Roadha Mihaaru
ފްލެޓްތައް "ބަހާލީ" ސިއްރު ކޮޓަރިއެއްގައި ތިބެ!

ފްލެޓްތައް "ބަހާލީ" ސިއްރު ކޮޓަރިއެއްގައި ތިބެ، ފްލެޓް ދޭންވީ މީހުންގެ ލިސްޓް އޮތީ ޕެންޑްރައިވެއްގައި!

16 ޖުލައި 2021

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތް ކުރި، 7،000 ފްލެޓަށް ޝަރުތު ހަމަވާ މީހުން ކަނޑައެޅުމުގެ މަސައްކަތް އެ ސަރުކާރުން ކުރީ ސިޔާސީ ހަ މީހަކު ސިއްރު ކޮޓަރިއެއްގައި ތިބެ، ޕެންޑްރައިވެއްގައި އޮތް ލިސްޓަކަށް ކަން "މިހާރު" އަށް ލިބިފައިވާ ރިޕޯޓެއްގައި ބުނެފި އެވެ.

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތް ކުރި، 7،000 ފްލެޓަށް ޝަރުތު ހަމަވާ މީހުން ކަނޑައެޅުމުގެ މަސައްކަތް އެ ސަރުކާރުން ކުރީ ސިޔާސީ ހަ މީހަކު ސިއްރު ކޮޓަރިއެއްގައި ތިބެ، ޕެންޑްރައިވެއްގައި އޮތް ލިސްޓަކަށް ކަން "މިހާރު" އަށް ލިބިފައިވާ ރިޕޯޓެއްގައި ބުނެފި އެވެ.

ބާވީސް ހާހަށް ވުރެ ގިނަ މީހުން ބޯހިޔާވަހި ކަމަށް އެދި ފޯމު ލައިފައި ވަނިކޮށް، ޔާމީންގެ ސަރުކާރުން ފްލެޓްތައް ބައެއް މީހުންނަށް "ބަހާލި" އިރު، ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާ ކަމަށް، "މިހާރު" އަށް ލިބިފައިވާ އެ ރިޕޯޓުގައި ތުހުމަތުކޮށްފައި ވެ އެވެ.

ޝަކުވާތައް ގިނަވެ، "ހިޔާ"ގެ ފްލެޓްތައް ދީފައި ވަނީ ހައްގުވެރި މީހުންނަށްތޯ ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އުފެއްދި ކޮމިޓީގެ ނިންމުންތަކުގައިވާ ގޮތުގައި، ހިންގާފައިވާ ޖަރީމާތަކުގެ ތެރޭގައި ފްލެޓްތައް ދިނުމުގައި މަގާމުގެ ނުފޫޒު ފޯރުވުމާއި މަކަރާއި ހީލަތް ހެދުމުގެ އިތުރުން، ޕޮއިންޓް ދިނުމުގެ އުސޫލުތަކާ ހިލާފަށް ޕޮއިންޓް ދިނުމާއި ފްލެޓް ލިބޭ މީހުންގެ ލިސްޓް އިއުލާން ކުރި ފަހުންް ސިޔާސީ މީހުންނަށް ފްލެޓް ދިނުމާއި ވުޖޫދުގައި ނެތް ވަރަށް ފްލެޓް ދިނުން ހިމެނެ އެވެ.

ހިޔާ މަޝްރޫއަށް ފޯމް ހުށަހަޅަން ގޮސް ތިބި ބައެއް މީހުން ހިތްހަމަނުޖެހުން ފާޅުކުރަނީ: ބޮޑެތި މައްސަލަތަކެއް ކުރިމަތިވި މަޝްރޫއެއް -- ފައިލް ފޮޓޯ: މިހާރު

ހިޔާ މަޝްރޫއަށް ފޯމް ހުށަހަޅަން ގޮސް ތިބި ބައެއް މީހުން ހިތްހަމަނުޖެހުން ފާޅުކުރަނީ: ބޮޑެތި މައްސަލަތަކެއް ކުރިމަތިވި މަޝްރޫއެއް -- ފައިލް ފޮޓޯ: މިހާރު

މި މައްސަލަތައް ސަރުކާރުން މިހާރު ވަނީ އޭސީސީ އަށް ވެސް ހުށަހަޅައިފަ އެވެ. އެނގިފައިވާ ގޮތުން، ފްލެޓްތައް ދިނުމުގައި އެކި ސްޓޭޖްތަކުގައި މަސައްކަތް ކުރި މީހުންގެ މައްސަލަތަކާއި އިހުމާލުތައް ބަލަން އެ ކޮމިޝަނުން ބޭނުންވެގެން އޭގެ ހުރިހާ މައުލޫމާތެއް ވަނީ އެ ކޮމިޝަނަށް ފޮނުވައިފަ އެވެ. މިއީ، މި މައްސަލަ ދިރާސާ ކުރި ކޮމިޓީގެ ނިންމުމުގައި ވެސް އޮތް ރިކޮމަންޑޭޝަނެކެވެ.

