Roadha Mihaaru
އާޗީގެ ރޯލު އަމީތާބްގެ ކާފަދަރި އަގަސްޓިއާ އަށް؟

އާޗީގެ ރޯލު އަމީތާބްގެ ކާފަދަރި އަގަސްޓިއާ އަށް؟

13 ނޮވެމްބަރ 2021

ހުޅަނގުގެ މަޝްހޫރު ކޮމިކް ވާހަކަ "އާވީ" އަށް ބިނާކޮށް ބޮލީވުޑްގެ ޑައިރެކްޓަރު ޒޯޔާ އަޚްތަރު ހަދާނެކަން އިއުލާންކުރި ފިލްމު "ދި އާޗީސް" ގައި އާޗީގެ ރޯލު ކުޅޭނީ އަމީތާބް ބައްޗަންގެ ކާފަދަރިފުޅު އަގަސްޓިއާ ނަންދާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހުޅަނގުގެ މަޝްހޫރު ކޮމިކް ވާހަކަ "އާވީ" އަށް ބިނާކޮށް ބޮލީވުޑްގެ ޑައިރެކްޓަރު ޒޯޔާ އަޚްތަރު ހަދާނެކަން އިއުލާންކުރި ފިލްމު "ދި އާޗީސް" ގައި އާޗީގެ ރޯލު ކުޅޭނީ އަމީތާބް ބައްޗަންގެ ކާފަދަރިފުޅު އަގަސްޓިއާ ނަންދާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އޭނާ ބޮލީވުޑަށް ނުކުންނަން އުޅޭ ވާހަކަ ދެކެވޭތާ މިހާރު އަހަރެއްހާ ދުވަސް ވެދާނެ އެވެ. ކުރިން އަޑު އެރި ގޮތުން އަގަސްޓިއާ ބޮލީވުޑަށް ނެރޭނީ އޭނާގެ މާމަ ޖަޔާ ބައްޗަން މިހާރު ކުޅެމުން އަންނަ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ޑައިރެކްޓަރު ކަރަން ޖޯހަރް ޕްރޮޑިއުސްކުރާ ފިލްމަކުންނެވެ.

އަގަސްޓީއާ، 20، އަކީ އަމީތާބާއި ޖަޔާގެ ދޮށީ ދަރިފުޅާ ޝްވޭތާ ބައްޗަންގެ ހަގު ދަރި އެވެ. އޭނާގެ ދޮއްޓަށް ހުންނަނި ނަވިއާ ނަވޭލީ ނަންދާ، 24، އެވެ. އެ މީހުންގެ ބައްޕައަކީ މަޝްހޫރު ކަޕޫރް ޚާންދާނަށް ނިސްބަތްވާ ނިކިލް ނަންދާ އެވެ.

ރިޕޯޓްތައް މިހާރު ބުނާ ގޮތުން ޒޯޔާގެ "ދި އާޗީސް" ގެ ބަތަލުގެ ރޯލު އަގަސްޓިއާ ހަމަޖައްސާފައިވާތީ ވަރަށް އަވަހަށް އެކަން ރަސްމީކޮށް އިއުލާން ކުރާނެ އެވެ.

ހުޝީ، ސުހާނާ އަދި އަގަސްޓިއާ.

ހުޝީ، ސުހާނާ އަދި އަގަސްޓިއާ.

މި ފިލްމުގެ ވާހަކަ ކުރިން ދެކެވުނު އިރު، ބައެއް މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި ފިލްމުގެ ބަތަލުގެ ރޯލު ކުޅޭނީ ސައިފް އަލީ ޚާންގެ ދަރިފުޅު އިބްރާހީމް އަލީ ޚާނެވެ. އެކްޓަރެއްގެ ގޮތުގައި ނުކުތުމުގެ ކުރިން އޭނާ މިހާރު އަންނަނީ ކަރަންގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގައި މަސައްކަތް ކުރަމުންނެވެ.

މިއުޒިކަލް ޑްރާމާއެއްގެ ގޮތުގައި "ދި އާޗީސް" ގެނެސްދޭން ނިންމިކަން ޒޯޔާގެ ފިލްމު ކުންފުނި ޓައިގާ ބޭބީ އިން ބުރާސްފަތި ދުވަހު އިއުލާންކުރި ނަމަވެސް ކާސްޓާ ބެހޭ އެއްވެސް ތަފުސީލެއް ނުދެ އެވެ. އެކަމަކު މީޑިއާތަކުން ބުނީ އޭގެ ލީޑް ދެ ބަތަލާއިންގެ ތެރެއިން ޝާހްރުކް ޚާންގެ އަންހެން ދަރިފުޅު ސުހާނާ ޚާން ކުޅޭނީ ބެޓީގެ ރޯލު ކަމަށެވެ. އަދި ވެރޯނިކާގެ ރޯލު ކުޅޭނީ ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު ދަރިފުޅު ހުޝީ ކަޕޫރެވެ.

މި ކުދިން ޒޯޔާ ފިލްމަށް ގެންނަ ނަމަ "ދި އާޗީސް" ވާނީ އެ މީހުންގެ އެކްޓިން ކެރިއަރުގެ ފެށުމެވެ. މި ފިލްމަކީ ނެޓްފްލިކްސްއާ ގުޅިގެން ހަދަން ނިންމާފައިވާ އެއްޗެކެވެ.