Roadha Mihaaru
ކައުންސިލްތަކުގެ ބާރު ތަންފީޒުކުރަން އިސްލާހުތަކެއް

ކައުންސިލްްތަކުގެ ބާރު ތަންފީޒުކުރަން އިސްލާހުތަކެއް

04 ޖުލައި 2021

ލޯކަލް ކައުންސިލްތަކުގެ އިހުތިސާސް ހިނގާ ސަރަހައްދުތަކުގެ ބައެއް ބާރުތައް ކައުންސިލްތަކަށް ދޭން ލާމަރުކަޒީ ގާނޫނަށް މިދިޔަ އަހަރު ގެނައި ބަދަލު ތަންފީޒުކުރަން ބޭނުންވާ ގާނޫނީ ބަދަލުތަކުގެ ބައެއް ބިލްތައް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ލޯކަލް ކައުންސިލްތަކުގެ އިހުތިސާސް ހިނގާ ސަރަހައްދުތަކުގެ ބައެއް ބާރުތައް ކައުންސިލްތަކަށް ދޭން ލާމަރުކަޒީ ގާނޫނަށް މިދިޔަ އަހަރު ގެނައި ބަދަލު ތަންފީޒުކުރަން ބޭނުންވާ ގާނޫނީ ބަދަލުތަކުގެ ބައެއް ބިލްތައް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ކައުންސިލްތަކުގެ ބާރުތައް ތަންފީޒު ކުރުމަށްޓަކައި ސަރުކާރުން އިސްލާހު ހުށަހެޅި ގާނޫނުތަކުގެ ތެރޭގައި ފަޅުރަށްރަށާއި ބެހޭ ގާނޫނާއި ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާ ބެހޭ ގާނޫނާއި އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނު ހިމެނެ އެވެ.

ލާމަޒުކަޒީ ގާނޫނަށް ނުވަ ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގައިވާ ގޮތުން، ލާމަރުކަޒީ ގާނޫނާ ތައާރުޒުވާ ގޮތަށް އެހެން ގާނޫނުތަކުގައި ހުރި ބައިތައް އެ ގާނޫނަށް އަމަލުކުރަން ފަށާތާ ހަމަސް ދުވަހުގެ ތެރޭގައި، އިސްލާހުކުރަން ޖެހެ އެވެ. ސަރުކާން ބިލްތައް ހުށަހެޅީ އެ އިސްލާހުތައް ގެނައުމަށެވެ.

ފަޅުރަށްތައް ދޫކުރުމުގެ ބާރު

ފަޅުރަށްރަށާ ބެހޭ ގާނޫނަށް ސަރުކާރުން އިސްލާހެއް ހުށަހެޅީ ލާމަޒުކަޒީ ގާނޫނާ ތައާރުޒުވުވާ ގޮތަށް އެ ގާނޫނުގައި ހުރި ކަންތައްތައް ބަދަލުކުރުމަށެވެ.

ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ އެމްޑީޕީގެ މެމްްބަރު އަހުމަދު އަބްދުﷲ ހުށަހެޅުއްވި ބިލުގައި، ފަޅު ރަށްރަށާ ބެހޭ ގާނޫނަށް 13 ބަދަލެއް ގެންނަން އެބަ އޮތެވެ. އޭގެ ތެރެއިން އެއް ބަދަލަކީ ރިސޯޓު ތަރައްގީކުރުމުގެ އިތުރުން ޓޫރިޒަމްގެ އެހެން މަސައްކަތްތަކަށް ވެސް ރަށްތައް ދޫކުރެވޭ ގޮތަށް އެ ގާނޫނުގެ ތައާރަފާއި ނަން ބަދަލުކުރަން އެ ގާނޫނުގެ އެއް ވަނަ މާއްދާގެ (ހ) އަށް ގެންނަ ބަދަލެވެ.

ފަޅު ރަށްރަށާ ބެހޭ ގާނޫނުގައި މިހާރު އޮތް ގޮތުން ރިސޯޓް ތަރައްގީކުރުން ފިޔަވައި އެހެން ހުރިހާ ކަމަކަށް ވެސް ރަށްތައް ދޫކުރާނީ އެ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނުގައި މިހާރު އޮތް ގޮތުން ރިސޯޓް ހެދުން ފިޔަވައި އެހެން ކަންތައްތަކަށް ރަށްތައް ދޫކުރާނީ ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީންނެވެ. ލާމަޒުކަޒީ ގާނޫނާ ތައާޒުވާ ބަޔަކީ އެޔެވެ. މިހާރު ހުށަހަޅާފައިވާ ބިލުގައި އެ ގާާނޫނުގެ (2) ވަނަ މާއްދާއަށް (ށ) އިތުރުކޮށް، ރަށްތައް ދޫކުރުމުގެ ބާރު ކައުންސިލްތަކަށް ދޭން އެބަ އޮތެވެ.