ކޮމިޓީން ތައްޔާރުކޮށްފައިވާ ބޮޑު ރިޕޯޓެއްގައިވާ ސީރިއަސް މައްސަލަތަކުގެ ތެރޭގައި ހިމެނޭ އެއް ކަމަކީ، ފްލެޓްތަކުގެ ކަންކަން ނިންމި ގޮތެވެ. ހައުސިން މިނިސްޓްރީގައި އޭރު މިކަމުގައި އުޅުއްވި އިސް ބޭފުޅުންގެ އިންޓަވިއުތަކާ ހަވާލާދީ، ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ފްްލެޓްގެ ކަންކަން ނިންމީ އެ މިނިސްޓްރީގެ ބަންދު ކޮޓަރިއެއްގައި ހަ މެމްބަރުންގެ ކޮމިޓީއަކުންނެވެ. އަދި ފޯމުތައް ދިރާސާކުރުމާއި ހާލަތަށް ޕޮއިންޓް ދިނުމާއި ފްލެޓް ލިބުނު މީހުންގެ ލިސްޓްތައް ފައިނަލް ކުރުމުގެ މަސައްކަތް ކޮށްފައި ވަނީ މިނިސްޓާސް ބިއުރޯއިން ކަމަށް ރިޕޯޓްގައި ވެ އެވެ.

"ބިއުރޯ ތެރޭގައި ހާއްސަ މަސައްކަތެއް ކުރުމަށް ރޫމެއް ބަންދުކޮށްފައިވާ ކަމަށާއި ބަންދުކޮށްފައިވާ ރޫމަށް ވަދެއުޅޭނީ [ނަން ކަނޑާލައިފައި]ގެ އިތުރުން، މުވައްޒަފުންގެ ތެރެއިން [ނަން ކަނޑާލައިފައި]،" ރިޕޯޓްގައި ބުނެފައި ވެ އެވެ.

މި ރިޕޯޓްގައި ބުނެފައިވާ ގޮތުގައި، އެ މަޝްރޫއުގެ ކަންކަން ކުރިއަށް ގެންގޮސްފައި ވަނީ ޕެންޑްރައިވްތަކެއްގައި ކަމަށް އަޑުއިވިފައިވާ ކަމަށް އެ މިނިސްޓްރީގެ މުވައްޒަފުން ބުނެ އެވެ. އަދި ޕެން ޑްރައިވްތައް އައިޓީ ޑިޕާޓްމެންޓަށް ލިބުނު އިރު އޭގައިވާ ޑޭޓާތައް ޑިލީޓްކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީގެ މުވައްޒަފުން ބުނެފައިވާ ކަމަށް ރިޕޯޓްގައި ވެ އެވެ.

ހިޔާ މަޝްރޫއަށް ފޯމް ހުށަހަޅަނީ: އިތުބާރާ އެކު ފޯމް ހުށަހެޅިޔަސް، ކަން ނިމުނީ ހިކުރި ގޮތަކަށް ނޫން -- ފައިލް ފޮޓޯ: މިހާރު

ހިޔާ މަޝްރޫއަށް ފޯމް ހުށަހަޅަނީ: އިތުބާރާ އެކު ފޯމް ހުށަހެޅިޔަސް، ކަން ނިމުނީ ހިކުރި ގޮތަކަށް ނޫން -- ފައިލް ފޮޓޯ: މިހާރު

ފްލެޓްތައް ދިން ދުވަސްވަރު، ހައުސިން މިނިސްޓްރީގެ އައިޓީ ޑިޕާޓްމެންޓުގައި މަސައްކަތް ކުރާ މީހުންނަށް ސާވާގެ އެކްސެސް ކަނޑާލައިފައިވާ ކަމަށާއި އަދި ބައެއް ކޮމްޕިއުޓަރުތަކުން ވެސް ސާވާގެ އެކްސެސް ވަކިކޮށްފައިވާ ކަމަށް ވެސް ރިޕޯޓްގައި ވެ އެވެ.

