Roadha Mihaaru
މެސީގެ ޕެނަންކާ ދަނޑިއަށް، ޓީމު ސަލާމަތްކުރީ ކީޕަރު

މެސީގެ ޕެނަންކާ ދަނޑިއަށް، ލަދުން ސަލާމަތް ކޮށްދިނީ މާޓިނޭޒް

05 ޖުލައި 2024

ޓެކްސަސް (ޖުލައި 5) - ކޮޕާ އެމެރިކާގެ ކުއާޓާ ފައިނަލްގައި އާޖެންޓީނާއާއި އެކުއެޑޯ 1-1 އިން އެއްވަރުވެ, ޕެނަލްޓީ ޝޫޓައުޓްގައި މެސީ ޖެހި ޕެނަންކާ ނާކާމިޔާބުވި ނަމަވެސް, ކީޕަރު އެމިލިއާނޯ މާޓިނޭޒްގެ ހުނަރު ދައްކާލައި 4-2 އިން އާޖެންޓީނާ މޮޅުކޮށްދީ, ސެމީ ފައިނަލަށް ގެންގޮސްދީފި އެވެ.

ޓެކްސަސް (ޖުލައި 5) - ކޮޕާ އެމެރިކާގެ ކުއާޓާ ފައިނަލްގައި އާޖެންޓީނާއާއި އެކުއެޑޯ 1-1 އިން އެއްވަރުވެ, ޕެނަލްޓީ ޝޫޓައުޓްގައި މެސީ ޖެހި ޕެނަންކާ ނާކާމިޔާބުވި ނަމަވެސް, ކީޕަރު އެމިލިއާނޯ މާޓިނޭޒްގެ ހުނަރު ދައްކާލައި 4-2 އިން އާޖެންޓީނާ މޮޅުކޮށްދީ, ސެމީ ފައިނަލަށް ގެންގޮސްދީފި އެވެ.

ނަތީޖާ އެއްވަރުވުމުން ޖެހި ޕެނަލްޓީގައި އާޖެންޓީނާގެ ފުރަތަމަ ޕެނަލްޓީ ފޮނުވާލީ ކެޕްޓަން މެސީ އެވެ. ނަމަވެސް އޭނާ ފޮނުވާލި ޕެނަންކާ އަމާޒުވީ ހުރަސް ދަނޑިއަށެވެ.

"ވަރަށް ރުޅި އައި ހަގީގަތުގަ, ޕެނަލްޓީ ފެއިލް ވީމަ. އަހަރެން ބޯޅައިގަ ފައި ޖައްސާލަން ބޭނުންވީ, އެކަމަކު ބޯޅަ އެރީ މާ މައްޗަށް," މެޗަށް ފަހު މެސީ ބުންޏެވެ.

މެސީގެ ޕެނަލްޓީ ނާކާމިޔާބުވި ނަމަވެސް, އާޖެންޓީނާގެ ކީޕަރު މާޓިނޭޒް ވަނީ އެކުއެޑޯ އިން ފޮނުވާލި ފުރަތަމަ ދެ ޕެނަލްޓީ ދިފާއު ކޮށްފަ އެވެ. އެކުއެޑޯ އަށް ކާމިޔާބުވީ ޖޯން ޔެބޮއާ އަދި މޮއީސެސް ކައިސޭޑޯ ފޮނުވާލި ޕެނަލްޓީ އެވެ.

މެސީ އަށް ފަހު އާޖެންޓީނާގެ ހޫލިއަން އަލްވަރޭޒް އާއި އެލެކްސިސް މެކް އަލިސްޓާ އަދި ގޮންޒާލޯ މޮންޓިއެލް އާއި ނިކޮލަސް އޮޓަމެންޑީ ވެސް ޕެނަލްޓީ ކާމިޔާބު ކުރި އެވެ.

މިއަދު ހެނދުނު ކުޅުނު މެޗުގައި އެންމެ ފުރަތަމަ ގޯލު ޖެހީ ވެސް އާޖެންޓީނާ އިންނެވެ. މެސީގެ ކޯނަރަކުން 35 ވަނަ މިނިޓުގައި މި ގޯލު ޖަހައިދިނީ ޑިފެންޑަރު ލިސަންޑްރޯ މާޓިނޭޒް އެވެ. ދެވަނަ ހާފުގައި އެކުއެޑޯ އަށް ނަތީޖާ އެއްވަރު ކުރަން ޕެނަލްޓީއެއް ލިބުނު ނަމަވެސް ކެޕްޓަން އެނާ ވެލެންސިއާ ފޮނުވާލި ޕެނަލްޓީ ޖެހުނީ ދަނޑީގަ އެވެ.

އެކުއެޑޯ އިން ނަތީޖާ އެއްވަރުކުރީ, ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރުވަގުތުގެ ތެރޭގައި, ކެވިން ރޮޑްރިގޭޒް ޖަހައިދިން ގޯލުންނެވެ.

މެސީ އާއި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ މި ޖީލުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިންނެވެ. މިހާރު ކުރިއަށްދާ ޔޫރޯ މުބާރާތުގައި ޕޯޗުގަލް އެންމެ ފަހުން ގަދަ 16 ގައި ކުޅުނު މެޗުގައި ރޮނާލްޑޯ އަތުން ވެސް ޕެނަލްޓީއެއް ވަނީ ނާކާމިޔާބު ވެފަ އެވެ. އެ މެޗު ވެސް ނިމުނީ އެއްވަރު ވެގެންނެވެ. އެއްވަރު ވެގެން ޕެނަލްޓީ ޝޫޓައުޓްގައި ރޮނާލްޑޯ, ޕޯޗުގަލްގެ ފުރަތަމަ ޕެނަލްޓީ ކާމިޔާބު ކުރިއިރު, ޕޯޗުގަލްގެ ކީޕަރު ޑިއޯގޯ ކޮސްޓާ ވަނީ ޝޫޓައުޓްގައި އިދިކޮޅުން ފޮނުވާލި ފުރަތަމަ ތިން ޕެނަލްޓީ މަތަކޮށްފަ އެވެ.