Roadha Mihaaru
"ޖުގް ޖުގް ޖިއޯ" ގެ ދެވަނަ ޝެޑިއުލަށް ބުރޫއަރާފައި

"ޖުގް ޖުގް ޖިއޯ" ގެ ދެވަނަ ޝެޑިއުލަށް ބުރޫއަރާފައި

25 އެޕްރީލް 2021

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމު "ޖުގް ޖުގް ޖިއޯ" ގެ ފުރަތަމަ ޝޫޓިން ޝެޑިއުލް ޗަންދީގަޅުގައި ނިންމައިލި ނަމަވެސް އަދި ފިލްމުގެ ބާކީ 60 ޕަސެންޓް ޝޫޓިން އޮތް ކަމަށް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމު "ޖުގް ޖުގް ޖިއޯ" ގެ ފުރަތަމަ ޝޫޓިން ޝެޑިއުލް ޗަންދީގަޅުގައި ނިންމައިލި ނަމަވެސް އަދި ފިލްމުގެ ބާކީ 60 ޕަސެންޓް ޝޫޓިން އޮތް ކަމަށް ބުނެފި އެވެ.

ކުރިން ރާވާފައި އޮތީ މި މަހުގެ ތެރޭގައި މުމްބާއީ ޝޫޓިން ޝެޑިއުލް ފަށާށެވެ. ނަމަވެސް އިންޑިއާގައި މިހާރު ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާތީ އަލުން ފިލްމުގެ މަސައްކަތް ފެށޭނެ އިރެއް ނޭނގެ އެވެ. މިކަމާ ޑައިރެކްޓަރު ރާޖް މެހެތާ އާއި އޭނާގެ ޓީމު މިހާރު ތިބީ ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގަ އެވެ. ފިލްމުގެ ޝޫޓިން ނުނިމި ދިގުލައިގެން ހިނގައްޖެ ނަމަ މި އަހަރުގެ ތެރޭގައި ފިލްމު ނުނިމި، ރިލީޒްކުރެވޭނެ އިރެއް ވެސް ނުނިންމޭނެ އެވެ.

ވަރުން މިދިޔަ ޖެނުއަރީ މަހުގެ 24 ގައި ކައިވެނިކުރީ "ޖުހް ޖުގް ޖިއޯ" ގެ ގެ ފުރަތަމަ ޝެޑިއުލް ނިންމައިލުމަށް ފަހު އެވެ. ޝޫޓިންގެ ތެރޭގައި އޭނާ އަށް ކޮވިޑް ވެސް ޖެހުނެވެ. އަދި ފިލްމުގައި ވަރުންގެ މަންމަގެ ރޯލު ކުޅޭ ނީޓޫ ސިންގް އަށް ވެސް ކޮވިށް ޖެހިގެން އެ މީހުން ބަލިން ރަނގަޅުވަންދެން އޭރު ވެސް ފިލްމުގެ މަސައްކަތް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހުނެވެ.

ރާޖްގެ ޓީމުން ބުނީ ދެވަނަ ޝެޑިއުލް މި ދަނޑިވަޅުގައި ކުރިއަށ ގެންގޮސް އަނެއްކާ ވެސް ކާސްޓާއި ކްރޫ އަށް ކޮވިޑްގެ ނުރައްކާވާ ގޮތަށް މަސައްކަތް ނުރާވާނެ ކަމަށެވެ.

ރޮމޭންޓިކް ކޮމެޑީއެއްގެ ގޮތުގައި ހަދާ "ޖުގް ޖުގް ޖިއޯ' ގައި ވަރުންގެ ބަތަލާ އަކީ ކިއާރާ އަދުވާނީ އެވެ. އަދި ނީޓޫގެ ފިރިމީހާގެ ރޯލުން ފެންނާނީ އަނިލް ކަޕޫރެވެ. އަނިލް އާއި ނީޓޫ މިދިޔަ ހަފުތާގައި ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވެ އެވެ.

"ޖުގް ޖުގް ޖިއޯ" އަކީ 2019 ގައި ގެނެސްދިން "ގުޑް ނިއުސް" އަށް ފަހު ރާޖް ހަދާ ދެވަނަ ފިލްމެވެ.

މި ފިލްމުގެ ޝޫޓިން އަށް ކޮވިޑްގެ ހުރަސް ކުރިމަތިވެފައިވާ އިރު މިދިޔަ ހަފުތާގައި ވަރުން ވަނީ ޑައިރެކްޓަރު އަމަރު ކޯޝިކްގެ "ބޭޅިޔާ" ގެ އަރުނަޗަލް ޕްރަދޭޝްގެ ޝޫޓިން ޝެޑިއުލް ނިންމާލައިފަ އެވެ. ކްރިތީ ސެނަން ބަތަލާގެ ރޯލު ކުޅޭ އެ ފިލްމުގެ ޝޫޓިން ފެށީ ފެބްރުއަރީގަ އެވެ.

ކަރަންގެ ދަރުމާ އިން މި އަހަރު ރިލީޒްކުރަން އަދި އިއުލާކޮށްފައި އޮތީ އެންމެ ފިލްމެކެވެ. އެއީ ތެލެގޫ އެކްޓަރު ވިޖޭ ދެވަރަކޮންޑާ އާއި އަނަންޔާ ޕާންޑޭގެ "ލައިގާ" އެވެ. އެ ފިލްމު ތާވަލުކޮށްފައި އޮތީ ސެޕްޓެމްބަރު 9 އަށެވެ.