ކޮމިޓީ އަށް ފާހަގަކުރެވުނު އެހެން ބައެއް ކަންކަމުގެ ތެރޭގައި، ވަގުތީ ލިސްޓް އިއުލާންކުރި ރޭ ދަންވަރު "[ނަން ކަނޑާލައިފައި] އަށް ގުޅާފައި ފިޒިކަލް ފައިލްސް ރައްކާކޮށްފައިވާ ތަން ހުޅުވަން އެދުނު ކަމަށާއި އެކަން ކުރުމަށް އެ ތަނަށް ދިޔައިރު އެތަނުގައި ހައުސިން ޑިޕާޓްމެންޓްގެ [ނަން ކަނޑާލައިފައި] ބޭފުޅަކު ލިސްޓެއް ހިފައިގެން ހުރި ކަމަށާއި ތަން ހުޅުވުމުން އެތަނަށް ވަދެ އޭނާ ބޭނުންވާ ފައިލްތަކެއް ނެގި" ކަމަށް ރިޕޯޓްގައި ވެ އެވެ.

"އަދި މިނިސްޓަރު އިތުރު ނަމެއް ދެއްވައިފި ނަމަ ހުޅުވަން ޖެހޭނެ ކަމަށް ބުނި ކަމަށާއި އެރޭ ދަންވަރު ތިނެއް ޖަހާކަންހާއިރު ދެވަނަ ފަހަރަށް ގުޅާފައި އެތަން ހުޅުވައިދިނުމަށް އެދުނު ކަމަށް އޭނާ ބުނެފައިވޭ،" ކޮމިޓީގެ ރިޕޯޓްގައި ވެ އެވެ.

މީގެ އިތުރުން ފްލެޓް ލިބުނު މީހުންގެ ސިއްރު ލިސްޓެއް ވަރަށް ފޮރުވައިގެން [ކާކު ކަމެއް ނޭނގެ] ގެންގުޅުނު ކަމަށް ރިޕޯޓްގައި ވެ އެވެ. ހުޅުމާލޭގައި އޮތްް އިވެންޓަކަށް އެ މީހުންނަށް ދައުވަތު ކާޑެއް ތައްޔާރު ކޮށްދިނުމަށް [ނަން ކަނޑާލައިފައި] އެދުނު ކަމަށާއި ނަމަވެސް [ދައުވަތު ދޭން ވީ] ލިސްޓް ދޭން އެދުމުން އެ ލިސްޓް އޭނާ ނުދިން ކަމަށް ވެސް ކޮމިޓީ އަށް މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވި ކަމަށް ރިޕޯޓްގައި ވެ އެވެ. މީގެ އިތުރުން ފެލްޓް ފޯމް ބަލައިގަތުމުގެ މުޅި ޕްރޮސެސް ނިމުނު ފަހުން ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރެއްގެ އަނބިމީހާ އަށް ފްލެޓް ލިބިފައިވާ ކަމަށް ވެސް ރިޕޯޓްގައި ވެ އެވެ.

"ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ދެ މެމްބަރެއްގެ ފަރާތުން އައި ލިސްޓްތަކަކަށް، ފްލެޓް ލިބޭ ދާއިމީ ލިސްޓްގައި ހިމެނުމަށް ވަގުތީ ލިސްޓްގައި ނުހިމެނޭ 16 ވަރަކަށް ފޯމް ފަހުން ގެންދިޔަ،" ރިޕޯޓްގައި ވެ އެވެ.

އާންމުންނަށް ވެސް އޮޅުވާލުންތަކެއް

ހިޔާ ފްލެޓްތައް ލިބުނު ގޮތާ މެދު އާންމުން ވަރަށް ގިނަ ޝަކުވާތަކެއް ހުށަހެޅިޔަސް، ރިޕޯޓްގައި ބުނެފައި ވަނީ ޝަކުވާތައް ދިޔައީ މިނިސްޓާސް ބިއުރޯ އަށް ކަމަށާއި އެ ޝަކުވާތައް ސިސްޓަމަށް އެންޓަ ކޮށްފައި ހުރި ތަން ފެންނަން ނެތް ކަމަށެވެ. އެހެންވެ، ލިބިފައި ވަނީ ކިތައް ޝަކުވާކަން ވެސް އެނގެން ނެތް ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.

ރިޕޯޓްގައި ފާހަގަކޮށްފައިވާ ބައެއް އެހެނިހެން އުސޫލީ މައްސަލަތައް:

- ވެރިކަން ބަދަލުވީ ފަހުން، ނޮވެމްބަރު 4 ގައި 9،500 މީހަކަށް ފްލެޓް ލިބުނު ކަމަށް ގެޒެޓްކުރުން. އެކަމަކު ހިޔާ ފްލެޓްތަކުގެ އަދަދަކީ 7،000.

