Roadha Mihaaru

ހިޔާ ޓަވަރެއްގައި ހަށިވިއްކައި ޑްރަގް ވިޔަފާރިކުރި ބަޔަކު ހައްޔަރުކޮށްފި

ހުޅުމާލޭގެ ހިޔާ ޓަވަރެއްގައި ފުޅާދާއިރާއެއްގައި ހަށި ވިއްކުމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ދިވެހި ފިރިހެނަކާއި ބިދޭސީ އަންހެނުންތަކެއް އަތުލައިގެންފި އެވެ.

ހިޔާ ފްލެޓެއްގައި ހަށިވިއްކި ބަޔަކު ހައްޔަރު
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

01 ޑިސެމްބަރ 2025

ހުޅުމާލޭގެ ހިޔާ ޓަވަރެއްގައި ފުޅާދާއިރާއެއްގައި ހަށި ވިއްކުމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ދިވެހި ފިރިހެނަކާއި ބިދޭސީ އަންހެނުންތަކެއް އަތުލައިގެންފި އެވެ.

ފުލުހުން މިއަދު ބުނީ ދިވެއްސަކާއި ބިދޭސީއަކު ގުޅިގެން ރާއްޖެ އަށް ބިދޭސީ އަންހެނުން ގެނެސް، ފައިސާ އަށް ހަށިވިއްކުވައި ފައިސާތައް ބޭނުންކޮށް، މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ބޭނުންކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބަލައި ފާސްކުރީ ހިޔާ 12 ވަނަ ޓަވަރު ކަމަށެވެ

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލެ 2 ގައި ފުލުހުން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ:

- ހުސައިން ސޮލާހު، 40، ކިއުބާ، ރ. ރަސްގެތީމު

- ދެން ހައްޔަރުކުރީ އުޒްބެކިސްތާނުގެ ހަތަރު އަންހެނުން ކަމަށްވާ ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ، 40 އާއި ޑިލްޑޯރާ އެގަމްނަޒޮވާރާ، 31 އާއި ޝަހުޒޮޑަހޮން ރުސްތަމޯވާ، 28 އަދި އުމުރުން 34 އަހަރުގެ އުމިޑަބޮނޫ ނެމަޓޯ އެވެ.

އެ މީހުން ހައްޔަރުކުރީ ކުށުގެ ވެށިން ކަމަށާއި އޭގެ ތެރެއިން ހުސައިން ސޮލާހާއި ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ އަކީ އެ ޖަރީމާ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެއެޕާޓްމަންޓް ބަލައިފާސްކުރިއިރު، 19،100 ޑޮލަރާއި 18،000 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހުސައިން ސޮލާހާއި ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ އަށް 10 ދުވަސް އަދި އަނެއް ތިން އަންހެނުންނަށް ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރަން ކޯޓުން އަމުރުކުރި އެވެ.

ހަށިވިއްކާ ބަޔަކު ހުޅުމާލެ 2 އިން ހައްޔަރު ކޮށްފައިވާއިރު މިދިޔަ ހުކުރު ދުވަހުގެ ރޭ ގދ. ތިނަދޫގެ ގެއެއް ބަލައި ފާސްކޮށް ވަނީ ބަދުއަޚުލާގީ އަމަލު ހިންގަން ތިބި ދިވެހި ފިރިހެނަކާއި ތައިލެންޑުގެ އަންހެނަކު ވެސް ހައްޔަރުކުރި އެވެ. އުމުރުން 52 އަހަރުގެ ފިރިހެންމީހާ ކަފާލާތުގެ ދަށުން ދޫކޮށްލި ނަމަވެސް އަންހެންމީހާގެ ބަންދަށް ކޯޓުން ހަތަރު ދުވަސް ދިނެވެ.

މާލެ އާއި ރާއްޖޭގެ ބޮޑެތި އާބާދީތައް ދިރިއުޅޭ ރަށްރަށުގައި ޕްރޮފެޝަނަލް މަސާޖުކުރާ ކަމަށް ބުނެ ގިނަ އަދަދަކަށް މަސާޖު ޕާލާތައް ހިންގި ނަމަވެސް އެއީ ފުޅާ ދާއިރާއެއްގައި ހަށިވިއްކާ ތަންތަން ކަމުގެ ތުހުމަތު އެތައް ބަޔަކު ކުރެ އެވެ. އަދި އެކަން ކުރާ ބިދޭސީ މީހުން ދަނީ އެ މީހުންގެ ފޮޓޯ އާއި ނަމްބަރު ވެސް ޖަހައިގެން ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަމުންނެވެ.

އެ ގޮތަށް ހިންގާ ސްޕާތައް ހުއްޓުވަން މި ފަހުން އިމިގްރޭޝަނުން ވަނީ އޮޕަރޭޝަންތަކެއް ވެސް ހިންގައިފަ އެވެ. އަދި އެފަދަ ތަންތަނުން ގިނަ އަދަދެއްގެ ދިވެހިންނާއި ބިދޭސީން ވެސް އަތުލައިގަނެ ބިދޭސީން ޑީޕޯޓުކޮށްފައި ވެސް ވެ އެވެ.