Roadha Mihaaru
މޮނިޓަރިން ރަށްރަށަށް ދެވޭނީ ޒަރޫރީ ބޭނުމަށް އެކަނި

ވެކްސިން ފުރިހަމަކުރިޔަސް މޮނިޓަރިންގެ ރަށްރަށަށް ދެވޭނީ ހާއްސަ ހުއްދައެއްގެ ދަށުން

14 ޖުލައި 2021

ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި ނަމަވެސް މޮނިޓަރިންގައި އޮންނަ ރަށްރަށަށް ދެވޭނީ ހާއްސަ ހުއްދައިގެ ދަށުން ކަމަަށް އެޗްޕީއޭ އިން ހަނދާން ކޮށްދީފި އެވެ. ޒަރޫރީ ބޭނުމަށް އެ ރަށްރަަށަށް ދާ މީހުން ވެކްސިންގެ ދެ ޑޯޒު ޖަހާފައިވާ ނަމަ ކަރަންޓީނު ވާކަށް ވެސް ނުޖެހޭ އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި ނަމަވެސް މޮނިޓަރިންގައި އޮންނަ ރަށްރަށަށް ދެވޭނީ ހާއްސަ ހުއްދައިގެ ދަށުން ކަމަަށް އެޗްޕީއޭ އިން ހަނދާން ކޮށްދީފި އެވެ. ޒަރޫރީ ބޭނުމަށް އެ ރަށްރަަށަށް ދާ މީހުން ވެކްސިންގެ ދެ ޑޯޒު ޖަހާފައިވާ ނަމަ ކަރަންޓީނު ވާކަށް ވެސް ނުޖެހޭ އެވެ.

ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރިތާ 14 ދުވަސް ވެފައިވާ މީހުންނަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ވަނީ ޕީސީއާރު ނެގެޓިވް ނަތީޖާއަކާ އެކު، މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށަށް ދަތުރުކުރެވޭ ގޮތަށް ހަމަޖައްސައިފަ އެވެ.

އެ އުސޫލު އިތުރަށް ސާފުކޮށްދީ، މިދިޔަ ހޯމަ ދުވަހު އެޗްޕީއޭ އިން ލޯކަލް ކައުންސިލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ، މޮނިޓަރިންގައި އޮތް ރަށްރަށަށް ވެސް ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުން ނަމަ ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރުމުގެ ހުއްދަ ދޭނެ ކަމަށެވެ. ނަމަވެސް އެ ރަށްރަށަށް ދެވޭނީ ވަޒީފާ އާއި ބޯހިޔާވަހިކަން ގެއްލުން ފަދަ ހާއްސަ ހާލަތެއް ކުރިމަތިވެގެން ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

އެޗްއީއޯސީގެ ފަރާތުން ތަސްލީމާ އުސްމާން ވިދާޅުވީ، އެންމެ ފުރަތަމަ ފިޔަވަޅުތަކަށް ލުއި ދިން އިރު ވެސް ކަނޑައަޅާފައި އޮތީ މޮނިޓަރިންގައި އޮތް ރަށްރަށަށް ޒަރޫރީ ބޭނުންތަކަށް ދާއިރު ވެކްސިން ފުރިހަމަކުރި މީހުން ކަރަންޓީނު ވާން ނުޖެހޭ ގޮތަށް ކަމަށެވެ. އުސޫލު ކައުންސިލުތަކަށް އިތުރަށް ސާފުކޮށްދިނީ އެ ރަށްރަށަށް ދަތުރުކުރާ، ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ކަރަންޓީނުވުމާ މެދު ބައެއް ކައުންސިލުތަކުން ސުވާލު އުފައްދަނިކޮށެވެ.

މޮނިޓަރިންގައި އޮތް ރަށްރަށަށް މި މަހުގެ އަށެއްގެ ކުރިން ގޮސް ކަރަންޓީނުގައި ތިބި މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް 14 ދުވަސް ހަމަވެފައިވާ ނަމަ ޕީސީއާރް ޓެސްޓު ނެގެޓިވްވެ، ކަރަންޓީނުން ދޫކުރެވޭނެ ކަމަށް ވެސް ހޯމަ ދުވަހުގެ ސާކިއުލާގައި ވެ އެވެ.

އެކަމަކު، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް 14 ދުވަސް ހަމަވި ނަމަވެސް ކޮވިޑަށް ޕޮޒިޓިވް މީހަކާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ނަމަ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހޭނެ އެވެ.

ވެކްސިން ނުޖެހޭ އުމުރުގެ ކުދިން 72 ގަޑިއިރު ކުރީގެ ޕީސީއާރް ނެގެޓިވް ޓެސްޓަކާއެކު ރަށްރަށް ދަތުރުކުރުމުގެ ހުއްދަ ވެސް އެޗްޕީއޭ އިން ވަނީ ދީފަ އެވެ.

މާލޭގެ ކޮވިޑް ކޭސްތައް މަދުވެ، ފިޔަވަޅުތަކަށް ލުއި ދީފައިވާއިރު، ކުރިއަށް އޮތް އީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު ދަނީ ރަށްރަށަށް ދަތުރު ކުރަމުންނެވެ.