Roadha Mihaaru
ރައީސުންނަށް އަމާޒުކުރި އިސްލާހު ގާނޫނުއަސާސީ އަށް

ރައީސުންނަށް ވާދަނުކުރެވޭ އިސްލާހު އެންމެފަހުން ގާނޫނުއަސާސީ އަށް

24 ޖެނުއަރީ 2019

ކުރީގެ ރައީސުންނަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ނުވެވޭ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސުންނަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ނުވެވޭ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ގާނޫނުއަސާސީ އިސްލާހު ކުރައްވަން ހުށަހެޅުއްވީ، ރައްޔިތުން މަޖިލީހުގެ އިންތިޚާބާ ބެހޭ ގާނޫނަށް ވެސް އެ އިސްލާހު ހުށަހެޅުއްވި ދިއްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުއްލަތީފް މުހައްމަދެވެ. އެ އިސްލާހު އަނބުރާ ނުގެންނަވައި ލަތީފް އަލުން ހުށަހެޅުއްވީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ހ) އަށް ނަމްބަރެއް އިތުރުކުރާށެވެ.

އެއީ، މަޖިލީހުގެ މެމްބަރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ކަން ކޮށްފައިވާ ފަރާތަކަށް ނުވުމެވެ.

ގާނޫނުއަސާސީ އަށް ހުށަހަޅާ އިސްލާހު ފާސްވާނީ މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބައިގެ އަޣުލަބިއްޔަތުންނެވެ. އެއީ 63 މެމްބަރުންނެވެ.

ކުރީގެ ރައީސުންގެ ތެރެއިން މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައި ކެމްޕޭން ކުރައްވަމުން އަންނަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ. އެހެންކަމުން ލަތީފްގެ އިސްލާހަކީ އެމަނިކުފާނަށް އަމާޒުކޮށް ހުށަހެޅި އިސްލާހެއް ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބާ ބެހޭ ގާނޫނަށް، ޖުމްހޫރީ ޕާޓީއާ ދާދި ފަހުން ގުޅިވަޑައިގެންނެވި ލަތީފް އިސްލާހު ހުށަހެޅުއްވީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޮއިންޓް ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕާ މަޝްވަރާ ނުކުރައްވަ އެވެ. އެހެންވެ، ބިލް އަނބުރާ ގެންދިއުމަށް ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ވެސް ލީޑަރު އަބްދުﷲ ރިޔާޒް ވަނީ އަންގައިފަ އެވެ.

ގާނޫނުއަސާސީ އަށް އިސްލާހު މި ހުށަހެޅުއްވީ އިންތިޚާބާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހު އަނބުރާ ނަގަން ދެކޮޅު ހެއްދެވުމަށް ފަހު އެވެ.

ބިލު ހުށަހެޅި ސަބަބު ތަފްސީލްކޮށްދެއްވަމުން ލަތީފް ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޝަރުތުތަކާއި މެމްބަރު ކަމަށް ވާދަނުކުރެވޭނެ ފަރާތްތައް ކަނޑައަޅާފައި ވަނީ 2008 ވަނަ އަހަރުގެ ހާލަތަށް ބަލައި، އެ ހާލަތުގެ މައްޗަށް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އޭގެފަހުން، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު އާދާކޮށްފައިވާ ފަރާތްތަކެއް ހިމެނޭ ހިނދު، އެ ފަރާތްތަކަށް ގާނޫނުން ކަނޑައަޅާފައިވާ އިނާޔަތްތަކާއި ސެކިއުރިޓީ އާއި އަދިވެސް އޮފީސް ހިންގުމުގެ ޚަރަދު ފަދަ ގިނަ ޚަރަދުތައް ދައުލަތުން ކުރަމުން އަންނަ ކަމަށް ލަތީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރީގެ ރައީސުންނަކީ، ނަމޫނާ ޑިމޮކްރަސީތަކުގައި ކަންކަން ކުރާ އުސޫލުން ޝަރަފްވެރިކަމާ އެކު ހިލޭ ސާބަހަށް މަސައްކަތްކޮށްދެއްވުމުގައި ދެމިތިއްބަވަން ޖެހިވަޑައިގަންނަވާ ޝަރަފްވެރިންނެވެ.

ކުރީގެ ރައީސުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލެއްވުމުން އެ އިންތިޚާބުގައި ވާދަކުރައްވާ އެހެން ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ލިބިވަޑައިގެންނެވުމަށް ހުރަސް އެޅޭ ކަމަށް ވެސް ލަތީފު ދެކެވަޑައިގަންނަވަ އެވެ.