Roadha Mihaaru
ސިޓީ ދެ ވަނަ ބުރަށް، ބާސާ އެއް ވަނަ ހޯދައިފި

ސިޓީ ދެ ވަނަ ބުރަށް، ބާސާ އެއް ވަނަ ހޯދައިފި

24 ނޮވެމްބަރ 2016

ގްލާސްގޯ، ސްކޮޓެލެންޑް (ނޮވެމްބަރު 24) – ސެލްޓިކް އަތުން 2-0 އިން މޮޅުވެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީ ގެ އެއް ވަނަ މަގާމް ބާސެލޯނާ ހޯދިއިރު ބޮރޫޝިއާ މޮންޗެންގްލަޑްބެކްއާ 1-1 އިން އެއްވަރުކޮށް މި ގްރޫޕުގެ ދެ ވަނަ ޓީމުގެ ގޮތުގައި މެންޗެސްޓާ ސިޓީ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ގްލާސްގޯ، ސްކޮޓެލެންޑް (ނޮވެމްބަރު 24) – ސެލްޓިކް އަތުން 2-0 އިން މޮޅުވެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީ ގެ އެއް ވަނަ މަގާމް ބާސެލޯނާ ހޯދިއިރު ބޮރޫޝިއާ މޮންޗެންގްލަޑްބެކްއާ 1-1 އިން އެއްވަރުކޮށް މި ގްރޫޕުގެ ދެ ވަނަ ޓީމުގެ ގޮތުގައި މެންޗެސްޓާ ސިޓީ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.

ބާސެލޯނާ އެއް ވަނަ ހޯދީ 12 ޕޮއިންޓާ އެކު އެވެ. ސިޓީ އަށް ޕޮއިންޓާ އެކު ދެ ވަނަ ހޯދިއިރު އެ ޓީމަށް ދެން އޮތް މެޗުން މޮޅުވިޔަސް ބާސެލޯނައާ ހަމަކުރެވޭނެ ގޮތެއް ނެތެވެ. ފަސް ޕޮއިންޓާ އެކު ތިން ވަނައިގައި އޮތް މޮންޗެންގްލަޑްބެކް ޔުރޮޕާ ލީގަށް ކޮލިފައިވެފައިވާއިރު ދެ ޕޮއިންޓާ އެކު ފުލުގައި އޮތް ސެލްޓިކް ވަނީ މުބާރާތުން ކަޓައިފަ އެވެ.

ސެލްޓިކުގެ ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގައި ބާސެލޯނާ އަށް ދެ ލަނޑު ވެސް ޖަހައިދިނީ ލިއޮނަލް މެސީ އެވެ. މި ލަނޑުތަކާ އެކު އޭނާ ވަނީ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ކްލަބަކަށް 100 ގޯލް ޖަހައިދިން ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ. އޭނާ ފުރަތަމަ ގޯލް 24 ވަނަ މިނެޓުގައި ޖެހީ ނޭމާ ތަނަވަސްކުރި ފުރުސަތަކުންނެވެ. ދެ ވަނަ ގޯލް ޖެހީ 55 ވަނަ މިނެޓުގައި ޕެނަލްޓީއަކުންނެވެ. ބާސެލޯނާ އަށް ބަދަލުވި ޓްރާންސްފާގައި ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވާ ކަމަށް ބުނެ ނޭމާ އަށް ދެ އަހަރުގެ ޖަލު ހުކުމެއް އިއްވައިދިނުމަށް ސްޕެއިނުގެ ޕްރޮސެކިއުޓަރުން އިއްޔެ ކޯޓުގައި އެދިފައިވަނިކޮށް ކުޅުނު މި މެޗުގައި ނޭމާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

"މިއީ ވަރަށް އުނދަގޫ މެޗެއް. އަހަރެމެން ބަލައިގެން ތިބީ ސެލްޓިކުން ވަރުގަދަ ޗެލެންޖެއް ދޭނެ ކަމަށް. ކޮންމެ ގޮތެއް ވިޔަސް މިހާ އުނދަގޫ ގްރޫޕެއްގެ އެއް ވަނަ މަގާމް ބާކީ އެއް މެޗު އޮއްވާ ލިބުމަކީ ބޮޑު އުފަލެއް،" ބާސެލޯނާގެ ކޯޗު ލުއިސް އެންރިކޭ ބުންޏެވެ.

މެންޗެސްޓާ ސިޓީ އާއި މޮންޗެންގްލަޑްބެކް ރޭ ކުޅުނު މެޗުގެ 23 ވަނަ މިނެޓުގައި ރަފައެލްގެ ލަނޑުން މޮންޗެންގްލަޑްބެކް ވަނީ ލީޑު ނަގައިފަ އެވެ. ސިޓީ އަށް އެއްވަރުކޮށްދިނީ 45 ވަނަ މިނެޓުގައި ޑޭވިޑް ސިލްވާ އެވެ. އޭގެ ފަހުން 51 ވަނަ މިނެޓުގައި މޮންޗެންގްލަޑްބެކުގެ ލާސް ސްޓިންޑްލީ އަށް އަދި 63 ވަނަ މިނެޓުގައި ސިޓީ ފެނާންޑީނިއޯ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑެއް ދައްކައިފަ އެވެ.

މުބާރާތުގެ ގްރޫޕް ބީ ގައި ރޭ އިޓަލީގެ ނަޕޯލީ އާއި ޔޫކްރޭނުގެ ޑައިނަމޯ ކިއޭފް ކުޅުނު މެޗު 0-0 އިން އެއްވަރުވިއިރު ތުރުކީގެ ބެސިކްޓަސް އާއި ޕޯޗުގަލްގެ ބެންފީކާ ވަނީ 3-3 އިން އެއްވަރުވެފަ އެވެ.

ނަޕޯލީ އާއި ބެންފީކާ އަށް އަށް ޕޮއިންޓް ލިބިފައިވާއިރު ހެޑް-ޓު-ހެޑް އިން އެއް ވަނައިގައި އޮތީ ނަޕޯލީ އެވެ. ހަތް ޕޮއިންޓާ އެކު ބެސިކްޓަސް ތިން ވަނައިގައި އޮތްއިރު ތިން ޓީމަށް ވެސް ދެ ވަނަ ބުރުގެ ފުރުސަތު އެބައޮތެވެ. ދެ ޕޮއިންޓާ އެކު ފުލުގައި އޮތް ކިއޭފް ވަނީ ކަޓައިފަ އެވެ.