Roadha Mihaaru
މީޑިއާ އިން ޕެރޭޒް ފަޅާއަރުވައިލައިފި

މީޑިއާ އިން ޕެރޭޒް ފަޅާއަރުވާލައިފި

14 ޖުލައި 2021

މެޑްރިޑް (ޖުލައި 14) - ރެއާލް މެޑްރިޑުގެ ލެޖެންޑުން ކަމަށްވާ ރައުލް ގޮންޒާލޭޒް އާއި އިކާ ކަސިއަސްއާ ބެހޭގޮތުން އެ ކްލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް 2006 ގައި ދައްކަވާފައިވާ ކަމަށް ބުނާ، ދަށް ފެންވަރުގެ ވާހަކަތަކެއް ސްޕެއިންގެ މީޑީއާތަކުން ލީކު ކޮށްލައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މެޑްރިޑް (ޖުލައި 14) - ރެއާލް މެޑްރިޑުގެ ލެޖެންޑުން ކަމަށްވާ ރައުލް ގޮންޒާލޭޒް އާއި އިކާ ކަސިއަސްއާ ބެހޭގޮތުން އެ ކްލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް 2006 ގައި ދައްކަވާފައިވާ ކަމަށް ބުނާ، ދަށް ފެންވަރުގެ ވާހަކަތަކެއް ސްޕެއިންގެ މީޑީއާތަކުން ލީކު ކޮށްލައިފި އެވެ.

އެ އޯޑިއޯތައް އެންމެ ފުރަތަމަ ލީކުކޮށްލީ ސްޕެއިންގެ "އެލް ކޮންފިޑެންޝަލް" ނޫހުންނެވެ. އެ އޯޑިއޯގައި ޕެރޭޒް ވިދާޅުވީ ރައުލް އާއި ކަސިއަސް އަކީ ރެއާލް މެޑްރިޑަށް ފައިދާއެއް ނެތް ދެ ކުޅުންތެރިން ކަމަށެވެ.

"އެއީ އަހަރެމެން ހެދި ވަރަށް ބޮޑު ގޯހެއް. ވާ ގޮތަކީ (އޯޑިއޯ މެދުކެނޑެފައި]) އެމީހުން އޭނާ (ކަސިއަސް) އަށް ވަރަށް ބޮޑަށް އިހުތިރާމް ކުރޭ. އެ މީހުން ބޭނުންވޭ އޭނާއާ ވާހަކަ ދައްކަން. އަހަންނަކަށް ނޭނގެ ދެން. އެ މީހުން އޭނާ ދިފާއު ކޮށްދޭ. އެކަމަކު އޭނާ އަކީ ރެއާލް މެޑްރިޑަށް އެއްވެސް ފައިދާއެއް ހުރި މީހެއް ނޫން،" އޯޑިއޯގައި ޕެރޭޒް ވިދާޅުވެފައިވާ ކަމަށް ސްޕެއިންގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވެ އެވެ.

"ދެ ވަނަ މީހަކީ ރައުލް. މެޑްރިޑްގައި އެންމެ ބޭކާރު ދެ މީހުންނަކީ އެންމެ ފުރަތަމަ ރައުލް ދެން ކަސިއަސް."

އޯޑިއޯގައި ޕެރޭޒް ވިދާޅުވެފައި ވަނީ ރެއާލްގެ ގޯލްކީޕަރަށްވުމުގައި އެކަށީގެންވާ ގާބިލު ކަމެއް ކަސިއަސްގެ ކިބައިގައި ނެތް ކަމަށެވެ. އަދި ރައުލް ކްލަބު ބޭނުން ކުރަނީ އޭނާގެ އަމިއްލަ ފައިދާ އަށް ކަމަށާއި މެޑްރިޑް ހަލާކު ކުރާ މީހަކީ ރައުލް ކަމަށް އޯޑިއޯތަކުގައި ޕެރޭޒް ވިދާޅުވެފައި ވެ އެވެ.

އެ ވާހަކަތައް ޕެރޭޒް ދެއްކެވި ދުވަސް ވަރަކީ، ރެއާލް މެޑްރިޑްގެ ރައީސްކަން ފުރަތަމަ ޕީރިއަޑުގައި ކުރެއްވުމަށް ފަހު ދުރުގައި ހުންނެވި ވަގުތެވެ. ރައުލް އާއި ކަސިއަސް އެ ކްލަބު ދޫކޮށްލީ ޕެރޭޒްގެ ރައީސް ކަމުގެ ދެ ވަނަ ޕީރިއަޑްގަ އެވެ.

އެހެންނަމަވެސް މިހާރު އެ ދެ މީހުން ވެސް ގެންދަނީ ރެއާލްގައި މަސައްކަތް ކުރަމުންނެވެ. ރައުލް އަކީ ރެއާލްގެ ބީ ޓީމުގެ ކޯޗެވެ. ކަސިއަސް މަސައްކަތް ކުރަނީ ރެއާލް މެޑްރިޑް ފައުންޑޭޝަންގަ އެވެ.

ލީކުކޮށްލި އޯޑިއޯތަކާ ގުޅިގެން ޕެރޭޒްގެ ފަރާތުން ރެއާލް މެދުވެރިކޮށް ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، އެ އަމަލުތަކަކީ ޔޫރަޕިއަން ސުޕަ ލީގު ހަދަން އުޅޭތީ އޭނާގެ އަގުވައްޓާލުމުގެ ގޮތުން ކޮށްގެން އުޅޭ ކަމެއް ކަމަށެވެ. ހަގީގީ ކުލަ ނުޖެހެނީސް ޔޫރަޕިއަން ސުޕަ ލީގުގެ ޕްރޮޖެކްޓް ވަނީ ފެއިލްވެފަ އެވެ.

އެ އޯޑިއޯތައް ލީކު ކުރަމުން ދަނީ އޭނާ ދައްކާފައިވާ ހުރިހާ ވާހަކަތެއް ނުހިމަނައި، ހަގީގަތް އޮޅޭގޮތަށް އެޑިޓްކޮށްގެން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ. އެލް ކޮންފިޑެންޝަލް ނޫހުން ދަނީ ޕެރޭޒްއާ ގުޅޭ އިތުރު އޯޑިއޯތަކެއް ވެސް ލީކު ކުރަމުންނެވެ.