Roadha Mihaaru
އެކޯ ކުންފުނިން އަނެއްކާ ވެސް ރާއްޖޭގައި ރިސޯޓެއް

ޔޫރަޕްގެ އެންމެ ބޮޑު ހޮޓާ ހިންގާ ކުންފުނިން ރާއްޖޭގައި 80 ވިލާގެ ރިސޯޓެއް ހަދަނީ

20 ޖުލައި 2021

ފްރާންސްގެ އެންމެ ބޮޑު ހޮސްޕިޓާލިޓީ ކުންފުނި އެކޯއިން، ކްރޮސްރޯޑްސްގައި 80 އެނދުގެ ރިސޯޓެއް ހަދަން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ފްރާންސްގެ އެންމެ ބޮޑު ހޮސްޕިޓާލިޓީ ކުންފުނި އެކޯއިން، ކްރޮސްރޯޑްސްގައި 80 އެނދުގެ ރިސޯޓެއް ހަދަން ނިންމައިފި އެވެ.

އެކޯ އަކީ ޔޫރަޕްގެ ވެސް އެންމެ ބޮޑު ހޮސްޕިޓާލިޓީ ކުންފުންޏެވެ. އަދި ހޮޓެލް އިންޑަސްޓްރީގައި ދުނިޔޭގެ ހަ ވަނަ އަށް އެންމެ ބޮޑު ކުންފުންޏެވެ. އެ ކުންފުނިން މިހާރު ވެސް 110 ގައުމެއްގައި ރިސޯޓާއި ހޮޓާ އަދި 5،100 ތަނެއްގައި ހޮޓާތައް ހިންގަ އެވެ.

އެނބޫދޫ ފިނޮޅުގައި ހިންގާ ކްރޮސްރޯޑްސްގައި އެކޯއިން ރިސޯޓު ހަދަނީ "އެސް ހޮޓެލްސް" އާއި "ވާއި އިކޯ ވޯލްޑް ޑިވެލޮޕާ" އާ ގުޅިގެންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލޯންޗުގައި އެންމެ 15 މިނިޓުން ދެވޭ މި ރިސޯޓު ތަރައްގީ ކުރަނީ ބާޖީޗާތައް ހިމެނޭ ގޮތުން ދިވެހި ވަންތަ ސިފަތަކާ އެކު އެވެ.

މި ރިސޯޓު ހުޅުވަން ހަމަޖެހިފައިވަނީ 2023 ވަނަ އަހަރު އެވެ.

މިއީ އެކޯއިން ރާއްޖޭގައި ހަދާ ފަސް ވަނަ ރިސޯޓެވެ. މީގެ ކުރިން ޕުލްމެން އާއި މުވެންޕިލް އާއި ރަފްލްސްގެ އިތުރުން ފެއާމޮންޓް ބްރޭންޑްގެ ދަށުން ރިސޯޓުތައް ހުޅުވާފައިވެ އެވެ.

ކްރޮސްރޯޑްސްއަކީ ރާއްޖޭގައި އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ހުޅުވި ފުރަތަމަ ސަރަހައްދެވެ. ތައިލެންޑްގެ ސިންހާ ކުންފުނިން ހެދި މި ސަރަހައްދުގައި މިހާރު ވެސް ހިލްޓަންގެ ސައި ލެގޫން އާއި ހާޑްރޮކް ބްރޭންޑްގެ ރިސޯޓެއް އަންނަނީ ހިންގަމުންނެވެ. މީގެ އިތުރުން ދިވެހި ސަގާފަތް ކިޔައިދޭ ތަންތަނާއި ފިހާރަތަކާއި މަޝްހޫރު ބްރޭންޑްތަކުގެ ރެސްޓޯރެންޓްތައް އެ ސަރަހައްދުގައި ހިންގަ އެވެ.

ކްރޮސްރޯޑްސް ހުޅުވީ 2019 ވަނަ އަހަރު އެވެ.