Roadha Mihaaru
ހާއްސަ ފިޔަވަޅުތަކުގެ ތެރެއިން ހައްޖުވެރިން މައްކާއަށް

ހާއްސަ ފިޔަވަޅުތަކުގެ ތެރެއިން ހައްޖުވެރިން މައްކާ އަށް

18 ޖުލައި 2021

މިހާރު މުޅި ދުނިޔެ އަށް ފެތުރެމުން ދާ ކޮވިޑް-19 ބަލިމަޑުކަމުން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ހާއްސަ ފިޔަވަޅުތަކާ އެކު، ހައްޖުވެރިން މައްކާ އަށް ވަންނަން ފަށައިފި އެވެ.

މިހާރު މުޅި ދުނިޔެ އަށް ފެތުރެމުން ދާ ކޮވިޑް-19 ބަލިމަޑުކަމުން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ހާއްސަ ފިޔަވަޅުތަކާ އެކު، ހައްޖުވެރިން މައްކާ އަށް ވަންނަން ފަށައިފި އެވެ.

ކޮވިޑުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، މި އަހަރުގެ ހައްޖުގައި ބައިވެރިކުރުމަށް ސައޫދީ ސަރުކާރުން ކަނޑައަޅާފައިވަނީ، ސައޫދީ އަރަބިއްޔާގައި އުޅޭ އެކި ގައުމުތަކުގެ މީހުން ހިމެނޭ ގޮތުން، ޖުމުލަ 60 ހާސް މީހުންނެވެ. އެ މީހުންނަށް މައްކާ އަށް ވަދެވޭނީ ސައޫދީ ސަރުކާރުން ކަނޑައަޅާފައިވާ ހަތަރު ޗެކް ޕޮއިންޓަކުންނެވެ.

މި އަހަރުގެ ހައްޖުގައި ބައިވެރިވާ މީހުންގެ ތެރެއިން ތިން ބައިކުޅަ ދެ ބައި މީހުން، ރެއާ ހަމައަށް މައްކާއަށް ވަދެފައިވާ ކަމަށް، ސައޫދީ ސަރުކާރުން ބުނެ އެވެ.

ސައޫދީ ސަރުކާރުން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން، ހައްޖުވެރިން ވަނީ ތިން ބަޔަކަށް ބަހާލައިފަ އެވެ. އޭގެ ތެރެއިން ފުރަތަމަ ބަޔަކީ، ޖިއްދާ އާއި ތާއިފްގެ ވައިގެ ބަނދަރުން ހާއްސަ ބަސްތަކުގައި މައްކާ އަށް ދާ މީހުންނެވެ. އެ މީހުން މައްކާގެ ޗެކްޕޮއިންޓަށް ދިއުމުން، ބަހުގައި ބައިތިއްބައިގެން، އަތުގައި ހައްޖު ހުއްދަ އޮތްތޯ ބަލާނެ އެވެ. މައްކާ އަށް ވަދެ ހަރަމްފުޅަށް ދިޔުމަށް ހުއްދަ ދޭނީ ހުއްދަ އޮންނަ މީހުންނަށެވެ.

ދެވަނަ ބަޔަކީ އަމިއްލަ ބަސްތަކުގައި ދުރު ހިސާބުތަކުން ދާ މީހުންނެވެ. އެ މީހުން ވެސް، މައްކާގެ ޗެކްޕޮއިންޓަށް ބޭލުމަށް ފަހު އަރުވާނީ، މައްކާގެ ތެރޭގައި ދަތުރުކުރާ ހާއްސަ ބަސްތަކަށެވެ. އެ މީހުންނަށް ވެސް މައްކާގެ އެތެރެއަށް ވަދެވޭނީ، ހައްޖު ހުއްދަ އޮތްތޯ ބެލުމަށް ފަހު އެވެ.

ތިންވަނަ ބަޔަކީ، އަމިއްލަ އުޅަނދުތަކުގައި އެއްގަމު މަގުން ދާ މީހުންނެވެ. އެ މީހުން ވެސް މައްކާގެ ޗެކްޕޮއިންޓްތަކުން އަރުވާނީ، މައްކާގެ އެތެރޭގައި ދަތުރުކުރާ ހާއްސަ ބަސްތަކަށެވެ. އެއަށް ފަހު، އެމީހުންގެ އަތުގައި ހައްޖު ހުއްދަ އޮތް ނަމަ، މައްކާ އަށް އެތެރެ ވުމުގެ ހުއްދަ ދޭނެ އެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާ ބައެއް މީހުން އިއްުޔެ ހަރަމްފުޅުގައި ތަވާފް ކުރަނީ. --އޭއެފްޕީ

މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާ ބައެއް މީހުން އިއްުޔެ ހަރަމްފުޅުގައި ތަވާފް ކުރަނީ. --އޭއެފްޕީ

މި އަހަރަށް ކަނޑައަޅާފައި އޮތް ގޮތުން ކޮންމެ ބަހަކަށް ވެސް އެންމެ ގިނަވެގެން އަރުވާނީ 20 މީހުންނެވެ. ޗެކްޕޮއިންޓްތަކުން ހަރަމްފުޅަށް ގެންދިއުމަށް ހާއްސަ ކޮށްފައިވާ ބަސްތަކަށް ހައްޖުވެރިން އެރުމާ އެކު، ބަސްތަކުގެ ދޮރުތަކުގެ ބޭރުން ސްޓިކާއެއް ތަތްކޮށް، ދޮރުތައް ތަޅުލާނެ އެވެ. އެ އަށް ފަހު، ސްޓިކާ ނައްޓާލައި، ދޮރުތައް ހުޅުވާނީ ހަރަމްފުޅާ ހަމައަށް ދިޔުމަށް ފަހު އެވެ.

ހުރިހާ ހައްޖުވެރިން ވެސް ހަރަމްފުޅަށް ވަނުމަށް ފަހު ތަވާފުލް ގުދޫމް ފުރިހަމަ ކުރާނެ އެވެ. އަދި ސަފާ މަރްވާގައި ސައުޔުކޮށް އުމްރާގެ އަޅުކަން ފުރިހަމަކުރާނެ އެވެ. އޭގެ ފަހުގައި ހައްޖުވެރިން އެމީހުންގެ ބަސްތަކުގައި ދަތުރުކުރާނީ، މިނާއަށެވެ.

މިރޭގެ މެންދަން ވަންދެން، ހައްޖުވެރިން މިނާގައި ތިބުމަށް ފަހު، ހައްޖުވެރިން އަރަފާތަށް ދަތުރު ފަށާނެ އެވެ. އަދި މާދަމާ (ހައްޖު މަހުގެ 9 ވަނަ ދުވަހު)ގެ އިރު އޮއްސެންދެން ހައްޖުވެރިން ތިބޭނީ އަރަފާތު ބިމުގަ އެވެ.

މި އަހަރުގެ ހައްޖުގައި ބައިވެރިކުރަން ސައޫދީ ސަރުކާރުން ނިންމާފައިވަނީ، އުމުރުން 18-65 އަހަރުގެ މީހުންނެވެ. އެ އުމުރުގެ މީހުންގެ ތެރެއިން ވެސް ހައްޖުގައި ބައިވެރިކުރާނީ، ފުއްޕާމޭގެ ބަލިތައް ނުހުންނަ މީހުންނާއި، ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ނުވަތަ، ކޮވިޑް ޖެހި މުޅިން ރަނގަޅުވެފައިވާ މީހުންނެވެ.