Roadha Mihaaru
އޭޑީސީގެ ބިލް ތަސްދީގު ކުރައްވައިފި

އޭޑީސީގެ ބިލު ތަސްދީގު ކުރައްވައިފި، މޭ މަހުން ފެށިގެން އޭޑީސީ ނަގާނެ

07 ޑިސެމްބަރ 2016

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ރާއްޖޭން ބޭރަށް ފުރާ ދިވެހިންގެ އަތުން އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖު (އޭޑީސީ)ގެ ގޮތުގައި 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 25 ޑޮލަރު ނެގުމުގެ ބިލު ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގުކުރައްވައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ރާއްޖޭން ބޭރަށް ފުރާ ދިވެހިންގެ އަތުން އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖު (އޭޑީސީ)ގެ ގޮތުގައި 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 25 ޑޮލަރު ނެގުމުގެ ބިލު ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގުކުރައްވައިފި އެވެ.

ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ބިލުގެ ނަމުގައި ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ރަޝީދު ހުށަހެޅުއްވި ބިލު މަޖިލީހުން ވަނީ މިދިޔަ މަހުގެ 24 ގައި ފާސްކޮށްފަ އެވެެ.

މި ބިލު އެންމެ ފުރަތަމަ މަޖިލީހަށް ހުށަހެޅި އިރު އޮތީ ދިވެހިންގެ އަތުން ވެސް 25 ޑޮލަރު ނަގާ ގޮތަށެވެ. އެކަމަކު، ވެރިކަން ކުރާ ޕީޕީއެމްގެ މެމްބަރުން އިސް ނަންގަވައިގެން އެ އަދަދު ވަނީ 12 ޑޮލަރަށް ކުޑަކޮށްފަ އެވެ. އެއީ ރައީސް ޔާމީންގެ އެއްބާރުލެއްވުމާ އެކު ގެނައި ބަދަލެއް ކަމަށް ޕީޕީއެމްގެ މެމްބަރުން ފުރަތަމަ ވިދާޅުވިޔަސް، ރައީސް ވަނީ މެމްބަރުންގެ އެ ނިންމެވުމާ މެދު ނުރުހުން ފާޅުކުރައްވައިފަ އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕް (ޕީޖީ) ގެ ވައިބަ ގުރޫޕުގައި ރައީސް ޔާމީން ވިދާޅުވެފައި ވަނީ އައިއެންއައިއޭ އިން ފުރާ ދިވެހިންގެ އަތުން 25 ޑޮލަރުގެ ބަދަލުގައި 12 ޑޮލަރު ނެގުމަށް މަޖިލިހުގެ މެމްބަރުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިނުގަންނަވާ ކަމަށެވެ.

ރައީސް އެހެން ވިދާޅުވުމުން، ކަމުގެ ހަގީގަތް ސާފުވެއްޖެ ކަމަށް ވިދާޅުވީ ބައެއް މެމްބަރުން ވިދާޅުވީ، އެކަން ކުރިން އެނގިވަޑައިގެންނެވި ނަމަ ރައީސް ޔާމީން ބޭނުންފުޅުވި ގޮތަށް 25 ޑޮލަރު ނެގުމަށް ފާސް ކުރައްވާނެ ކަމަށެވެ.

ދިވެހިންގެ އަތުން 12 ޑޮލަރު ނެގުމަށް މަޖިލިހުން ފާސްކުރި މައްސަލާގައި އިކޮނޮމިކް ކައުންސިލްގެ ޗެއާ އަދި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ޒުހޫރު ވެސް ވަނީ ނުރުހުން ފާޅުކުރައްވައިފަ އެވެ.

ޒުހޫރު ވިދާޅުވެފައި ވަނީ ދިވެހިންނާއި ބިދޭސީން ތަފާތުކޮށް އޭޑީސީ ނެގުމަކީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އިކާއޯ) ގެ މިންގަނޑުތަކާ ހިލާފު ކަމެއް ކަމަށެވެ. އޭނާ ވިދާޅުވެފައި ވަނީ އޭޑީސީގެ ގޮތުގައި އެންމެންގެ އަތުން އެއް އަދަދެއް ނެގުމަށް، މަޖިލިހުގައި ވޯޓަށް އެހުމުގެ ކުރިން ވެސް އެކި މެމްބަރުންގެ އަރިހުން އެދިވަޑައިގެންނެވި ކަމަށެވެ.

