Roadha Mihaaru
ބެޒޯސްގެ ޖައްވީ ދަތުރުގައި 18 އަހަރުގެ ޒުވާނެއް

ބެޒޯސްގެ ޖައްވީ ދަތުރުގައި 18 އަހަރުގެ ޒުވާނެއް

16 ޖުލައި 2021

އެމެރިކާގެ މަހުޖަނު ޖެފް ބެޒޯސްގެ ޖައްވީ ދަތުރުން 18 އަހަރުގެ ނެދަލެންޑްސްގެ ޒުވާނަކަށް ފުރުސަތު ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މަހުޖަނު ޖެފް ބެޒޯސްގެ ޖައްވީ ދަތުރުން 18 އަހަރުގެ ނެދަލެންޑްސްގެ ޒުވާނަކަށް ފުރުސަތު ދީފި އެވެ.

މި މަހުގެ 20 ވަނަ ދުވަހު ބެޒޯސްގެ ސްޕޭސް ކުންފުނި ބްލޫ އޮރިޖިންގެ "ނިއު ޝެފަޑް" ގައި ކުރާ ދަތުރުން ޖާގަ ލިބުނު ޒުވާނާ އަކީ ހައި ސްކޫލް ގްރެޖްއޭޓެއް ކަމަށްވާ އޮލިވާ ޑީމެން އެވެ. އޭނާ އަށް ފުރުސަތު ލިބުނީ މި ދަތުރަށް ނީލަމުގައި ވިއްކި ޓިކެޓަށް 28 މިލިއަން ޑޮލަރު ހޭދަކުރި މީހާ އަމިއްލަ ސަބަބުތަކާ ހެދި ދަތުރުގައި ބައިވެރިނުވާތީ އެވެ. އެ މީހާގެ ނަމެއް މިހާތަނަށް ހާމައެއް ނުކުރެ އެވެ.

މިކަމާ ގުޅިގެން ބްލޫ އޮރިޖިން އިން ނެރުނު ބަޔާނެއްގައި ބުނީ ނީލަމުގައި ޓިކެޓް ގަތް މީހާ ޖައްވަށް ދާނީ ތަންކޮޅެއް ފަހުން ކަމަށާއި މި ފަހަރު ފުރުސަތު ދިން 18 އަހަރުގެ ޒުވާނާ އަކީ ނީލަމުގައި ޓިކެޓެއް ބިޑްކުރި މީހެއް ކަމަށެވެ. އެކަމަކު އޭނާ ހޭދަކުރި އަދަދެއް ހާމައެއް ނުކުރެ އެވެ.

މީޑިއާތަކުން ބުނެފައިވާ ގޮތުގައި އޮލިވާ އަށް ޓިކެޓް ހޯދައި ދިނީ އޭނަގެ ބައްޕަ ޖޯޒް ޑީމަނެވެ. އޭނަ އަކީ ނެދަލެންޑްސްގެ އިންވެސްޓްމަންޓް ކުންފުނި ސޮމާސެޓް ކެޕިޓަލް ޕާޓްނާޒްގެ ބާނީ އަދި ސީއީއޯ އެވެ.

ޖައްވީ ދަތުރަކަށް ދާ އެންމެ ޒުވާން މީހާގެ ޝަރަފު ލިބޭ އޮލިވާ އަކީ އަންނަ ސެޕްޓެމްބަރު މަހު ޔުނިވަސިޓީ ތައުލީމަށް ތައްޔާރުވަމުން އަންނަ މީހެކެވެ.

ބެޒޯސް އާއި ބްލޫ އޮރިޖިންގެ ތާރީހީ ދަތުރުން އޭނާ އަށް ފުރުސަތު ލިބުނު އިރު، މި ދަތުރު ވާނީ މިހާތަނަށް އެންމެ ދުވަސްވީ މީހަކު ޖައްވީ ދަތުރަކަށް ދާ ފުރަތަމަ ފަހަރަށް ވެސް މެ އެވެ. އެ ފުރުސަތު ލިބުނު މީހަކީ އެމެރިކާގެ އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ 82 އަހަރުގެ ވެލީ ފަންކް އެވެ.

ހަ މީހުންގެ ޖާގައިގެ "ނިއު ޝެފަޑް" ގައި ބެޒޯސްއާ ބައިވެރިވާ މީހުންގެ ތެރޭގައި އޭނާގެ ކޮއްކޮ މާކް ބެޒޯސް ވެސް ހިމެނެ އެވެ.