Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

05 ޖުލައި 2021

މިދިޔަ މަހުގެ ފަހުކޮޅު އިއުލާންކުރި ކާތިކް އާރިޔަންގެ ފިލްމު "ސަތިއަނާރަޔަން ކީ ކާތާ" ގެ ނަން ބަދަލުކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ މަހުގެ ފަހުކޮޅު އިއުލާންކުރި ކާތިކް އާރިޔަންގެ ފިލްމު "ސަތިއަނާރަޔަން ކީ ކާތާ" ގެ ނަން ބަދަލުކުރަން ނިންމައިފި އެވެ.

މިކަން ފިލްމުގެ ޓީމުން ހާމަކޮށް ނެރުނު ބަޔާނެއްގައި ބުނީ އެގޮތަށް ނިންމީ ފިލްމުގެ ނަން ބަޔަކަށް މައްސަލައަކަށްވެދާނެތީ އެފަދަ ކަމެއް ހިނގިޔަ ނުދޭން ކަމަށެވެ. އަދި ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، ސަމީރު ވިދުވަންސް ޑައިރެކްޓްކުރާ ފިލްމަށް "ސަތިއާނާރަޔަން ކީ ކާތާ" ކިޔާފައި ވަނީ ބަޔަކަށް ކުޑައިމީސްކުރުމުގެ ވިސްނުމެއް އޮވެގެން ނޫން ކަމަށް ވެސް ބުންޏެވެ.

ސަތިއަނާރަޔަން އަކީ އެ ނަމަކީ ހިންދޫންނާ ގުޅޭ ނަމެކެވެ.

ފިލްމުގެ ނަން ބަދަލުކުރަން ނިންމިކަން އިއުލާންކޮށް ބުނީ ވަރަށް އަވަހަށް އާ ނަން އާންމުކުރާނެ ކަމަށެވެ.

އަސަރުގަދަ ލޯބީގެ ވާހަކައަކަށް ހަދާ މި ފިލްމުގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފަށަން އަންނަނީ ތައްޔާރުވަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން ފިލްމުގެ ބަތަލާގެ ރޯލުން ކާތިކާ އެކު ފެންނާނީ ސާރާ އަލީ ޚާން ނުވަތަ ޝްރަދާ ކަޕޫރެވެ.

ތާޕްސީ އަށް ސްޕެއިންގެ އިތުރު ރިމޭކެއް

ހުނަރުވެރި ބަތަލާ ތާޕްސީ ޕައްނީ ސްޕެއިންގެ ފިލްމެއްގެ ހިންދީ ރިމޭކަކަށް އަނެއްކާ ވެސް ސޮއިކޮށްފި އެވެ.

މީޑިއާތަކުން ބުނީ މި ފިލްމަކީ 2010 ގައި ރިލީޒްކުރި ބިރުވެރި ފިލްމު "ޖޫލިއާސް އައިޒް" ގެ ރިމޭކް ކަމަށާއި ފިލްމުގެ މަސައްކަތް މި މަހުގެ 20 ގައި ނައިނިތާލްގައި ފަށާނެ ކަމަށެވެ. މީގެ ޑައިރެކްޓަރަކީ "ސެކްޝަން 375" ގެނެސްދިން އަޖޭ ބާލް އެވެ. އޭނާ އަކީ ދާދި ފަހުން ކާތިކް އާރިޔަން ދޫކޮށްލި ފިލްމު "ގުޑްބާއީ ފްރެޑީ" ގެ ވެސް ޑައިރެކްޓަރެވެ.

ތާޕްސީގެ އާ ފިލްމުގެ ބަތަލަކީ ގުލްޝަން ދެވިއާ އެވެ.

ތާޕްސީ ކުރިން ވެސް ސްޕެއިންގެ ފިލްމެއްގެ ހިންދީ ރިމޭކް ކުޅެފައިވެ އެވެ. އެއީ "ދި އިންވިސިބަލް ގެސްޓް" އަށް ހެދި 2019 ގެ "ބަދުލާ" އެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން "ލޫޕް ލަޕޭޓާ" އަކީ ޖަރުމަންގެ ފިލްމު "ރަން ލޯލާ ރަން" ގެ ރިމޭކެކެވެ.

ތާޕްސީގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 2 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރި "ހަސީން ދިލްރުބާ" އެވެ.

އާލިިއާގެ "ޑާލިންސް" ގެ ޝޫޓިން ފަށައިފި

ބަތަލާ އާލިއާ ބަޓް ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވެ ހަދާ ފިލްމު "ޑާލިންސް" ގެ ޝޫޓިން ފަށައިފި އެވެ.

ޝޫޓިންގެ ފުރަތަމަ ދުވަހު ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމްގައި ޕޯސްޓްކޮށް ބުނީ ފިލްމުގެ މަސައްކަތް ފަށާތީ ވަރަށް ކަންބޮޑުވެފައި ހުރި ކަމަށެވެ.

"ޑާލިންސް" އަކީ އާލިއާގެ ފިލްމު ކުންފުނި ސަންޝައިން ޕްރޮޑަކްޝަނާއި ޝާހްރުކް ޚާންގެ ރެޑް ޗިލީޒް އެންޓަޓައިންމަންޓް ގުޅިގެން ހަދާ ފިލްމެކެވެ.

މިއީ ސްކްރީން ރައިޓަރު ޖަސްމީތު ކޭ ރީން ލިޔެ، ޑައިރެކްޓްކުރާ ފިލްމެކެވެ. "ޑާލިންސް" ގެ ކާސްޓްގައި ވިޖޭ ވަރުމާ އާއިު ޝެފާލީ ޝާހް ވެސް ހިމެނެ އެވެ.

ކްރިކެޓް ތަރި ހަރުބަޖަން ލީޑް އެކްޓަރަކަށް

އިންޑިއާގެ ކްރިކެޓް ތަރިން ފިލްމީ ތަރިންނާއި ކައިވެނިކުރުމާއި އަދި ބައެއް ފަހަރު ފިލްމު ކުޅުމަކީ އާންމު ކަމެކެވެ. މި ފަހަރު އަނެއްކާ ވެސް އެކްޓިން އަށް މި ވަނީ ކްރިކެޓް ތަރިއެއް ނުކުމެފަ އެވެ. އެއީ ކުރީގެ ބަތަލާ ގީތާ ބަސްރާއާ ކައިވެނިކޮށް ދަރިޔަކު ވެސް ހުރި ހަރްބަޖަން ސިންގެވެ.

އޭނާ ލީޑް ރޯލަކުން ފެންނަ ފުރަތަމަ ފިލްމަކީ ތަމަޅަ ފިލްމު "ފްރެންޑްޝިޕް" އެވެ. މީގެ ޕޯސްޓަރު ދައްކައިލީ ބާޖީގެ ނަމުން މަޝްހޫރު ހަރްބަޖަންގެ 41 ވަނަ އުފަން ދުވަހާ ދިމާކޮށް ހޮނިހިރު ދުވަހު އެވެ. ފިލްމުގައި އޭނާ ކުޅޭނީ ވެސް ބާޖީ ކިޔާ ކެރެކްޓާއެކެވެ.

ޖޯން ޕޯލް ރާޖް އާއި ޝާމް ސޫރިއާ ޑައިރެކްޓްކޮށްފައިވާ "ފްރެންޑްޝިޕް" ގެ ކާސްޓްގައި އަރުޖުން، ލޮސްލިޔާ މަރިޔަނަސެން އަދި ސަތިޝް ހިމެނެ އެވެ. ފިލްމު މި އަހަރު ރިލީޒްކުރާނެ އެބެ.

ހަރްބަޖަން ކުރިން ބައެއް ހިންދީ ފިލްމުތަކުގައި މެހުމާނެއްގެ ގޮތުގައި ބައިވެރިވެފައިވެ އެވެ. އޭގެ ތެރޭގައި "މުޖްސޭ ޝާދީ ކަރޯގޭ" އާއި ""ބާޖީ އިން ޕްރޮބްލެމް" އަދި "ސެކަންޑްހޭންޑް ހަޒްބެންޑް" ހިމެނެ އެވެ.