Roadha Mihaaru
ޔޫކްރޭންގައި ބިންގަރާސް ސްކޫލްތަކެއް ހަދަނީ

ޔޫކްރޭންގައި ބިންގަރާސް ސްކޫލްތަކެއް ހަދަނީ

03 އޮކްޓޯބަރ 2023

ކާކިވް (އޮކްޓޯބަރު 3) - ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އިން އެ ގައުމުގެ ކުޑަކުދިން ސަލާމަތް ކުރުމުގެ ގޮތުން، ބިންގަރާސް ސްކޫލްތަކެއް ހަދަން ނިންމައި، ފުރަތަމަ ސްކޫލް ބިނާކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ކާކިވް (އޮކްޓޯބަރު 3) - ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އިން އެ ގައުމުގެ ކުޑަކުދިން ސަލާމަތް ކުރުމުގެ ގޮތުން، ބިންގަރާސް ސްކޫލްތަކެއް ހަދަން ނިންމައި، ފުރަތަމަ ސްކޫލް ބިނާކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ޔޫކްރޭންގައި ހަދާ ފުރަތަމަ ބިންގަރާސް ސްކޫލް އިމާރާތް ކުރަނީ، ރަޝިޔާގެ ސަރަހައްދީ ރޮނގާ އިންވެގެން އޮންނަ ޚަރްކީވް ސަހަރުގަ އެވެ. ރަޝިޔާގެ މިސައިލް ހަމަލާތަކާއި ބޮމުގެ ހަމަލާތައް ކޮންމެ ދުވަހަކު ހެން އަމާޒުވާ ޚަރްކީވް ސަހަރަކީ، ރަޝިޔާގެ ސަރަހައްދީ ރޮނގުން ފެށިގެން 34 ކިލޯމީޓަރު ދުރުގައި އޮންނަ ސަހަރެކެވެ.

އެ ސަހަރުގެ މޭޔަރު އީހޯރް ޓެރެޚޯވް ވިދާޅުވި ގޮތުގައި ބިންގަރާސް ސްކޫލް އިމާރާތް ކުރަނީ، އަސްކަރީ ހަމަލާތަކުން ރައްކާތެރިވުމަށް ގާއިމުކުރާ ބިންގަރާސްތަކުގައި ހިމެނޭ ސަލާމަތީ ހުރިހާ ސިފަތަކާ އެކުގަ އެވެ. ބިންގަރާސް ސްކޫލްތައް ބިނާކޮށް އެ ތަންތަނުގައި ކިޔަވަން ތިބޭއިރު، އެ ސަރަހައްދުތަކަށް ބޮން އެޅިޔަސް ނުވަތަ މިސައިލް ހަމަލާތަކެއް ދިން ނަމަވެސް، ބިންގަރާހުގައި ތިބޭ ކުދިންނަށް އެއްވެސް ނުރައްކަލެއް ކުރިމަތިނުވާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.

ޚަރްކީވްގައި ގާއިމުކުރާ ފުރަތަމަ ބިންގަރާސް ސްކޫލްގައި އެކަނިވެސް ދެ ހާހެއްހާ ކުދިންނަށް އެއްފަހަރާ ކިޔަވައިދެވޭނެ އެވެ. އެ ސަހަރުގެ އިތުރުން، ރަޝިޔާގެ ސަރަހައްދީ ރޮނގާ ކައިރީގައި އޮންނަ އެހެން ސަހަރުތަކުގައި ވެސް ގިނަ ސްކޫލްތައް މިހާރު ބަންދުކޮށް، ކިޔަވައިދެމުން އަންނަނީ އޮންލައިންކޮށެވެ.

ޔޫކްރޭންގެ ތައުލީމާ ބެހޭ ވުޒާރާ އިން ބުނި ގޮތުގައި ރަޝިޔާ ސިފައިން ދިން ހަމަލާތަކުގައި ޔޫކްރޭންގެ އެކި ސަރަހައްދުތަކުން 363 ސްކޫލާއި ޔުނިވަސިޓީ/ކޮލެޖް ވަނީ، ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. އޭގެ އިތުރުން. އެކި މަރުހަލާތަކުގައި ކިޔަވައިދޭ 3800 އަށް ވުރެ ގިނަ ތަން ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.

ހުސްވި ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު، މިއަހަރުގެ ދިރާސީ އަހަރު ފެށިއިރު، ގިނަ ސްކޫލްތައް ހަލާކުވެފައި ހުރުމުގެ ސަބަބުން، ބައެއް މެޓްރޯ ސްޓޭޝަންތަކުގައި ވެސް މިހާރު ވަނީ ކްލާސްރޫމްތައް ހަދައި ކިޔަވައިދެވޭނެ އިންތިޒާމު ހަމަޖައްސައިފަ އެވެ. ޚަރްކީވް ސަހަރުގެ މޭޔަރު ވިދާޅުވި ގޮތުގައި މެޓްރޯ ސްޓޭޝަންތަކުގައި 60 އަށް ވުރެ ގިނަ ކްލާސްރޫމް ހަދައި މިހާރު އަންނަނީ ކިޔަވައިދެމުންނެވެ.

ފެބްރުއަރީ 24، 2022 ގައި ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި އިރު، ޚަރްކީވް ސަހަރުގައި ގާތްގަނޑަކަށް 1.4 މިލިއަން މީހުންގެ އާބާދީއެއް އޮތެވެ. ނަމަވެސް ރަޝިޔާގެ ހަމަލާތަކުގައި އެ ސަހަރު އެކުގައިހެން ސުންނާފަތިވެފައިވާ އިރު، މިހާރު އެ ސަހަރުގެ އާބާދީ މިލިއަނަކަށް ވުރެ ދަށެވެ.