Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

10 ޖުލައި 2021

ބޮލީވުޑްގެ ޒުވާން ބަތަލާ ކްރިތީ ސެނަންގެ ފިލްމު "މިމީ" މި މަހުގެ ތެރޭގައި ގެނެސްދޭނެ ކަމަށް ބުނެ ފިލްމު ޕޯސްޓަރު އާންމުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ޒުވާން ބަތަލާ ކްރިތީ ސެނަންގެ ފިލްމު "މިމީ" މި މަހުގެ ތެރޭގައި ގެނެސްދޭނެ ކަމަށް ބުނެ ފިލްމު ޕޯސްޓަރު އާންމުކޮށްފި އެވެ.

މަސައްކަތް ނިމިފައި އޮންނަތާ ގިނަ ދުވަސްތަކެއްވީ ނަމަވެސް ކޮވިޑް-19 އާ ހެދި ރިލީޒްނުކުރެވި އޮތް ފިލްމު މި މަހުގެ ތެރޭގައި ގެނެސްދޭނެ ކަމަށް ބުންޏަސް ރިލީޒްކުރާނެ ގޮތެއް އަދި ހާމައެއް ނުކުރެ އެވެ. އެހެން ފިލްމު ޑިޖިޓަލްކޮށް ޕްރީމިއާކުރަނީތޯ ނޫނީ ސިނަމާތަކުގައި އަޅުވަނީތޯ ސާފެއް ނުވެ އެވެ.

ފިލްމު ސިނަމާތަކުގައި އެޅުވުން ވެސް އެކަށީގެންވެ އެވެ. ސަބަބަކީ މި މަހުގެ 27 ގައި އަކްޝޭ ކުމާރުގެ "ބެލް ބޮޓަމް" ވެސް ސިނަމާތަކުގައި އަޅުވަން ނިންމާފައި އޮތުމެވެ.

ރަހިމު "ކުއްޔަށް ދީގެން" ދަރިން ހޯދައިދޭ ސަރޮގޭޓް މައެއްގެ ރޯލު ކްރިތީ ކުޅެފައިވާ "މިމީ" އަކީ އޭނާގެ 2019 ގެ ފިލްމު "ލުކާ ޗުއްޕީ" ގެ ޑައިރެކްޓަރު ލަކްޝަން އުޓޭކަރް ޑައިރެކްޓްކުރި ފިލްމެކެވެ. މީގެ ކާސްޓްގައި ޕަންކަޖް ތުރިޕަތީ ވެސް ހިމެނެ އެވެ.

ސޮނާކްޝީ އަށް ހޮރޯ ކޮމެޑީއެއް

ހޮރޯ ކޮމެޑީ ޖޯންރާގެ ފިލްމުތަކަށް ބޮލީވުޑްގެ މިހާރު ވަރަށް ބޮޑު ފޯރިއެއް އޮތް އިރު ސޮނާކްޝީ ސިންހާ ވެސް އެ ޒާތުގެ ފިލްމަކަށް ސޮއިކޮށްފި އެވެ.

މީޑިއާތަކުން ބުނީ "ކަކުޑާ" ގެ ނަން ދީފައިވާ މި ފިލްމަކީ ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކޮށް، 2018 ގެ މަރާޓީ ފިލްމު "މައުލީ" ގެނެސްދިން އަދިތިޔާ ސަރްޕޯޓްޑަރް ޑައިރެކްޓްކުރާ ފިލްމެއް ކަމަށެވެ. ސޮނާކްޝީއާ އެކު ފިލްމުގެ ކާސްޓްގައި "މައުލީ" ގެ ބަތަލު ރިތޭޝް ދޭޝްމުކާއި ސާގިބް ސަލީމް ހިމެނެ އެވެ.

"ކަކުޑާ" އަކީ އެ ދެ ތަރިންނާ އެކު ސޮނާކްޝީ މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. ބަތަލާ ހުމާ ގްރޭޝީގެ ކޮއްކޮ ސާގިބްގެ އެންމެ ފަހުގެ ބޮޑު ފިލްމަކީ 2018 ގެ "ރޭސް 3" އެވެ.

