Roadha Mihaaru
ސަފީރުކަމަށް އަޒީމާ އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި

އިންޑިއާއަށް ކަނޑައަޅާ ސަފީރަކަށް އަޒީމާ އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

28 އޮކްޓޯބަރ 2024

ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅާ އާ ސަފީރަކަށް ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އާއިޝަތު އަޒީމާ އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅާ އާ ސަފީރަކަށް ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އާއިޝަތު އަޒީމާ އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އިންޑިއާގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް އަޒީމާ އައްޔަން ކުރަން ފެންނަ ކަމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމި ރިޕޯޓާ އެއްގޮތަށް، އޭނާ ސަފީރުކަމަށް އައްޔަނުކުރަން މަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވަނީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 79 މެމްބަރުންގެ އިއްތިފާގުންނެވެ.

އަޒީމާއަކީ 1988 ވަނަ އަހަރުން ފެށިގެން ހާރިޖިއްޔާގެ އެކި މަގާމުތަކުގައި ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ކެރިއާ ޑިޕްލޮމެޓެކެވެ. އޭނާ ވަނީ ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމު 2019 ވަނަ އަހަރުން ފެށިގެން 2023 އަށް އަދާކުރައްވައިފަ އެވެ. މިހާރު އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގައި އޭނާ ހުންނެވީ އިންޑިއާ ޑިވިޝަންގެ ހެޑްގެ ގޮތުގަ އެވެ.

އިންޑިއާގައި ހުންނަވާ ސަފީރު ކަމަށް އަޒީމާ އައްޔަން ކުރަން ފޮނުއްވީ، އެ މަގާމުގައި މިހާރު ހުންނެވި އިބްރާހިމް ޝަހީބުގެ ސަފީރުކަމުގެ ދައުރު ހަމަވުމުންނެވެ.

ޝަހީބު އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ނޮވެމްބަރު، 2022 ގަ އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމުގައި ހުންނަވަނިކޮށެވެ. ފޮރިން ސާވިސް ގާނޫނު ބުނާގޮތުން ސަފީރުން އައްޔަން ކުރާނީ ތިން އަހަރުގެ މުއްދަތަކަށެވެ.