Roadha Mihaaru
އިނގިރޭސި ސިފައިންނަށް އަނިޔާވެދާނެ: ރަޝިޔާ

އިނގިރޭސި ސިފައިންނަށް އަނިޔާވެދާނެ: ރަޝިޔާ

15 ޖުލައި 2021

ލަންޑަން (ޖުލައި 15) - އިނގިރޭސި މަނަވަރުތަކުގައި ތިބި ސިފައިންނަށް އަނިޔާއެއް ވާން ބޭނުން ނުވާ ނަމަ، ކްރައިމިއާގެ ސަރަހައްދާ ކައިރިން އިނގިރޭސި މަނަވަރުތައް ދަތުރު ނުކުރުމަށް، ރަޝިޔާ އިން އިންޒާރު ކޮށްފި އެވެ.

ލަންޑަން (ޖުލައި 15) - އިނގިރޭސި މަނަވަރުތަކުގައި ތިބި ސިފައިންނަށް އަނިޔާއެއް ވާން ބޭނުން ނުވާ ނަމަ، ކްރައިމިއާގެ ސަރަހައްދާ ކައިރިން އިނގިރޭސި މަނަވަރުތައް ދަތުރު ނުކުރުމަށް، ރަޝިޔާ އިން އިންޒާރު ކޮށްފި އެވެ.

ރަޝިޔާގެ ސަލާމަތީ މަޖިލީހުގެ ޑެޕިއުޓީ ސެކްރެޓަރީ، މިޚައިލް ޕޮޕޯވް ވިދާޅުވީ ރަހްމަތްތެރި އެއްވެސް ގައުމެއްގެ ސިފައިންގެ މީހަކަށް ރަޝިޔާގެ ފަރާތުން ގެއްލުމެއް ލިބެން ރަޝިޔާ ބޭނުން ނުވާ ކަމަށެވެ. ރަޝިޔާ އިން އިނގިރޭސި ވިލާތަށް އިންޒާރު މިދިނީ، މިދިޔަ މަހުގެ ތެރޭގައި އިނގިރޭސި މަނަވަރެއް، ކްރައިމިއާގެ އައްސޭރިއާ ކައިރި ސަރަހައްދަކުން ދަތުރުކުރަނިކޮށް ރަޝިޔާގެ މަނަވަރުންތަކާއި މަތިންދާބޯޓުތަކުން އެ މަނަވަރަށް ހުރަސް އަޅާފައިވަނިކޮށެވެ.

ނަމަވެސް އިނގިރޭސި ވިލާތުން ބުނެފައި ވަނީ، އެ ހާދިސާ ހިނގި އިރު އެގައުމުގެ މަނަވަރު ދަތުރު ކުރަމުން ދިޔައީ، ޔޫކްރޭންގެ ކަނޑުގެ ސަރަހައްދުގެ ތެރެއިން، އާންމު ދަތުރުތަކަށް އަމާން ސަރަހައްދެއް ކަމަށް ބައިނަލްއަގުވާމީ ގޮތުން ކަނޑައަޅާފައިވާ ސަރަހައްދުގެ ތެރެއިން ކަމަށެވެ.

ޔޫކްރޭންގެ ސަރަހައްދެއް ކަމަށްވާ ކްރައިމިއާ، ރަޝިޔާ އިން ބާރުގެ ބޭނުންކޮށްގެން އަތުލައި، ރަޝިޔާގެ ބައެއްގެ ގޮތުގައި ކަނޑައެޅީ 2014 ވަނަ އަހަރުގެ ތެރޭގަ އެވެ. އެއަށް ފަހު ރަޝިޔާ އިން ދެކޭ ގޮތުގައި، ކްރައިމިއާގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދަކީ ރަޝިޔާގެ ކަނޑުގެ ސަރަހައްދުގެ ބައެކެވެ. ނަމަވެސް ދުނިޔޭގެ ގިނަ ގައުމުތައް އެކަން ގަބޫލެއް ނުކުރެ އެވެ.

ޕޮޕޯވް ވިދާޅުވީ ކްރައިމިއާ ސަރަހައްދުގައި އިނގިރޭސި ވިލާތުގެ ހަރަކާތްތައް ހުރީ ގަބޫލުކުރެވޭނެ ފަދަ ގޮތަކަށް ނޫން ކަމަށެވެ. އަދި އިނގިރޭސި ވިލާތުގެ އެ އަމަލުތަކުގެ ސަބަބުން، ނުބައި ނަތީޖާއެއް ނުކުތުމުގެ ފުރުސަތު އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކްރައިމިއާ ސަރަހައްދުގައި އިނގިރޭސި މަނަވަރުތަކުން ހިންގާ ހަރަކާތްތައް އެގޮތުގައި ކުރިއަށް ދާނެ ކަމަށް، އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އާއި ހާރިޖީ ވަޒީރު ޑޮމިނިކް ރާބް ވިދާޅުވި ވިދާޅުވުމަށް ވެސް ޕޮޕޯވް ފާޑުވިދާޅުވި އެވެ.

"ދެން ވެސް އެފަދަ އަމަލެއް ހިންގައިފި ނަމަ، އެކަމެއް ނާކާމިޔާބު ކޮށްލަން، ކުރިމަގުގައި ރަޝިޔާ އިން އަޅާ ފިޔަވަޅުތައް ވަރުގަދަ ވާނެ. އެފަދަ އަމަލަކަށް ރައްދު ދޭން ޖެހިއްޖެ ނަމަ، އެއަމަލު ހިންގަނީ ކޮން ފެންވަރެއްގެ ގައުމެއްތޯ ރަޝިޔާ އިން ނުބަލާނެ. ރަޝިޔާގެ ހަތިޔާރު އެޅި ލަޝްކަރުގެ ގާބިލުކަމަށް ރިއާޔަތްކޮށް، އެފަދަ އަމަލެއް ތަކުރާރު ކުރާނެތޯ، އަހަރެމެންގެ ވާދަވެރި ގައުމުތަކުން ދެވަނަ ފަހަރަށް ވިސްނާނެ ކަމަށް ހީކުރަން،" ޕޮޕޯވް ވިދާޅުވި އެވެ.