Roadha Mihaaru
28 އަހަރަށްފަހު އާޖެންޓީނާ ޗެމްޕިއަނަކަށް

28 އަހަރަށްފަހު އާޖެންޓީނާ ޗެމްޕިއަނަކަށް، މެސީގެ ފުރަތަމަ ތަށި

11 ޖުލައި 2021

ރިއޯޑީ ޖެނީރޯ (ޖުލައި 11) - ފައިނަލުގައި ބްރެޒިލްގެ މައްޗަށް 1-0 އިން ކާމިޔާބު ހޯދައި 28 އަހަރަށް ފަހު އާޖެންޓީނާ އިން ކޮޕާ އެމެރިކާގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ރިއޯޑީ ޖެނީރޯ (ޖުލައި 11) - ފައިނަލުގައި ބްރެޒިލްގެ މައްޗަށް 1-0 އިން ކާމިޔާބު ހޯދައި 28 އަހަރަށް ފަހު އާޖެންޓީނާ އިން ކޮޕާ އެމެރިކާގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މިއީ 1993 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ބޭއްވި ފަހުން އާޖެންޓީނާ އިން އެ މުބާރާތް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. އާޖެންޓީނާގެ ރައްޔިތުންގެ މޫނު މައްޗަށް ހިނިތުންވުން ގެނެސްދިން އިރު، މިއީ އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ އިންޓަނޭޝަނަލް ސީނިއާ ލެވަލްގައި ހޯދި ފުރަތަމަ ތައްޓެވެ.

ބްރެޒިލްގެ ރިއޯ ޑީ ޖެނީރޯގެ މަޝްހޫރު މެރަކާނާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، އާޖެންޓީނާގެ ލަނޑު ކާމިޔާބު ކުރީ އޭންހަލް ޑީ މާރިއާ އެވެ. މެޗުގެ 22 ވަނަ މިނެޓުގައި އޭނާ ލަނޑު ޖެހީ ރޮޑްރިގޯ ޕައުލް ތަނަވަސްކޮށް ދިން ފުރުސަތަކުންނެވެ.

ކޮޕާ އެމެރިކާގެ ކާމިޔާބަށް ފަހު އާޖެންޓީނާގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ

ކޮޕާ އެމެރިކާގެ ކާމިޔާބަށް ފަހު އާޖެންޓީނާގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ

ރޭގެ ކާމިޔާބު ހާއްސަވި މެސީ އަކީ ދުނިޔޭގެ އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމުގައި ގިނަ ބަޔަކު ބުނާ ކުޅުންތެރިޔާ އެވެ. ގައުމީ ޓީމަށް ކުޅެން ފެށިތާ 15 އަހަރު ފަހުން މެސީއަށް ތައްޓެއް ލިބުނީ ގިނަ ފައިނަލުތަކެއްގައި ކުރިމަތިވި ނާކާމިޔާބަށް ފަހު އެވެ.

ކޮޕާ އެމެރިކާގެ ފައިނަލުގައި މީގެ ކުރިންވެސް ތިން ފަހަރު ކުޅުނެވެ. ވޯލްޑް ކަޕު ފައިނަލުގައި އެއް ފަހަރު ކުޅުނެވެ.

ކޮޕާ އެމެރިކާގެ ފައިނަލުގައި ނާކާމިޔާބު ވުމުން ނޭމާ މާޔޫސް ވެފައި --- ފޮޓޯ: އޭއެފްޕީ

ކޮޕާ އެމެރިކާގެ ފައިނަލުގައި ނާކާމިޔާބު ވުމުން ނޭމާ މާޔޫސް ވެފައި --- ފޮޓޯ: އޭއެފްޕީ

މެސީ އަށް ކާމިޔާބު ލިބުނު އިރު އިދިކޮޅު ޓީމުގައި އެންމެ ބޮޑު ހިތްދަތި ކަމެއް ކުރިމަތިވި ކުޅުންތެރިޔަކީ މެސީ އާއެކު ބާސެލޯނާ އަށް ކުޅުނު ބްރެޒިލްގެ ނޭމާ އެވެ. ކޮޕާ އެމެރިކާގެ 2019 ވަނަ އަހަރުގެ މުބާރާތް ބްރެޒިލް ކާމިޔާބު ކުރި އިރު އަނިޔާގައި ހުރި ކުޅުންތެރިޔާ މިފަހަރު އުންމީދުކޮށްގެން ހުރީ އޭނާގެ ހިއްސާއާ އެކު ބްރެޒިލަށް ތަށި ހޯދައިދިނުމަށެވެ. ނާކާމިޔާބާ އެކު އޭނާ ވަރަށް ބޮޑަށް ހިތްދަތިވި މަންޒަރު ފެނުނެވެ.