Roadha Mihaaru
ޑަބްލިއުއެޗްއޯ އިން 19،500 ޓެސްޓްކިޓް ހަދިޔާކޮށްފި

ޑަބްލިއުއެޗްއޯ އިން ރާއްޖެ އަށް 19،000 ޓެސްޓް ކިޓާއި 6 މޮޓޯ ސައިކަލް ހަދިޔާކޮށްފި

05 ޖުލައި 2021

ރާއްޖެ އިން ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތަށް އެހީތެރިވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން 19،500 ޓެސްޓް ކިޓާއި ރެޕިޑް ރެސްޕޮންސް ޓީމުތަކުން ބޭނުންކުރުމަށް ހަ ސައިކަލު މިއަދު ހަދިޔާކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖެ އިން ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތަށް އެހީތެރިވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން 19،500 ޓެސްޓް ކިޓާއި ރެޕިޑް ރެސްޕޮންސް ޓީމުތަކުން ބޭނުންކުރުމަށް ހަ ސައިކަލު މިއަދު ހަދިޔާކޮށްފި އެވެ.

ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކުރުމަށް އެ ޖަމިއްޔާ އިން ވެ ދިން މި އެހީއާ ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ. އަދި ޑަބްލިއުއެޗްއޯގެ ފަރާތުން މި ތަކެތި ހަދިޔާ ކުރެއްވީ ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑރ. ނާޒްނީން އަންވަރެވެ.

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، މި ތަކެތީގެ ތެރޭގައި ކޮވިޑާ ގުޅިގެން ބޭނުންވާ ބޭސްތަކާއި 11 ޖީން އެކްސްޕާޓް މެޝިނާއި 10 އޮޓޯކްލޭވް އަދި ކޮވިޑާ ގުޅިގެން ހަރަކާތްތެރިވާ ރެޕިޑް ރެސްޕޮންސް ޓީމު ބޭނުންކުރުމަށް ހަ މޮޓޯ ސައިކަލު ހިމެނެ އެވެ. އަދި ވެކްސިން ރައްކާކުރުމަށް ބޭނުންވާ އާލާތްތަކުގެ އިތުރުން ހަދިޔާކުރީ 19،500 ޓެސްޓް ކިޓެވެ.

ޑަބްލިއުއެޗްއޯ އިން ވަނީ ގިނަ އަދަދަކަށް ރާއްޖެ އަށް ޓެސްޓް ކިޓް ކުރިން ވެސް ހަދިޔާކޮށްފަ އެވެ.

މިނިސްޓްރީން ބުނީ މިއަދު ލިބުނު 11 ޖީން އެކްސްޕާޓް މެޝިނާ އެކު ރާއްޖޭގެ 18 އަތޮޅެއްގެ އަތޮޅު ހޮސްޕިޓަލުތަކުގައި މެޝިންތައް ބަހައްޓައި ހިދުމަތް ދެވޭނެ ކަމަށެވެ. އަދި އިތުރު 10 ރަށެއްގައި އޮޓޯކްލޭވް ބަހައްޓައި، ސިއްހީ ހިދުމަތް ދިނުމަށް ބޭނުންވާ ތަކެތި ރައްކާތެރިކޮށް ނައްތައިލުމުގެ އިންތިޒާމު ހަމަޖެހޭނެ ކަމަށް ބުނެ އެވެ.

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ޑަބްލިއުއެޗްއޯގެ އެހީއާއެކު ރެޕިޑް ރެސްޕޮންސް ޓީމުތަކުގެ މަސައްކަތް އަވަސްވެ، ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް އިތުރު ލުއިތަކެއް ލިބޭނެ އެވެ.

ރާއްޖޭގައި ކޮވިޑް ބަލި ފެތުރެން ފެށީއްސުރެ ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނައިރު މި ބައްޔަށް ޓެސްޓުކުރުމަށް ބޭނުންވާ މެޝިނާއި ޓެސްޓް ކިޓްގެ އިތުރުން ކޮންސިއުމަބަލްސް މެދުނުކެނޑި ދަނީ ފޯރުކޮށްދެމުންނެވެ.