ގާނޫނުގައިވާ ގޮތުން ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ މީހުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ނެގުމުން އިސްތިސްނާ ވާނެ އެވެ. އެއާޕޯޓް ސާވިސް ޗާޖު އިސްތިސްނާ ވަނީ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ މީހުންނާއި ޓްރާންސިޓް ފަސިންޖަރުންނާއި އުމުރުން ދެ އަހަރު ނުވާ ކުދިންނަށެވެ.

އައިއެންއައިއޭ އިން ފުރާ ފަސިންޖަރުން އަތުން މި ފީ ނަގާނީ ގާނޫނަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން ހަތަރު މަސް ހަމަވުމުންނެވެ. އެހެންވެ، އޭޑީސީ ނަގަންް ފަށާނީ އަންނަ މޭ މަހުން ފެށިގެންނެވެ.

ގާނޫނުގައިވާ ގޮތުން އެއާޕޯޓް ސާވިސް ޗާޖާއި އޭޑީސީ ނެގުމުގެ ހުރިހާ ޒިންމާއެއް ނަގަން ޖެހޭނީ ފަސިންޖަރަކު ބޭރަށް ފުރާ އެއާލައިނަކުންނެވެ. އަދި އެ ފީތައް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ނުދައްކައިފި ނަމަ، ޓެކްސް ނެގުމާ ބެހޭ ގާނޫނުގެ ދަށުން އެ އެއާލައިނެއް ޖޫރިމަނާ ކުރެވޭނެ އެވެ.

އޭޑީސީގެ ގޮތުގައި ދިވެހިން އަތުން 12 ޑޮލަރާއި ބިދޭސީން އަތުން 25 ޑޮލަރު ނަގަން ނިންމި އިރު، މިހާރު ވެސް ބޭރުގެ ފަސިންޖަރުން އަތުން 25 ޑޮލަރުގެ އެއާޕޯޓް ސާވިސް ޗާޖެއް ނަގަ އެވެ. އަދި ދިވެހިންގެ އަތުން 12 ޑޮލަރު ނަގަ އެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ދިވެހިން އަތުން 24 ޑޮލަރާއި ބޭރުގެ ފަސިންޖަރުން އަތުން 50 ޑޮލަރު ނަގާނެ އެވެ.

އޭޑީސީގެ ގޮތުގައި އަންނަ އަހަރުން ފެށިގެން 25 ޑޮލަރު ދިވެހިންގެ އަތުން ވެސް ނަގަން ސަރުކާރުން ނިންމިއިރު، އިންޑިއާގެ ޖީއެމްއާރު ކުންފުނިން އޭޑީސީގެ ގޮތުގައި 25 ޑޮލަރު ނަގަން އުޅުމުން ސިވިލް ކޯޓުން ކުރިން ވަނީ އެކަން ހުއްޓުވައިފަ އެވެ. އޭރު ގިނަ ބަޔަކު އެކަމާ ދެކޮޅު ހެދީ އެއާޕޯޓް ތަރައްގީކޮށް ނުނިމެނީސް އޭޑީސީއެއް ނަގަން ނިންމުމުންނެވެ. ހަމަ އެހެންމެ، އެ ޗާޖް ވެގެން ދިވެހިންގެ ތެރޭގައި ބޮޑު މައްސަލަގަނޑަކަށް ވި އެވެ.

އޭޑީސީ ހިމެނެނީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ އާ ކަންތަކުގެ ތެރޭގަ އެވެ. ދިވެހިން ވެސް ހިމެނޭ ގޮތަށް، ރާއްޖޭން ފުރާ ކޮންމެ މީހެއްގެ އަތުން 25 ޑޮލަރު ނަގާ ގޮތަށް، އޭޑީސީން ޖުމްލަ 575 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވެ އެވެ. އެކަމަކު، ދިވެހިންގެ އަތުން ނަގާ މިންވަރު 12 ޑޮލަރަށް ކުޑަކުރުމުން އެ އަދަދު ކުޑަވާނެ އެވެ.