Roadha Mihaaru
ފެޝަން ޑިޒައިނަރު މަނީޝް ފިލްމު ޑައިރެކްޝަނަށް

ފެޝަން ޑިޒައިނަރު މަނީޝް ފިލްމު ޑައިރެކްޝަނަށް

17 ޖުލައި 2021

އިންޑިއާގެ އެންމެ ނުފޫޒު ގަދަ ފެޝަން ޑިޒައިނަރުންގެ ތެރޭގައި ހިމެނޭ އަދި ބޮލީވުޑްގެ މަޝްހޫރު އެތައް ތަރިންނެއްގެ ފިލްމުތަކަށް ކޮސްޓިއުމް ތައްޔާރުކޮށް ދީފައިވާ މަނީޝް މަލްއަތުރާ ފިލްމު ޑައިރެކްޝަނަށް ނުކުުންނަން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ އެންމެ ނުފޫޒު ގަދަ ފެޝަން ޑިޒައިނަރުންގެ ތެރޭގައި ހިމެނޭ އަދި ބޮލީވުޑްގެ މަޝްހޫރު އެތައް ތަރިންނެއްގެ ފިލްމުތަކަށް ކޮސްޓިއުމް ތައްޔާރުކޮށް ދީފައިވާ މަނީޝް މަލްއަތުރާ ފިލްމު ޑައިރެކްޝަނަށް ނުކުުންނަން ތައްޔާރުވެއްޖެ އެވެ.

ބޮލީވުޑްގެ ހަންގާމާ އިން ބުނި ގޮތުގައި އޭނާ އަމިއްލަ އަށް ލިޔެފައިވާ އަސަރު ގަދަ ލޯބީގެ ވާހަކައަކަށް ހަދާ ފިލްމުގެ މައިގަނޑު ޕްލޮޓަކީ އިންޑިއާ ބައިކޮށްލަން ޖެހި 1947 ގައި މިނިވަންކަން ލިބުނު ދުވަސްވަރުގެ ހާދިސާތަކެވެ.

ފިލްމުތައް ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު، އެ ޕްރޮޑިއުސްކުރާނީ މަނީޝްގެ ގާތް އެކުވެރިޔާ ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ކަމަށް ހަންގާމާ އިން ބުންޏެވެ. އެ ނޫހުން ބުނި ގޮތުގައި ވަރަށް ގްރޭންޑްކޮށް ހަދަން ނިންމާފައިވާ ފިލްމަށް ކާސްޓުން ހަމަޖައްސައި ވަރަށް އަވަހަށް ފިލްމު ރަސްމީކޮށް އިއުލާން ވެސް ކުރާނެ އެވެ.

މަނީޝް، 54، އަކީ ކަރަން ގެނެސްދިން ގިނަ ފިލްމުތަކުގެ ކޮސްޓިއުމް ޑިޒައިނަރެވެ. އޭގެ ތެރޭގައި "ކުޗް ކުޗް ހޯ"، "ކަބީ ހުޝީ ކަބީ ޢަމް"، "ކަލް ހޯ ނަހޯ"، "ކަބީ އަލްވިދާ ނާ ކެހެނާ"، "ހައި ހޭޓް ލަވް ސްޓޯރީޒް"، "ސްޓޫޑަންޓް އޮފް ދި އިޔާ" އަދި "އޭ ދިލް ހެ މުޝްކިލް" ހިމެނެ އެވެ.

މި ފިލްމުތަކުގެ އިތުރުން ވެސް 1990 އިން ފެށިގެން މިހާތަނަށް ބޮލީވުޑް އޭ-ލިސްޓް ތަރިންގެ އެތައް ފިލްމެއްގެ ކޮސްޓިއުން މަނީޝް ހަދާފައިވެ އެވެ.

އޭނާ ފިލްމު ޑައިރެކްޝަނަށް ނުކުންނަ އިރު، އާއިލާގެ ތެރޭގައި މިހާރު ވެސް ޑައިރެކްޓަރަކު އެބަހުއްޓެވެ. އެއީ "ސްޓޫޑަންޑް އޮފް ދި އިޔާ 2" އާއި "ގޯރީ ތޭރޭ ޕިޔާރު މޭ" އަދި "ހައި ހޭޓް ލަވް ސްޓޯރީޒް" ގެނެސްދިން ޕުނިތު މަލްއުތުރާ އެވެ. މަނީޝް އަކީ ޕުނިތުގެ ބޮޑު ބޭބެއެކެވެ.

ޕުނިތު ގެނެސްދިން ފިލްމުތަކަކީ ވެސް ކަރަންގެ ދަރުމާ އިން ޕްރޮޑިއުސްކުރި ފިލްމުތަކެވެ.

މަނީޝް އަކީ ފެޝަނުގެ ދުނިޔޭގައި އިންޑިއާގެ ބްރޭންޑެކެވެ. އަދި އޭނާ އަކީ އިންޑިިއާގެ އެންމެ އަގު ބޮޑު އެއް ފެޝަން ޑަޒައިނަރެވެ.