- ފްލެޓް މަޝްރޫއުގައި ހަތަރު ކެޓަގަރީއެއް އިތުރުކޮށް، 2،500 ހައުސިން ޔުނިޓް ދާއިމީ ލިސްޓަށް އިއުލާންކުރިއިރު އެއީ ފޯމު ހުށަހަޅާފައި ވެސް ނުވާ އަދި އިއުލާން ވެސް ކޮށްފައި ނުވާ ހައުސިން ޔުނިޓްތަކެއް ކަން.

ހިޔާ ފްލެޓް ފޯމު ނަގަން ދަރުބާރުގޭގައި މީހުން ތޮއްޖެހިފައި: ފްލެޓް ލިބުނު މީހުންގެ ތެރޭގައި ގަވައިދާހިލާފަށް ފްލެޓް ލިބުނު މީހުން ގިނަ -- ފައިލް ފޮޓޯ:

ހިޔާ ފްލެޓް ފޯމު ނަގަން ދަރުބާރުގޭގައި މީހުން ތޮއްޖެހިފައި: ފްލެޓް ލިބުނު މީހުންގެ ތެރޭގައި ގަވައިދާހިލާފަށް ފްލެޓް ލިބުނު މީހުން ގިނަ -- ފައިލް ފޮޓޯ:

- ފްލެޓް ލިބުނު ކަމުގެ، ދިވެހި ދައުލަތުގެ ރަސްމީ ނިޝާން ޖެހި ރަސްމީ ލިޔުން ބައެއް މީހުންނަށް ދޫކުރި އިރު އެއީ ކިތައް މީހުންނަށް ދޫކޮށްފައިވާ އަދި ދޫކޮށްފައިވަނީ ކޮން ބަޔަކަށްކަން ވެސް ހައުސިން މިނިސްޓްރީގެ ލިޔުންތަކުން ފެންނަން ނެތުން.

- ހާއްސަ އެހީ އަށް ބޭނުންވާ މީހުން ނަމަ އެންސްޕާ ނުވަތަ ޖެންޑާ މިނިސްޓްރީގެ ލިޔުމެއް ހުށަހަޅަން ޖެހޭއިރު، އެ ލިޔުން ހުށަހަޅާފައި ނުވާ އެތައް ބަޔަކަށް އެބައިން 10 މާކްސް ދީފައި ވުން.

- ދިރިއުޅުމުގެ ހާލަތަށް 30 ޕޮއިންޓް ދެނީ ފޯމުގައި ހިމަނާ މައުލޫމާތަށް ބިނާކޮށް ކަމަށް ވާއިރު، ދިރިއުޅުމުގެ ހާލަތު ބަޔާންކޮށްފައި ނުވާ އެތައް ބަޔަކަށް އެބައިން ފުލްކޮށް މާކްސް ދީފައިވުން.

- ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދީފައި ވަނީ މިނިސްޓާސް ބިއުރޯ އިން ކަމަށް ވުން. އަދި ލިސްޓް ފައިނަލް ކޮށްފައި ވަނީ ސިޔާސީ އެކި ފަރާތްތަކުން ކަން.

- ފުލްްކޮށް ނުވަތަ އާދަޔާ ހިލާފަށް މަތިން ޕޮއިންޓް ލިބިގެން ދާއިމީ ލިސްޓްގައި ހިމެނިފައިވާ ފަރާތްތަކުގެ ތެރޭގައި ކުރީ ސަރުކާރުގެ ސިޔާސީ މަގާމްތަކުގައި ތިބި މީހުންނާއި އެ މީހުންގެ އަނބިންނާއި އާއިލާއާ ގުޅުން ހުރި ފަރާތްތައް ގިނަކަން.

ރިޕޯޓްގައި ބުނެފައިވާ ގޮތުގައި، ފްލެޓްތައް ދިނުމުގައި ހިންގާފައިވާ މި ބޮޑު ޖަރީމާ އަކީ އޭސީސީ އާއި ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން ތަހުގީގު ކުރަން ޖެހޭ މައްސަލަތަކެކެވެ. އަދި މިކަމުގެ ތެރޭގައި ވަރަށް ބޮޑެތި އިހުމާލުތަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަރަށް ގިނަ ކަންކަން ހިނގާފައި ހުރި ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް ކޮމެޓީގެ ރިޕޯޓްގައި ވެ އެވެ.