Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

09 ސެޕްޓެމްބަރ 2021

ބޮލީވުޑްގެ ކާމިޔާބު ބަތަލާ އާލިއާ ބަޓް ޕްރޮޑިއުސްކޮށް، ކުޅޭ ފުރަތަމަ ފިލްމު "ޑާލިންސް" ގެ ޝޫޓިން ނިންމާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ކާމިޔާބު ބަތަލާ އާލިއާ ބަޓް ޕްރޮޑިއުސްކޮށް، ކުޅޭ ފުރަތަމަ ފިލްމު "ޑާލިންސް" ގެ ޝޫޓިން ނިންމާލައިފި އެވެ.

މި އަހަރުގެ ކުރީކޮޅު ޝޫޓިން ފެށި މި ފިލްމަކީ އާލިއާގެ ފިލްމު ކުންފުނި ސަންޝައިން ޕްރޮޑަކްޝަނާއި ޝާހްރުކް ޚާންގެ ރެޑް ޗިލީޒް އެންޓަޓައިންމަންޓް ގުޅިގެން ހަދާ ފިލްމެކެވެ. ސްކްރީން ރައިޓަރު ޖަސްމީތު ކޭ ރީން ޑައިރެކްޝަނަށް ނުކުތް "ޑާލިންސް" ގެ މައިގަނޑު ކާސްޓުންނަކީ އާލިއާ އާއި ވިޖޭ ވަރުމާ އާއި ރޯޝަން މެތިއުގެ އިތުރުން ޝެފާލީ ޝާހެވެ.

މި ފިލްމުގެ ޝޫޓިން ނިންމާލައި ކާސްޓާއި ކްރޫ އެކަން ފާހަގަކުރަން ޕާޓީ ވެސް ކޮށްފައިވާ އިރު، އާލިއާ ދާދި ފަހުން ވަނީ ކަރަން ޖޯހަރްގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ޝޫޓިން ވެސް ފަށައިފަ އެވެ. އެ ފިލްމުގެ ބަތަލަކީ ރަންވީރު ސިންގް އެވެ. މި ދެ ފިލްމު ވެސް އަންނަ އަހަރު ގެނެސްދޭނެ އެވެ.

"ބޫތު ޕޮލިސް" ހުކުރު ދުވަހު

ކުރިން މި މަހުގެ 17 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރަން އޮތް ހޮރޯ-ކޮމެޑީ "ބޫތު ޕޮލިސް" މާދަމާ ގެނެސްދޭ ގޮތަށް ނިންމައިފި އެވެ.

މި ފިލްމަކީ ރަމޭޝް ތައުރާނީ ޕްރޮޑިއުސްކޮށް، ޕަވަން ކިރްޕަލާނީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. "ބޫތު ޕޮލިސް" ގެ ކާސްޓުންނަކީ ސައިފް އަލީ ޚާނާއި ޖެކްލިން ފެނަންޑޭޒާއި އަރުޖުން ކަޕޫރްގެ އިތުރުން ޔާމީ ގޯތަމެވެ.

މި ފިލްމު ކުރިން ގެނެސްދޭން އޮތް ތާރީހަށް ވުރެ ހަފުތާއެއް ކުރިން ގެނެސްދޭން ނިންމި އިރު، ފިލްމުގެ ދެ ލަވައެއް ވެސް އާންމުކޮށްފައިވެ އެވެ.

ޝާހްރުކާއި އެޓްލީގެ ފިލްމަކީ "ޖަވާން"

ޕޫނޭގައި މިހާރު ޝޫޓިން ފަށާފައިވާ ކަމަށް ބުނެ ތަމަޅަ ޑައިރެކްޓަރު އެޓްލީ، ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާނާ އެކު ހަދާ ފިލްމުގެ ނަމަކީ "ޖަވާން" ކަމަށް ބައެއް މީޑިއާތަކުން ބުނެފި އެވެ.

މި ފިލްމުގެ ވާހަކަ 2019 ވަނަ އަހަރުން ފެށިގެން މީޑިއާތަކުގައި ދެކެވެމުން ދިޔަ ނަމަވެސް މިއާ ބެހޭ ގޮތުން ރަސްމީކޮށް ޝާހްރުކާއި އެޓްލީ އެއްވެސް ވާހަކައެއް ދައްކައިފައެއް ނުވެ އެވެ. އެކަމަކު މިހާރު ޔަގީންވާ ކަމަކީ ފިލްމުގެ ކާސްޓާއި ކްރޫ މި ވަގުތު ތިބީ ޝޫޓިން އަށް ޕޫނޭގައިކަމެވެ.

ނެޓްފްލިކްސްގެ ސްޕެއިންގެ ސީރީޒް "މަނީ ހައިސްޓް" ގެ ކުލަވަރު ވެސް ހިމަނައިގެން ހަދާ ކަމަށް ބުނާ ފިލްމުގެ ކާސްޓްގައި ނަޔަންތަރާ، ޕްރިޔަމަނީ، ސާނިއާ މަލްއުތުރާ، ސުނިލް ގްރޯވާ އަދި ރާނާ ދަގޫބަތީ ހިމެނެ އެވެ.

މި ފިލްމުގެ ނަމަކީ "ޖަވާން" ކަމަށް މީޑިއާތަކުން މިހާރު ބުނަން ފަށާފައިވާ އިރު، ޝާހްރުކް ޑަބަލް ރޯލެއް ކުޅޭ ފިލްމަށް "ސާންކީ" ކިޔަން ވެސް ކުރިން އުޅުނެވެ. އެކަމަކު އެ ނަން ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ ރަޖިސްޓްރީކޮށްފައި އޮތުމުން އެ ނަން ލިބޭ ގޮތެއް ނުވީ އެވެ.

ސާރާ އަނެއްކާ ވެސް ރާއްޖޭގައި

މި ފަހުން ރާއްޖެ އަށް ޗުއްޓީ އަށް އެންމެ ގިނައިން އަންނަ ބޮލީވުޑްގެ ބަތަލާއިންގެ ތެރޭގައި ހިމެނޭ ސާރާ އަލީ ޚާން އަނެއްކާ ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

އޭނާ މި ފަހަރު ރާއްޖެ އައީ ރައްޓެހިންތަކަކާ އެކީގަ އެވެ. އެއީ ރައްޓެއްސެއްގެ އުފަން ދުވަސް ފާހަގަކުރާށެވެ. މި ދަތުރުގެ ތެރެއިން އެ މީހުން ތިބި ރިސޯޓްގައި ނަގާފައިވާ ފޮޓޯތަކެއް ވެސް އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވެ އެވެ.

މިދިޔަ މަހުގެ ތެރޭގައި ސާރާގެ ބައްޕަ ސައިފާއި ދޮންމަންމަ ކަރީނާ ކަޕޫރް އެ މީހުންގެ ދަރިންނާ އެކު ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވެ އެވެ.

މިދިޔަ އަހަރު "ކޫލީ ނަމްބަރު 1" އިން ފެނިގެން ދިޔަ ސާރާގެ ކުރިއަށް އޮތް ފިލްމަކީ އަކްޝޭ ކުމާރާއި ދަނޫޝްއާ އެކު ކުޅެފައިވާ "އަތުރަންގީ ރޭ" އެވެ.