ހުޅުމާލޭގެ ހިޔާ ފްލެޓްތަކުގެ ފިނިޝިންގެ ކަންކަން ކުރިއަށް ގެންދަން އެޗްޑީސީން ދީފައިވާ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވިޔަސް ކުލި ދައްކަން ގިނަ ބަޔަކު ދެކޮޅު ހަދަން ފަށައިފި އެވެ.
26 ޑިސެމްބަރ 2021
ހުޅުމާލޭގެ ހިޔާ ފްލެޓްތަކުގެ ފިނިޝިންގެ ކަންކަން ކުރިއަށް ގެންދަން އެޗްޑީސީން ދީފައިވާ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވިޔަސް ކުލި ދައްކަން ގިނަ ބަޔަކު ދެކޮޅު ހަދަން ފަށައިފި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތް ކޮށްފައިވާ ފްލެޓުތަކުގެ އެތެރޭގެ މަސައްކަތް ނިންމަން ދިން ހަތަރު މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ގިނަ ބަޔަކަށް ފްލެޓްތަކަށް އަދިވެސް ބަދަލު ނުވެވޭއިރު ބަދަލުވި ބައެއް މީހުންގެ ފްލެޓުތަކުގެ ފިނިޝިންގެ ކަންކަން އަދި ނުނިމެ އެވެ.
އެހެންވެ، ފްލެޓް ލިބުނު ގިނަ ބަޔަކު މިހާރު ދަނީ ފްލެޓަށް ކުލި ނުދައްކާނެ ކަމަށް ބުނަމުން ކަމަށް އެނގިފައި ވެ އެވެ. ބައެއް ޓަވަރުތަކުގެ ކޮމިއުނިޓީ ގްރޫޕުތަކުގައި ފްލެޓަށް ކުލި ނުދެއްކޭނެ މީހުންނާއި ފިނިޝިން މަސައްކަތް ނުނިމޭ މީހުންގެ ޕޯލްތަކާއި ލިސްޓު ވެސް ހަދަން ވަނީ ފަށައިފަ އެވެ.
އެންމެ ޓަވަރަކަށް ބަލާއިރު ވެސް ކުލި ނުދެއްކޭ މީހުންގެ އަދަދު 100 އާ ގާތް ކުރެ އެވެ. އަދި ގިނަ މީހުން ވަނީ ފްލެޓުގެ މަސައްކަތް ނުނިމޭ ކަމަށް ވެސް ބުނެފަ އެވެ.
"މި ދަނޑިވަޅުގައި ކުލި ދައްކާފައި އަދި ލޯނަށް ފައިސާ ދައްކާފައި، ފްލެޓް ހަދަން ދާ އިތުރު ކަންކަމަށް ހަރަދު ކުރާނެ ފައިސާއެއް ނެތް. ކުލި ނުދެއްކޭނެ،" ކުލި ދެއްކުމާ ގުޅޭ ގޮތުން ނެގި ޕޯލަކަށް ގްރޫޕެއްގައި ކޮމެންޓު ކުރި މީހަކު ބުންޏެވެ.
ގްރޭސް ޕީރިއަޑް އިތުރު ނުކޮށްދޭ މައްސަލާގައި، މިދިޔަ ހުކުރު ދުވަހު ހިޔާ ފްލެޓް ސަރަހައްދުގައި ހިޔާ ޔޫނިއަން އާއި އާންމުންގެ އެކުވެރި ޖަމިއްޔާ ގުޅިގެން ވަނީ މުޒާހަރާކޮށް، ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ މުޒާހަރާގެ ތެރެއިން ވެސް ގިނަ ބަޔަކު ވަނީ ފްލެޓަށް ކުލި ނުދައްކާނެ ކަމަށާއި ސަރުކާރުން ދިނީ ފްލެޓުތައް ހަދަން އެކަށީގެންވާ ވަރުގެ މުއްދަތެއް ނޫން ކަމަށް ބުނެފަ އެވެ.
އެޗްޑީސީން އަންނަނީ ގްރޭސް ޕީރިއަޑް އިތުރު ކުރުމަށް ސަރުކާރާ އެކު މަޝްވަރާ ކުރަމުންނެވެ. މުއްދަތު ހަމަވާން ހަފުތާއަކަށް ވުރެ ވެސް މުއްދަތު ކުޑަވެފައިވާއިރު، އެކަމާ ގުޅޭ ގޮތުން އަދި އެއްވެސް ގޮތެއް ނުނިންމަ އެވެ.
ހިޔާ ފްލެޓަށް ދައްކަން ޖެހޭ ކުއްޔަކީ 8500ރ. އެވެ. އެ އަދަދު 25 އަހަރަށް ދެއްކުމަށް ފްލެޓަށް ވަނުމުގެ ކުރިން އެޗްޑީސީއާއެކު އެއްބަސްވުމެއްގައި ސޮއިކުރެ އެވެ.
300 ފްލެޓުން ސްޓެލްކޯގެ މުވައްޒަފުންނަށް އުފަލެއް
ފްލެޓްތަކުގެ ފިނިޝިންއަށް 9 މަސް ނުދޭތީ ކަންބޮޑުވެއްޖެ
ފްލެޓްތައް "ބަހާލީ" ސިއްރު ކޮޓަރިއެއްގައި ތިބެ!
ހިޔާ ފްލެޓްތަކުގެ ގުރުއަތުލުން ކުރިއަށް
ފަންނީ މީހުން އާ ފްލެޓަށް ހުށަހެޅުމުގެ ފުރުސަތު ދީފި
ހިޔާ ފްލެޓްތަކުގެ ހަތަރު ލިސްޓަށް 3،000 ޝަކުވާ!
ނާޅާކަމަށް އަސްލަމް ވިދާޅުވި ފްލެޓުގެ މަސައްކަތް އެބަދޭ
އިއުލާންކުރި އެއް ކޮޓަރީގެ ފްލެޓްތަކެއް ނާޅާ: އަސްލަމް
ހިޔާ ފްލެޓުތައް ނިމެން އަށް މަސް ނަގާނެ: އަސްލަމް
މިހުރީ ޓަވަރެއްގައި: ރީތި މަންޒަރެއް އެކަމަކު ހާސްކަން