Roadha Mihaaru
މަޖިލީހުގެ ނިންމުމަކީ ޑިކްޓޭޓާޝިޕެއްގެ ސިފައެއް: ދީދީ

ކޮމިޓީގެ ނިންމުމެއް ނެތި މައްސަލަ ބަލަން އެންގުމަކީ ޕާލަމެންޓްރީ ޑިކްޓޭޓަޝިޕެއްގެ ސިފައެއް: ދީދީ

02 ޖުލައި 2021

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން އެދިގެން ބައެއް މީޑިއާތަކުގެ މައްސަލަ ބަލަން އަންގައި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް މަޖިލީހުން ސިޓީ ފޮނުވި ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީ (ދީދީ) މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން އެދިގެން ބައެއް މީޑިއާތަކުގެ މައްސަލަ ބަލަން އަންގައި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް މަޖިލީހުން ސިޓީ ފޮނުވި ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީ (ދީދީ) މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ބައެއް މީޑިއާތަކުގައި ލިޔުނު ލިޔުންތަކެއްގެ ސަބަބުން އިންޑިއާ ހައި ކޮމިޝަނާއި އެ ތަނުގެ ޑިޕްލޮމެޓުންގެ ކަރާމަތަށާއި ސަލާމަތަށް ގެއްލުންވާ ކަަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމްއާ ހައި ކޮމިޝަނުން ހިއްސާކުރުމާއެކު، އެކަން ބަލައި ދިނުމަށް އެދި މަޖިލީހުން ވަނީ އެމްއެމްސީ އަށް ސިޓީއެއް ފޮނުވައިފަ އެވެ.

.ރޮޒައިނާ ރޭ "މިހާރު" އަށް ވިދާޅުވީ އިންޑިއާގެ ޑެޕިއުޓީ ހައި ކޮމިޝަނަރު ރޯހިތު ރިތިޝް އެކަން އޭނާއާ ހިއްސާކުރެއްވުމުން އެ މައްސަލަ ބަލައިދޭން އެދި އެމްއެމްސީ އަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެ ސިޓީ ފޮނުވީ ކޮމިޓީގެ އެހެން މެމްބަރުންނާ މަޝްވަރާ ކުރައްވައި ނިންމުމެއް ނިންމައިގެެނެއް ނޫނެވެ.

އެ ކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ކުރީގެ ބްރިގޭޑިއާ ޖެނެރަލް ދީދީ ވިދާޅުވީ އެއީ ދެރަވަރު ކަމެއް ކަމަށާއި ކޮމިޓީން ނުނިންމާ ކަންތައް މަޖިލީހުގެ އިދާރާ އިން ނިންމުމަކީ ޕާލަމެންޓްރީ ޑިކްޓޭޓަޝިޕެއްގެ ސިފައެއް ކަަމަށެވެ.

ދީދީ "މިއަދު" މިހާރު" އަށް ވިދާޅުވީ ޑިޕްލޮމެޓިކް މިޝަނެއްގެ ކަންބޮޑުވުމެއް ބަލަން ޖެހޭނީ ފޮރިން މިނިސްޓްރީން ކަމަށާއި ރާއްޖޭގެ ހާރިޖީ ސިޔާސަތު ހިންގުމަކީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާ އިން ރައީސުލްޖުމްހޫރިއްޔާ އަށް ދީފައިވާ ބާރެއް ކަަމަށެވެ.

"އެހެންވީމާ މި ކަހަލަ ކަމެއް ބަލަން ޖެހޭނީ ފޮރިން މިނިސްޓްރީން. މި ކަމުގައި ކަމާ ބެހޭ އެހެން އިދާރާތަކާ ވާހަކަ ދައްކާނީ ފޮރިން މިނިސްޓްރީން. ރަނގަޅަށް ކަންތައް ހިނގާ ނަމަ ވާން ޖެހޭނީ މިހެން. މަޖިލީހުން މިކަމުގެ ތެރެއަށް ވަނުމަކީ އެގްޒެކެޓިވް [ވެރިކަން ހިންގާ ބާރު] ގެ މަސައްކަތުގެ ތެރެއަށް ޕާލަމެންޓް ވަނުން،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ވެސް މެމްބަރު ދީދީ ވިދާޅުވިގޮތުގައި، މަޖިލީހުން ކަންތައް ކުރި ގޮތުގެ އިތުރުން ރާއްޖޭގެ ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް އެހެން ގައުމުތަކުގެ ކަންތައް ވައްދައި، ގައުމުތަކަށް ބަހުގެ ހަމަލާ ދިނުމަކީ ވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމެކެވެ. އެކަމަކު ރާއްޖޭގެ މީޑިއާއަކަށް ނުވަތަ ދިވެހި ރައްޔިތަކަށް ފިޔަވަޅު އެެޅޭނީ ރާއްޖޭގެ ގާނޫނުތަކުގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބައިނަލްއަގްވާމީ ގާނޫނަކުން ދިވެހި ރައްޔިތަކަށް ފިޔަވަޅެއް ނޭޅޭނެ. އެ ގާނޫނާ ގުޅޭ ރާއްޖޭގެ ގާނޫނުތައް ހަދައި، އެ ގާނޫނެއްގެ ދަށުން ނޫނީ ފިޔަވަޅެއް ނޭޅޭނެ. މިއީ ހުރިހާ ގައުމެއްގައި ވެސް މިކަން އޮންނަ ގޮތް،" ދީދީ ވިދާޅުވި އެވެ.

