Roadha Mihaaru
އެންޖެލީނާގެ މިލިއަން ޑޮލަރު ކުޑަކުދިންނަށް ހާއްސަ

އެންޖެލީނާ ޖޮލީގެ މިލިއަން ޑޮލަރު ކުޑަކުދިންނަށް ހާއްސަ

29 މާޗް 2020

ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް ވަރަށް ގިނަ ސެލެބްރިޓީން މާލީ ގޮތުން އެހީދެމުން އަންނަ އިރު، ހޮލީވުޑްގެ މަޝްހޫރު ބަތަލާ އެންޖެލީނާ ޖޮލީ ކުޑަކުދިންނަށް ހާއްސަކޮށްގެން މިލިއަން ޑޮލަރު ހަދިޔާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް ވަރަށް ގިނަ ސެލެބްރިޓީން މާލީ ގޮތުން އެހީދެމުން އަންނަ އިރު، ހޮލީވުޑްގެ މަޝްހޫރު ބަތަލާ އެންޖެލީނާ ޖޮލީ ކުޑަކުދިންނަށް ހާއްސަކޮށްގެން މިލިއަން ޑޮލަރު ހަދިޔާކޮށްފި އެވެ.

އެކްޓަރު ބްރެޓް ޕިޓްގެ ކުރީގެ އަންހެނުން އަދި ހަ ކުދިން ތިބި ޖޮލީ އެހީ ދިނީ ކުޑަކުދިންނަށް ކުރިމަތިވަމުންދާ ބަނޑުހައިހޫނުކަމާ ދެކޮޅަށް މަސައްކަތްކުރާ އެމެރިކާގެ ޖަމިއްޔާއެއް ކަމަށްވާ ނޯ ކިޑް ހަންގްރީއަށެވެ.

އެ ޖަމިއްޔާ އަށް ޖޮލީ މިލިއަން ޑޮލަރުގެ އެހީއެއް ދިން އިރު ވަރަށް ގިނަ ފަރާތްތަކުން އަންނަނީ އެކި ގޮތްގޮތުން ނޯ ކިޑް ހަންގްރީ އަށް އެހީވަމުންނެވެ. އަދި މި ވާހަކަތައް ޓްވިޓާގައި ހިއްސާކޮށް، އެހީދޭ ފަރާތްތަކަށް އެ ޖަމިއްޔާ އަންނަނީ ޝުކުރު ވެސް އަދާކުރަމުންނެވެ.

ޔުނިސެފްގެ ގުޑްވިން އެމްބެސެޑަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ ޖޮލީ އަކީ އަބަދު ވެސް އިންސާނިއްޔަތަށް މަސައްކަތްކުރާ ފަންނާނެކެވެ. އެގޮތުން ރެފިއުޖީންނާއި ކުޑަކުދިންގެ ހައްގުތަކުގައި އޭނާ އަކީ އިސް ރޯލެއް އަަދާކުރާ މީހެކެވެ.

ޖޮލީގެ ފަރާތުން ލިބުނު އެހީއާ ގުޅިގެން ނޯޑް ކިޑް ހަންގްރީ އިން ނެރުނު ބަޔާނެއްގައި ބުނީ މިހާރު ވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ބަނޑުހައިހޫނުކަމުގައި ބިލިއަނެއްހާ ކުދިން އެބަތިބި ކަމަށާއި ކޮރޯނާވައިރަހުގެ މި މުސީބާތާ ގުޅިގެން ހާލަތު އިތުރަށް ގޯސްވުމުގެ ބިރު ބޮޑު ކަމަށެވެ. އެހެންވެ އެކިއެކި ފަރާތްތަކުން ޖަމިއްޔާ އަށް ދޭ އެހީތައް ގައުމުތަކަށް ފޯރުކޮށްދޭނެ ކަމަށް ބުންޏެވެ.

ނޯ ކިޑް ހަންގްރީން މިހާރު ވެސް ވަނީ މި ދަނޑިވަޅުގައި 30 ގައުމެއްގެ 78 ޖަމިއްޔާއަކަށް 2 މިލިއަން ޑޮލަރުގެ އެހީ ދީފަ އެވެ.