއްޖެ ކަމަށް، ޖަރުމަނުން ބުނެފި އެވެ.
ޓެރަރިޒަމާ ދެކޮޅު ހަނގުރާމައިގެ ދަށުން، އަފްގާނިސްތާނަށް އެރި ގުޅިފައިވާ ލަޝްކަރުގެ ތެރޭގައި ހިމެނޭ ޖަރުމަން ވިލާތުގެ ސިފައިން، އަފްގާނިސްތާނުން ފައިބައި ނިމިއްޖެ ކަމަށް، ޖަރުމަނުން ބުނެފި އެވެ.
ވިހި އަހަރަށް ފަހު، ޖަރުމަން ސިފައިން އަފްގާނުން ބޭލުމުގެ މަސައްކަތް ފެށީ، މިދިޔަ މެއި މަހުގެ ތެރޭގަ އެވެ. ޖަރުމަން ވިލާތުގެ ދިފާއީ ވުޒާރާ އިން ބުނި ގޮތުގައި، އަފްގާނިސްތާނުގައި ތިބި އެ ގައުމުގެ ސިފައިންގެ އެންމެ ފަހު ގުރޫޕު އަފްގާނިސްތާނުން ފުރީ އިއްޔެ އެވެ.
އަފްގާނިސްތާނުގައި ތިބި ބިދޭސީ ސިފައިން އެ ގައުމުން ބޭލުމަކީ، އަފްގާނިސްތާނު ސަރުކާރާ ދެކޮޅަށް އެ ގައުމުގެ ހުރިހާ ސަރަހައްދެއްގައި ހަނގުރާމަކުރަމުން އަންނަ ތާލިބާން ޖަމާއަތާއި އެމެރިކާ ސަރުކާރާ ދެމެދު، 2020 ވަނަ އަހަރު ގާއިމުކުރި ސުލްހައިގެ އެއްބަސްވުމުގައި ހިމެނޭ ކަމެކެވެ. ޓެރަރިޒަމާ ދެކޮޅު ހަނގުރާމައިގައި އެންމެ އިސް ކޮމާންޑަރުގެ ދައުރު އަދާކުރީ އެމެރިކާ އިންނެވެ.
އެމެރިކާ އިން ޓެރަރިޒަމާ ދެކޮޅަށް 2001 ވަނަ އަހަރު އިއުލާންކުރި ހަނގުރާމަ އަށް، އެކި ގައުމުތައް ބައިވެރިވެގެން އެކުލަވައިލި ގުޅިފައިވާ ލަޝްކަރާ އެކު، ޖަރުމަން ވިލާތުގެ 150،000 ސިފައިން އަފްގާނިސްތާނު ހަނގުރާމައިގައި ބައިވެރިވި އެވެ. ތާލިބާން ޖަމާއަތާ ދެކޮޅަށް ކުރި އެ ހަނގުރާމައިގައި، ޖަރުމަން ވިލާތުގެ 59 ސިފައިން މަރުވި އެވެ.
މިދިޔަ މެއި މަހުގެ ތެރޭގައި އަފްގާނިސްތާނުން ސިފައިން ބާލަން ފެށި އިރު، އެ ގައުމުގައި ޖަރުމަން ވިލާތުގެ 1100 ސިފައިން ތިއްބެވެ. ހަނގުރާމަ ނިމުމަށް ފަހު، 2015 ވަނަ އަހަރުން ފެށިގެން، ޖަރުމަން ސިފައިންގެ މައިގަނޑު މަސައްކަތަކަށް އޮތީ، އަފްގާނިސްތާނުގެ ސަލާމަތީ ބާރުތައް ތަމްރީން ކުރުމުގައި އެހީތެރިވެދިނުމެވެ.
އެމެރިކާ ސިފައިން ވެސް މިހާރު އަފްގާނިސްތާނުން ފައިބަމުން އަންނަ އިރު، ތުރުކީ ވިލާތާއި އިނގިރޭސި ވިލާތުގެ ސިފައިން އަދިވެސް އަފްގާނިސްތާނުގައި އެބަ ތިއްބެވެ. އެމެރިކާ ސަރުކާރުން ރާވާފައި އޮތީ، މިއަހަރުގެ ސެޕްޓެމްބަރު 11ގެ ކުރިން، އެ ގައުމުގެ ހުރިހާ ސިފައިން އަފްގާނިސްތާނުން ބޭލުމަށެވެ.
މިއަހަރު ފެށުނު އިރު އަފްގާނިސްތާނުގައި ތިބި، އެމެރިކާގެ 2500 ސިފައިން އެ ގައުމުން ބާލާނެ ކަން ރައީސް ބައިޑެން އިއުލާން ކުރެއްވީ މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ. އެކަން އިއުލާން ކުރައްވަމުން ބައިޑެން ވިދާޅުވެފައި ވަނީ، އަފްގާނިސްތާނު ރައްޔިތުން ބޭނުންވާ ގޮތަކަށް އެގައުމުގެ މުސްތަގުބަލް ކަނޑައެޅުމުގެ ފުރުސަތު އެމީހުންނަށް ދެއްވާނެ ކަމަށެވެ.
އެމެރިކާ ސިފައިން އަފްގާނިސްތާނަށް އެރީ، ޓެރަރިޒަމާ ދެކޮޅަށް އެމެރިކާ އިން އިއުލާންކުރި ހަނގުރާމައިގެ ދަށުން 2001 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.
ތާލިބާނުން އެކަހެރިކޮށްގެން އުފެދޭނީ އިތުރު ހަމަނުޖެހުން: ގަތަރު
ކާބުލް އެއާޕޯޓަށް ދިއުން ރައްކާތެރިއެއް ނޫން: އެމެރިކާ
ތާލިބާނުންނާ ވާހަކަ ދައްކަން އީޔޫ އިން ގޮވާލައިފި
ޖަރުމަން ބޯޓުގައި ބޭރުކުރެވުނީ އެންމެ ހަތް މީހުން
ތާލިބާނުންގެ ސަރުކާރު ބަލައިގަނެވޭކަށް ނެތް: އދ
އެހީ ދިނުމުގައި އަންހެނުން ބައިވެރިކުރަން ހުއްދަ ދެނީ
އަފްގާނު ބިންހެލުމުގައި 1500 މީހުން މަރުވެއްޖެ
އަފްގާނު އަންހެނުން މޫނު ނިވައިކުރުން މަޖުބޫރުކޮށްފި
އަފްގާން އަންހެން ކުދިންގެ ސްކޫލްތައް އަނެއްކާ ބަންދު
އަފްގާނުގެ ފައިސާތައް ދޫކޮށްލާ: ކަރްޒާއީ