Roadha Mihaaru
ޖަރުމަންގެ ކުޑަ ފޭނަށް ހާއްސަ ފަންޑު ޔުނިސެފަށް

ޖަރުމަން ބަލިވި މެޗްގައި ރުއި ކުއްޖާ އަށް ހާއްސަކުރި ފަންޑުން ލިބުނު އެހީ ޔުނިސެފަށް

08 ޖުލައި 2021

މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިދިޔަ މަހުގެ ފަހުކޮޅު އިނގިރޭސީންގެ އަތުން ޖަރުމަން ބަލިވި މެޗްގައި ރުއި ޖަރުމަންގެ ކުޑަ ފޭނަކަށް ހާއްސަ ހަދިޔާއެއް ދޭން އިނގިރޭސިއަކު ފެށި ކެމްޕޭނަކަށް ބޮޑު ތަރުހީބެއް ލިބި އެއަށް ލިބުނު ފައިސާ އެ ކުއްޖާގެ އާއިލާގެ އެދުމުގެ މަތިން ޔުނިސެފަށް ހަދިޔާކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިދިޔަ މަހުގެ ފަހުކޮޅު އިނގިރޭސީންގެ އަތުން ޖަރުމަން ބަލިވި މެޗްގައި ރުއި ޖަރުމަންގެ ކުޑަ ފޭނަކަށް ހާއްސަ ހަދިޔާއެއް ދޭން އިނގިރޭސިއަކު ފެށި ކެމްޕޭނަކަށް ބޮޑު ތަރުހީބެއް ލިބި އެއަށް ލިބުނު ފައިސާ އެ ކުއްޖާގެ އާއިލާގެ އެދުމުގެ މަތިން ޔުނިސެފަށް ހަދިޔާކުރަން ނިންމައިފި އެވެ.

އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި އިނގިރޭސިންގެ އަތުން އެންމެ ފަހު ވަގުތު 2-0 އިން ޖަރުމަން ބަލިވި މެޗްގައި ރުއި އަންހެން ކުއްޖާ އަށް ހާއްސަކޮށްގެން ފަންޑް ހޯދުމުގެ ގޮތުން ކެމްޕޭނެއް ފެށީ އެ ކުއްޖާ ރޯ މަންޒަތު ފެންނަ ފޮޓޯ ސޯޝަލް މީޑިއާ އިން ފެނި ނިއުޕޯޓްގެ ޖޮއެލް ހިއުޒް، 51، އެވެ. އޭނާގެ އަމާޒަކަށްވީ ކުއްޖާ އަށް ހިތްވަރު ދިނުމުގެ ގޮތުން ހާއްސަ ހަދިޔާއެއް ދޭން 5،000 ޕައުންޑް އެއްކުރުމެވެ

ނަމަވެސް ފަންޑަށް ލިބުނު ތަރުހީބު ބޮޑުވެ، ފަންޑް ބަންދުކުރި އިރު ޖުމްލަ 36،000 ޕައުންޑް (49,658 ޑޮލަރު) ލިބުނެވެ. އެ ފައިސާގެ ކުއްޖާގެ އާއިލާއާ ހަވާލުކޮށްދޭން އުޅުމުން އާއިލާ އިން ވަނީ އެ ފައިސާ ހައިރާތަށް ހޭދަކުރަން ޖޮއެލްގެ ކިބައިން އެދިފަ އެވެ.

ފަންޑް އެއްކުރި ޖޮއެލް.

ފަންޑް އެއްކުރި ޖޮއެލް.

އެކަމާ ގުޅިގެން ކުއްޖާގެ އާއިލާ އިން ނެރުނު ބަޔާނެއްގައި ބުނީ "އާއިލާ އަށް ޕްރައިވެސީ ވަރަށް ބޮޑަށް ބޭނުންވާ" ކަމަށާއި "އެހެންވެ ދަރިފުޅު ވެސް އެދެނީ ފަންޑަށް ލިބުނު ފައިސާ ޔުނިސެފަށް ހަދިޔާކުރަން" ކަަނަށެވެ.

"ތި ދިން ހިތްވަރާއި ސަޕޯޓަށް ޝުކުރިއްޔާ. އެހެންވީމަ އެހީ ޔުނިސެފަށް ދިނުމަކީ ދަރިފުޅުގެ ވެސް ވަރަށް ބޮޑު އެދުމެއް،" އާއިލާ އިން ބުންޏެވެ.

ޔުނިސެފަކީ ކުޑަކުދިންނަށް ހައްގުތަކަށް މަސައްކަތްކުރާ އދ. ގެ ޖަމިއްޔާ އެވެ.

ޖޮއެލް ވެސް ވަނީ އޭނާގެ ފަންޑަށް އާންމުން ދިން އެހީތެރި ކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.

މި ފަހަރުގެ ޔޫރޯގައި އިނގިރޭސީން ޖަރުމަން ބަލިކުރި މެޗަކީ އެ ގައުމު މުބާރާތުގެ ކުއާޓަ ފައިނަލް ވެސް ކަށަވަރުކުރި މެޗެވެ.

އެ މެޗްގައި ގައުމު ބަލިވުމުން ރުއި ކުއްޖާ އަށް އިނގިރޭސީން ވަރަށް ބޮޑަށް ސޯޝަލް މީޑިއާގައި ފާޑުކިޔައި، "ނާޒީއެއް" ގެ ގޮތުގައި ވެސް ސިފަކޮށްފައިވެ އެވެ. ނަމަވެސް އިނގިރޭސި ރައްޔިތެއްގެ ހައިސިއްޔަތުން ޖޮއެލް ދެއްކި ނަމޫނާ އަށް ވަރަށް ގިނަ ބަޔަކު ތައުރީފު ވެސް ކޮށްފައިވެ އެވެ.