ރޮޒޭނާ ރޭ ވިދާޅުވީ ކޮމިޓީގެ ބައްދަލުވުމަކުން ނިންމައިގެން ނޫނަސް، މިނިވަން މުއައްސަސާތަކަށް ސިޓީ ފޮނުވުމަކީ މީގެ ކުރިން ވެސް ކުރާ ކަމެއް ކަމަށާއި މީޑިއާ ކައުންސިލަށް ސިޓީ ފޮޮނުވީ ވެސް އެ އުސޫލުން ކަމަށެވެ.

ރޮޒައިނާ ވިދާޅުވިީ، މީޑިއާއެއްގައި ލިޔުނު ލިޔުމެއްގެ ސަބަބުން، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ޑެޕިއުޓީ ހައި ކޮމިޝަނަރު ރޯހިތުގެ ސަލަމާތަށް ނުރައްކާވާކަން ސަމާލުކަމަށް ގެންނެވީ ރޯހިތު ކަމަށާއި އޭގެ ފަހުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެމްބަރަކު ވެސް އެކަން އޭނާގެ ިނސަމާލުކަމަށް ގެންނެވި އެވެ.

"މިނިވަން މުއައްސަސާތަކުން މަައުލޫމާތު ސާފުކުރަން ކޮމިޓީން ކޮންމެ ފަހަރަކު އެދެނީ ކޮމިޓީގެ ބައްދަލުުވުމަކުން ނިންމައިގެނެއް ނޫން. ޑެޕިއުޓީ ހައި ކޮމިޝަނާ އަޅުގަނޑަށް ގުޅާފައި ވިދާޅުވީ ދޮގު މައުލޫމާތު ހިމަނައިގެން ލިޔުނު އެ ލިޔުމާ ގުޅިގެން އޭނާގެ ސެކިއުރިޓީ އަށް ވެސް ނުރައްކާވާ ކަމަށް،" ރޮޒައިނާ ވިދާޅުވި އެވެ.

އިންޑިއާ ހައި ކޮމިޝަނާއި އެތަނުގެ ޑިޕްލޮމެޓިކް މުވައްޒަފުންގެ ކަރާމަތަށް ހަމަލާދީ، ނަފުރަތު އުފައްދާ ކަމަށް ތުހުމަތުކޮށް، ހައި ކޮމިޝަނުން ވަނީ ފޮރިން މިނިސްޓްރީ އަށް ސިޓީއެއް ފޮނުވައިފަ އެވެ. އެކަމަކު އެ ސިޓީއާ ބެހޭ ގޮތުން ފޮރިން މިނިސްޓްރީން މީޑިއާ ކައުންސިލަށް ނުވަތަ މަޖިލީހަށް ވެސް އަދި މައްސަލަަ ހުށަހަޅައިފައެއް ނުވެ އެވެ.

ޑިޕްލޮމެޓިކް ގުޅުންތަކާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާ "ވިއެނާ ކޮންވެންޝަންް އޮން ޑިޕްލޮމެޓިކް ރިލޭޝަންސް" ގެ 41 ވަނަ މާއްދާގެ (2) ވަނަ ނަމްބަރުގައި ބުނެފައި ވަނީ ޑިޕްލޮމެޓިކް މިޝަނެއް ހުންނަ ގައުމުގެ ސަރުކާރާ އެ މިޝަނުން ކުރަންޖެހޭ ހުރިހާ މުއާމަލާތެއް ކުރާނީ ފޮރިން މިިނިސްޓްރީ ނުވަތަ އެ ދައުރު އަދަކުރާ އެ ގައުމަކުން ކަނޑައަޅާފައިވާ މިނިސްޓްރީއަކާ ކަމަށެވެ.

އިންޑިއާގެ ޑެޕިއުޓީ ހައި ކޮމިޝަނަރު މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރަށް ވަކިން ގުޅުއްވައި ޝަކުވާ އުފުއްލެވި އިރު، ހައި ކޮމިޝަނުން ފޮރިން މިނިސްޓްރީ އަށް ފޮނުވި ސިޓީގައި ހަވާލާދީފައި އޮތީ ވެސް މި މުއާހަދާއާ އެވެ.