Roadha Mihaaru
ކުއްޖާގެ މަރުގެ ޕޯސްޓްމޯޓަމްގެ ރިޕޯޓު ލިބިއްޖެ: ޕޮލިސް

ކުއްޖާގެ ޕޯސްޓްމޯޓަމްގެ ރިޕޯޓު ލިބިއްޖެ، ތަހުގީގު ފުރިހަމަކުރަން އެބަ މަސައްކަތްކުރަން: ފުލުހުން

17 ޖުލައި 2021

މަރާލާފައި އޮއްވައި ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ފެނުނު އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާގެ ޕޯސްޓްމޯޓަމްގެ ޕްރިލިމިނަރީ ރިޕޯޓު ލިބިއްޖެ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަރާލާފައި އޮއްވައި ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ފެނުނު އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާގެ ޕޯސްޓްމޯޓަމްގެ ޕްރިލިމިނަރީ ރިޕޯޓު ލިބިއްޖެ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ކުއްޖާގެ ޕޯސްޓްމޯޓަމްގެ ރިޕޯޓު ލިބުމުން ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މައްސަލަ ފޮނުވުމަށްޓަކައި ތަހުގީގު ފުރިހަމަކުރުމަށް މިހާރު ދަނީ މަސައްކަތް ކުރަމުން ކަމަށެވެ. އިތުރު ތަފްސީލެއް ނުދޭތީ، އެ ކުއްޖާ މަރުވާން ދިމާވި ސަބަބެއް އަދި ނޭނގެ އެވެ.

އިންޑިއާ އިން ޕޯސްޓުމޯޓަމް ހެދުމަށް ފަހު، އެ ކުއްޖާގެ ހަށިގަނޑު މިދިޔަ ހޯމަ ދުވަހު ރާއްޖެ ގެނެސް، އެ ދުވަހުގެ މަޣުރިބު ނަމާދަށް ފަހު ވަނީ ވަޅުލައިފަ އެވެ.

ފޮއްޓަކަށް ލައި މޫދަށް އެއްލާލާފައި އޮއްވައި، ފުލުހުން އެ ކުއްޖާގެ ހަށިގަނޑު ހޯދީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ މެންދަމު 2:30 ހާއިރު އެވެ. އެ ކުއްޖާ ފެނުނީ، އޭނާ ރަހީނުކުރި ކަމުގެ ރިޕޯޓު އާއިލާ އިން ކުރުމުން ފުލުހުން އެ މައްސަލަ ބެލުމުގެ ތެރެއިންނެވެ.

ކުއްޖާގެ ހަށިގަނޑު ފެނުމުގެ ކުރިން އެ މައްސަލައިގައި ދެ މީހަކު ހައްޔަރުކުރި އެވެ. އެއީ އިބްރާހިމް ޒިހާން، 27 އާއި އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެކެވެ. ޒިހާން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު، 17 އަހަރުގެ ކުއްޖާ ހުރީ 13 ދުވަހުގެ ބަންދެއްގަ އެވެ.

މި މައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ.

އެނގިފައިވާ ގޮތުގައި 13 އަހަރުގެ ކުއްޖާ މަރައިލީ އޭނާ އަށް ޖިންސީ ގޯނާކުރި ކަމުގެ މައުލޫމާތު، އެހެން ބައެއްގެ ގާތުގައި ދެއްކުމުން، އެކަމާ ރުޅި އައިސްގެން އެ ކުއްޖާ ރަހީނުކޮށްގެން އުޅުމަށް ފަހު އެވެ.