Roadha Mihaaru
"ފޮތް ގާޑިޔާ" ހިޔާކުރަން ބީއެމްއެލްގެ އެހީތެރިކަން

ހުޅުމާލޭގެ 'ފޮތް ގާޑިޔާ' އަށް ބީއެމްއެލްގެ އެހީގައި އިތުރު ފުރިހަމަ ކަމެއް

10 ޖުލައި 2021

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ހުޅުމާލޭގައި ގާއިމު ކޮށްފައިވާ 'ފޮތް ގާޑިޔާ' އިތުރަށް ފުރިހަމަ ކުރުމަށްޓަކައި "ހަޓް" އެއް ހަދައި އާންމުންނަށް ބޭނުންކުރެވޭނެހެން ހުޅުވާލައިފަ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ހުޅުމާލޭގައި ގާއިމު ކޮށްފައިވާ 'ފޮތް ގާޑިޔާ' އިތުރަށް ފުރިހަމަ ކުރުމަށްޓަކައި "ހަޓް" އެއް ހަދައި އާންމުންނަށް ބޭނުންކުރެވޭނެހެން ހުޅުވާލައިފަ އެވެ.

ހަޓެއް ހެދުމުގެ ބޭނުމަކީ ވިއްސާރައިގެ ސަބަބުން ފޮތްތަކަށް ގެއްލުން ނުވާނެ ގޮތަށް "ފޮތް ގާޑިޔާ" އަށް ރައްކާތެރިކަން ދިނުމެވެ. ދިވެހި ހަރުގެއެއް ހެން ޑިޒައިންކޮށް، ހިޔާވާނެ ގޮތް ހަދާފައިވާ މި "ފޮތް ގާޑިޔާ" ގައި ހުންނަ ފޮތްތައް ރައްކާތެރިކަމާއެކު ބެހެއްޓޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

މި ގެނައި ބަދަލާއެކު ލިބޭނެ އެންމެ ބޮޑު އެއް ފައިދާއަކީ ފޮތް ކިޔަން ޝައުގުވެރިވާ ގިނަ ބަޔަކު އެއްވާ ތަނަކަށް "ފޮތް ގާޑިޔާ" ވުމާއި "ބުކް ކްލަބް" އިންތިޒާމު ކުރުމާއި އާޓް އެންޑް ކްރާފްޓް ސްޓޭޝަނެއް ގޮތަށް ބޭނުންކުރުމާއި ތައުލީމީ ޕްރޮޖެކްޓްތައް ހިންގުމާއި ސްކޫލު ގަޑީގައި ކުދިން ޒިޔާރަތްކޮށް ފޮތް ކިޔާނެ މާހައުލެއް އުފެދުމެވެ.

"ފޮތް ގާޑިޔާ" ތަރައްގީ ކުރުމުގެ ޕްރޮޕޯސަލް ކޮމިއުނިޓީ ފަންޑުގެ ދަށުން ކާމިޔާބު ކުރީ "ޗިލްޑްރަން އޮފް މޯލްޑިވްސް" އިންނެވެ.

"ފޮތް ގާޑިޔާ" ގެ ފައުންޑަރުން ވިދާޅުވާ ގޮތުގައި އެންމެ ބޮޑު ބޭނުމަކީ ފޮތް ކިޔުމުގެ އާދަ މުޖުތަމުގައި އިތުރު ކުރުމެވެ.

އެގޮތުން ތަފާތު ފޮތްތައް ލިބޭނެ އިންތިޒާމު ހަމަޖައްސައި، ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންނަށް ވެސް ބޭނުން ކުރެވޭނެހެން އެ ސަރަހައްދު ގާއިމުކުމަކީ އަމާޒެއް ކަމަށް ފައުންޑަރުން ވިދާޅުވި އެވެ.

"މިހާރު ދިމާވާ ދަތިތަކަށް ހައްލެއް ލިބުމުގެ އިތުރުން ތަފާތު ހަރަކާތަތްތައް ހިންގުމަށް ވެސް މި ތަން ބޭނުން ކުރެވިގެން ދާނެ،" ފައުންޑަރުންގެ ފަރާތުން ބުންޏެވެ.

މި ޕްރޮޖެކްޓް ހިންގުމަށް އެޗްޑީސީގެ ފަރާތުން ވަނީ ހަރުގެ އެޅުމަށް އެހީތެރިކަން ފޯރިކޮށްދިނުމުގެ އިތުރުން ބޭނުންވާނެ ބައެއް ސާމާނު ހޯދުމަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.