"ހިޓް" ގެ ރިމޭކްގައި ރާޖާއި ސާނިއާ

މިދިޔަ އަހަރުގެ ކުރީކޮޅު ރިލީޒްކުރި ކާމިޔާބު ތެލެގޫ ފިލްމު "ހިޓް: ދަ ފަސްޓް ކޭސް" ގެ ހިންދީ ރިމޭކަށް ރާޖްކުމާރު ރާއޯ އާއި ސާނިއާ މަލްއުތުރާ ނަގައިފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި މި ފިލްމު ހަދަން ނިންމާފައި ވަނީ ބުޝަން ކުމާރުގެ ޓީ ސީރީޒާއި ޕްރޮޑިއުސަރު ދިލް ރާޖޫގެ ފިލްމު ކުންފުނި ގުޅިގެންނެވެ. ރާޖާއި ސާނިއާ އަކީ މިދިޔަ އަހަރު ނެޓްފްލިކްސް އިން ގެނެސްދިން ޑައިރެކްޓަރު އަނޫރާގް ބާސޫގެ އެންތޮލޮޖީ ފިލްމު "ލޫޑޯ" ގެ ކާސްޓްގައި ވެސް ހިމެނުނު ދެ ތަރިންނެވެ. އެކަމަކު ދެ ތަރިން ފެނިފައި ވަނީ ވަކިވަކި ދެ ސެގްމަންޓަކުންނެވެ.

މިސްޓްރީ އެކްޝަން ތުރިލާއެއްގެ ގޮތުގައި ގެނެސްދިން "ހިޓް" ގެ ހިންދީ ފިލްމު ވެސް ޑައިރެކްޓްކުރާނީ އޮރިޖިނަލް ފިލްމު ވެސް ޑައިރެކްޓްކުރި ޑރ. ސައިލޭޝް ކޮލާނޫ އެވެ. ފިލްމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު، ވަރަށް އަވަހަށް ޝޫޓިން ފަށާނެ އެވެ.

ޓެނިސް ދެ ތަރިއެއްގެ ވާހަކަ ޒީ5 އަށް

އިންޑިއާގެ އެންމެ ކާމިޔާބު ފިރިހެން ޓެނިސް ތަރިންގެ ތެރޭގައި ހިމެނޭ ލިއަންޑާ ޕައެސް އާއި މަހޭޝް ބޫޕަތީގެ ކެރިއަރުގެ ވާހަކަ ޒީ5 ގެ ޝޯއަކުން ގެނެސްދޭން ނިންމައިފި އެވެ.

މި ޝޯގެ މޭސްތިރިންނަކީ ބޮލީވުޑްގެ އެންމެ ހުނަރުވެރި ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ދެމަފިރިން ކަމަށްވާ ނިތޭޝް ތިވާރީ އާއި އަޝްވިނީ އައްޔަރު ތިވާރީ އެވެ. ނިތޭޝް އަކީ "ޑަންގަލް" އާއި "ޗިޗޯރޭ" ގެނެސްދިން ޑައިރެކްޓަރެވެ. އަޝްވިނީ އަކީ "ޕަންގާ" އާއި "ބެރީލީ ކީ ބަރްފީ" ގެނެސްދިން ޑައިރެކްޓަރެވެ.

އެ ދެ މީހުން ގެނެސްދޭ މަހޭޝް އާއި ލިއަންޑާގެ ޝޯއާ ބެހޭ އިތުރު ތަފުސީލުތައް ވަރަށް އަވަހަށް އާންމުކުރާނެ އެވެ.

މަހޭޝް އަކީ ބޮލީވުޑްގެ ބަތަލާ އަދި ކުރީގެ މިސް ޔުނިވާސް ލާރާ ދައްތާގެ ފިރިމީހާ އެވެ.