Roadha Mihaaru
ރިޔާޒް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފި

ރިޔާޒް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފި

11 ޖުލައި 2021

އާ ސިޔާސީ ޕާޓީއެއް ހައްދަވާތީ ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

އާ ސިޔާސީ ޕާޓީއެއް ހައްދަވާތީ ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފި އެވެ.

ރިޔާޒްގެ ވަރަށް ގާތް ބޭފުޅުއް ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އިސްވެ ހުންނަވައިގެން ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވައި، 3،000 މެމްބަރުންގެ ސޮއި މިހާރު ވަނީ ހޯއްދަވައިފަ އެވެ. އެނގިފައިވާ ގޮތުގައި ރިޔާޒަކީ ވެސް އެ ޕާޓީގެ އިސް ބޭފުޅަކަށް ވާނެ އެވެ.

ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމަށް ރިޔާޒް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ސިޔާސީ ޕާޓީއެއް އުފައްދައިގެން ގައުމަށާއި ރައްޔިތުންނަށް ހިދުމަތް ކުރައްވަން ބޭނުންވާތީ މިއަދުން ފެށިގެން ޖުމްހޫރީ ޕާޓީން ވަކިވާ ކަމަށެވެ.

"ސިޔާސީ ޕާޓީއެއް އުފައްދައިގެން ދިވެހި ގައުމަށާއި ރައްޔިތުންނަށް ހިދުމަތް ކުރުމަށް އަޅުގަނޑު ނިންމާފައިވާތީވެ، މިއަދުން ފެށިގެން ޖުމްހޫރީ ޕާޓީގެ މެމްބަރު ކަމުން އަޅުގަނޑު ވަކިވި ވާހަކަ ދެންނެވީމެވެ." ޖޭޕީގެ ލީޑަރު ގާސިމްގެ އެޑްވައިޒަރެއްގެ ގޮތުގައި ވެސް ހުންނެވި ރިޔާޒުގެ ސިޓީގައިވެ އެވެ.

އޭނާ ވަނީ ޖުމްހޫރީ ޕާޓީން އޭނާއަށް ލިބިވަޑައިގެންނެވި އެހީތެރިކަމާއި އެއްބާރުލުމަށް އެ ޕާޓީގެ ހުރިހާ މެމްބަރުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ނާޒިމް އިސްވެ އުފައްދަވާ ޕާޓީގައި ރިޔާޒުގެ އިތުރުން މަޖިލީހުގެ މިނިވަން ތިން މެމްބަރު ހިމެނޭނެ ކަމަށް ވަނީ އެނގިފަ އެވެ. ނަމަވެސް، އެއީ ކޮން މެމްބަރުންނެއް ކަމެއް އަދި އެނގިފައި ނުވެ އެވެ.

ނާޒިމާއި ރިޔާޒު ސިޔާސީ ޕާޓީއެއް އުފައްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާއިރު، ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ ނުވަތަ ނޭޝަނަލް ސޮލިޑާރިޓީ ޕާޓީ (އެންއެސްޕީ) ގެ ނަމުގައި ޕާޓީއެއް އުފައްދަން، ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގެ މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ކަމާލުއްދީން މިހާރު ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފަ އެވެ.