Roadha Mihaaru
ކެންސަރު ކޮންޓްރޯލް ކުރުމަށް ފަސް އަހަރުގެ ޕްލޭނެއް

ކެންސަރު ކޮންޓްރޯލް ކުރުމަށް ފަސް އަހަރުގެ ޕްލޭނެއް އެކުލަވާލައިފި

16 ފެބުރުއަރީ 2023

ރާއްޖޭގައި ކެންސަރު ބަލި ކޮންޓްރޯލް ކުރުމަށް ފަސް އަހަރުގެ ޕްލޭނެއް އެކުލަވާލައި، އެ ޕްލޭން މިއަދު އިފުތިތާހު ކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރާއްޖޭގައި ކެންސަރު ބަލި ކޮންޓްރޯލް ކުރުމަށް ފަސް އަހަރުގެ ޕްލޭނެއް އެކުލަވާލައި، އެ ޕްލޭން މިއަދު އިފުތިތާހު ކޮށްފި އެވެ.

ނެޝަނަލް ކެންސަ ކޮންޓްރޯލް ޕްލޭން (އެންސީސީޕީ) އަކީ ގައިންގަޔަށް ނާރާ ބަލިތައް ރާއްޖޭގައި ފެތުރޭ ވަރު އިތުރުވާތީ އެފަދަ ބަލިތައް ކޮންޓްރޯލްކޮށް، ސިއްހީ ދުޅަހެޔޮކަން އިތުރުކުރުމަށް މިހާރު ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް އިތުރަށް ފުޅާކޮށް، ހަރުދަނާކުރުމަށް އެކުލަވާލި ކަންކަމުގެ ތެރެއިން 2022-2026 އަށް އެކުލަވާލި ޕްލޭނެކެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ފަންނީ ލަފަ އާއި އެހީތެރިކަމާއެކުގައި އަދި ރާއްޖޭގައި ކަމާ ގުޅުން ހުރި ފަންނީ ފަރާތްތަކުގެ މަޝްވަރާއާ އެކު އެކުލަވާލި އެ ޕްލޭން އިފުތިތާހު ކޮށްދެއްވީ ހެލްތު މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މިނިސްޓަރު އަހުމަދު ނަސީމެވެ.

ޕްލޭންގެ މައިގަނޑު މަގްސަދުތަކަކީ:

1. ކެންސަރުން ރައްކާތެރިވުމަށް ސިއްހީ އާދަތަކަށް އަހުލުވެރިވުން.

2. އަވަހަށް ބަލި ދެނެގަނެ އަވަހަށް ފަރުވާ ފެށުން.

3. އާއިލާތަކަށް މާލީ ބުރައެއް އުފުލަން ނުޖެހި ކެންސަރުގެ ފަރުވާ ލިބުން.

4. ކެންސަރު ބަލި ތަހައްމަލުކުރާ މީހުންނަށް ބޭނުންވާ ޕެލިއޭޓިވް އާއި ސަޕޯޓިވް ކެއާގެ ކަވަރޭޖް ފުޅާކުރުން.

5. ކެންސަރުގެ ގައުމީ ރަޖިސްޓަރީ ގާއިމު ކުރުމާއި ދިރާސާތައް ކުރުން

ހެލްތް މިނިސްޓްރީން ބުނީ ޕްލޭން ގައި ހިމެނޭ ކަންކަން ތަންފީޒު ކުރުމުން، ގައިންގަޔަށް ނާރާ ބަލިތައް މިހާރު ހުރި ވަރު 2030 ގެ ނިޔަލަށް 25 ޕަސެންޓަށް ދަށްކުރުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް މަގުފަހިވާނެ ކަމަށެވެ.

ޕްލޭނަށް އަމަލުކުރުމުގެ މަގްސަދުތަކުގެ ތެރޭގައި ކެންސަރުން ރައްކާތެރިތެރިވުމަށް ރާއްޖޭގައި އަޅަންޖެހޭ ފިޔަވަޅުތައް ކަނޑައެޅުމާއި ކެންސަރު ބަލީގެ މީހުންނަށް އެކަށީގެންވާ ފަރުވާ އާއި އެހެނިހެން ހިދުމަތްތައް ފޯރުކޮށްދިނުން ހިމެނެ އެވެ.

ފަރުވާ ހޯދަން ދިމާވާ ގޮންޖެހުންތަށް ކުޑަކުރުމާއި އެ ކަންކަމާ ގުޅޭގޮތުން ދައުލަތުގެ މުއައްސަސާތަކުންނާއި އަމިއްލަ ފަރާތްތަކާއި މަދަނީ ޖަމިއްޔާ، ޖަމާއަތްތަކުން ކުރާ މަސައްކަތްތައް އެއް އަމާޒަކަށް ގެންދިއުމަށްޓަކައި ގުޅުން ރަނގަޅު ކުރުމަކީ ވެސް ޕްލޭންގެ މަގުސަދެކެވެ.

ހެލްތު މިނިސްޓްރީން ބުނީ، ކެންސަރު ޖެހޭ އަދަދާއި ކެންސަރުގެ އާންމު ވައްތަރުތަކާއި އަދި ކެންސަރު ބައްޔަށް ހުށަހެޅޭ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި ފަރުވާ ހޯދާ މީހުންގެ މައުލޫމާތު ގަވައިދުން އެއްކޮށް، އެ މީހުންނަށް ދޭންޖެހޭ ފަރުވާ އާއި އެހީތެރިކަން ރަނގަޅަށް ބަލައި ތަފާސްހިސާބު އެއްކުރުމަށް ބޭނުންވާ "ކެންސާ ރަޖިސްޓްރީ" ހަރުދަނާ ކުރުމަކީ ވެސް އެ ޕްލޭންގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ ކަމެއް ކަމަށެވެ.