އެ އެ އަކުރުގައިވާ ގޮތުން ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައިވާ ރަށްތައް ކުއްޔަށް ދޫކުރާނީ ކައުންސިލްތަކުންނެވެ. އެކަމަކު އެއީ ބިލު ގާނޫނަކަށް ވުމަށް ފަހު އެ ގާާނޫނުގެ ދަށުން ހަދާ ގަވައިދެެއްގެ ތެރެއިންނެވެ.

ފަޅުރަށްރަށާ ބެހޭ ގާނޫނުގައި ރަށްތައްް ދޫކުރަން މިހާރު ވެސް އޮތީ ދެ ގޮތެކެވެ. އެއްގޮތަކީ އާއްމުކޮށް އިއުލާނުކޮށްގެން، އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަަޅާ ފަރާތްތަކަށް ރަށްތައް ދޫކުރުމެވެ. ދެވަނަ ގޮތަކީ ރަށުގައި ކުރަން ބޭނުންވާ ކަމަކާ ބެހޭ ތަފްސީލު ރިޕޯޓަކާ އެކު ޕްރޮޕޯޒަލް ހުށަހެޅުމުން، ޝަރުތު ހަމަވާ ނަމަ ދޫކުރުމެވެ. މިހާރު އޮތް ގާނޫނުގައި އޮންނަ ގޮތުން އެގޮތަށް ހުށަހެޅޭނީ މިނިސްޓްރީއަށެވެ. މިހާރު ހުށަހަޅާފައިވާ ބިލުގައި އެ މާއްދާއިން "މިނިސްޓްރީ" ކަނޑާލައި، ކައުންސިލްތަކަށް ވެސް ހުށަހެޅޭ ގޮތަށް ބަދަލުކުރަން އެބަ އޮތެވެ.

ދަތުރުފަތުރާ ބެހޭ ބާރުތައް

ކަނޑުއުޅަނޑުތައް ދުއްވުމުގެ ގާނޫނާއި އެއްގަމު އުޅަނދުތައް ދުއްވުމުގެ ގާނޫނުގެ ދަށުން ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ދެމުން އަންނަަ ބައެއް ހިދުމަތްތައް ކައުންސިލްތަކުން ދެވޭ ގޮތަށް ހަދަން އެ ދެ ގާނޫނަށްް ވެސް ސަރުކާރުން މިހާރު އިސްލާހު ހުށަހަޅާފައި އެބަ އޮތެވެ. އެކަމަކު ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް އެ ދެ ގާނޫނުން ވެސް ދޫކޮށްލާނެ ކަންތައްތައް ކަނޑައަޅަން ދެ ބިލުގައި ވެސް ބާރު ދީފައި އޮތީ ޓްރާންސްޕޯޓް މިނިސްޓްރީއަށެވެ.

ކައުންސިލްތަކުން ދޭނެ ހިދުމަތްތައް ކަނޑައަޅައި، އެ ހިދުމަތްތައް ދޭނެ ގަވާއިދުތައް ވެސް ހަދާނީ އެ މިނިސްޓްރީންނެވެ. އެގޮތުން ހަދާ ގަވައިދުތައް، ބިލްތައް ގާނޫނަކަށް ވާތާ ހަ މަސް ދުވަހުގެ ތެރޭގައި ހަދަން ޖެހޭނެ އެވެ.

ލާމަރުކަޒީ ގާނޫނުން ކަަނޑައަޅާފައިވާ އިހުތިސާސްގެ ތެރޭގައިވާ ފަޅުރަށްރަށާއި ފަޅުތަކާއި ފަރުތަކުގައި އެކި އެކި މަސަައްކަތްތައް ކުރުމާއި އެ ތަންތަންތައް ދޫކުރުމުގެ ބާރު ކައުންސިލްތަކަށް ދިނީ އެ ގާނޫނަށް ނުވަ ވަނަ އިސްލާހު ގެންނަން މިދިޔަ އަހަރު ފާސްކުރި ގާނޫނުންނެވެ.