Roadha Mihaaru
ހިޔާ ފްލެޓްގެ އަގުކުޑަކޮށްފި ނަމަ ގެއްލުންވާނެ: އޮޑިޓް

ހިޔާ ފްލެޓަށް އެޗްޑީސީން ކަނޑައެޅި ވަރަށް ވުރެ ކުޑަ އަގެއް ނަގާ ނަމަ ބޮޑު ގެއްލުމެއް ވާނެ: އޮޑިޓް ރިޕޯޓް

23 އޮކްޓޯބަރ 2021

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް އެޗްޑީސީން އަގުތައް ކަނޑައަޅާފައި ވަނީ އެ ކުންފުނިން އެ މަަޝްރޫއަށް ނަގާފައިވާ ލޯނުތަކާއި އެއާ ގުޅުން ހުރި އެހެން ކަންތައްތަކަށް ރިއާޔަތް ކޮށްފައި ކަމަށާއި އެ އަށް ވުރެ އަގު ހެޔޮކޮށްފި ނަމަ ގެއްލުން ވާނެ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް އެޗްޑީސީން އަގުތައް ކަނޑައަޅާފައި ވަނީ އެ ކުންފުނިން އެ މަަޝްރޫއަށް ނަގާފައިވާ ލޯނުތަކާއި އެއާ ގުޅުން ހުރި އެހެން ކަންތައްތަކަށް ރިއާޔަތް ކޮށްފައި ކަމަށާއި އެ އަށް ވުރެ އަގު ހެޔޮކޮށްފި ނަމަ ގެއްލުން ވާނެ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތްކުރި ހިޔާ ފްލެޓްތަކަށް މި ސަރުކާރުން އަގު ކަނޑައަޅާފައިވާ ގޮތް ބަލަން އެޗްޑީސީން އެދިގެން ކުރި އޮޑިޓަކަށް ފަހު އިއްޔެ އާއްމުކުރި ރިޕޯޓުގައިވާ ގޮތުން، 2018 ވަނަަ އަހަރު ކަނޑައަޅާފައިވާ ގޮތަށް ފްލެޓަކަށް މަހަކު 6،600ރ. ދައްކާ ގޮތަށް ހަމަޖައްސައިފި ނަމަ ކޮންމެ ޔުނިޓަކުން 1.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ގެއްލުންވާނެ އެވެ. މަހަކު އެ އަދަދަށް ފައިސާ ދައްކާ ގޮތަށް 25 އަހަރަށް ދޫކޮށްފި ނަމަ އެޗްޑީސީގެ ނެޓް ކޭޝްފްލޯގެ ގޮތުގައި ގާތްގަނޑަކަށް 9.2 ބިލިއަން ޑެފިސިޓް ވާނެ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ވެ އެވެ.

ރިޕޯޓްގައިވާ ގޮތުން ސަރުކާރުން މިހާރު ކަނޑައަޅާފައިވާ ގޮތަށް ދޫކުރުމުން ވެސް ނެޓް ކޭޝްފްލޯގެ ގޮތުގައި 138.6 މިލިއަން ރުފިޔާ ޑެފިސިޓްވާނެ އެވެ.

ސިޓީ ކައުންސިލުން އަގު ހެދީ ރަނގަޅަކަށް ނޫން

އޮޑިޓް ރިޕޯޓްގައިވާ ގޮތުން، މަހަކު 5،548ރ. ފްލެޓެއް ދޫކުރެވޭނެ ކަމަށް ބުނެ މާލޭ ސިޓީކައުންސިލުން ހިސާބު ޖަހާފައިވަނީ ލޯނުތަކުގެ އިންޓަރެސްޓް ރޭޓް ބަލަން ގެންގުޅޭ ބައިނަަލްއަގްވާމީ މިންގަނޑެެއް ކަމަށްވާ އެލްއައިބީއޯއާރް، ދަށްކޮށް ހުރި ދުވަސްވަރެއްގަ އެވެ. އެ ހިސާބު ހަދާފައި ވަނީ ރިޕޯޓްގައިވާ ގޮތުން، ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި އެލްއައިބީއޯއާރް 0.6 ޕަސެންޓް ގައި ހުރި ދުވަސްވަރެއްގަ އެވެ. އާއްމު ހާލަތުގަައި އެލްއައިބޯއޯއާރް ހުރީ 3.3 ޕަސެންޓަށް ވުރެ މަތީގައި ކަަމަށާއި މި އަހަރު ދައްކާފައިވާ ލޯނު ޕޭމަންޓްތައްް ހުރީ އެލްއައިބީއޯއާރް 1.74 ޕަސެންޓްގައި ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ބުންޏެވެ.

ހިޔާގެ ފްލެޓްތަކަށް މަހަކު 6،600ރ. ދައްކަން 2018 ވަނަ އަހަރު ކަނޑައަޅާފައި ވަނީ މަޝްރޫއު ހިންގަން ނެގި ލޯނުތަކާއި ރީ-ފައިނޭންސިން އަށް ނެގި ލޯނުތަކަށް ދައްކާ އިންޓަރެސްޓާއި ލޯނު އަނބުރާ ދައްކާއިރު، އެޗްޑީސީގެ ކޭޝްފްލޯ އަށް ވާނެ ގޮތަށް ރިއާޔަތް ނުކޮށް ކަން ފާހަގަކުރެވޭ ކަމަށް ވެސް ރިޕޯޓްގައި ވެ އެވެ.

އޮޑިޓް ރިޕޯޓްގައިވާ ގޮތުން، މަހަކު 5،548ރ. ފްލެޓެއް ދޫކުރެވޭނެ ކަމަށް ބުނެ މާލޭ ސިޓީކައުންސިލުން ހިސާބު ޖަހާފައިވަނީ ލޯނުތަކުގެ އިންޓަރެސްޓް ރޭޓް ބަލަން ގެންގުޅޭ ބައިނަަލްއަގްވާމީ މިންގަނޑެެއް ކަމަށްވާ އެލްއައިބީއޯއާރް، ދަށްކޮށް ހުރި ދުވަސްވަރެއްގަ އެވެ.

"...މަހަކަށް 6،600ރ. ގެ ރޭޓުން ޔުނިޓެއް ވިއްކުމުން، ޔުނިޓަކަށް ފައިނޭންސް ކޮސްޓްގެ ގޮތުގައި ނެގިގެންދާނީ 99،647ރ. އެވެ. ނަމަވެސް އީއެމްއައި މެތޮޑަށް ހިސާބު ހަދައިފި ނަމަ ފައިނޭންސް ކޮސްޓްގެ ގޮތުގައި 1،254،879ރ. ޖެހޭނެ އެވެ،" އޮޑިޓަ ޖެނެރަލްގެ ރިޕޯޓުގައި ވެ އެވެ.

"މީގެ މާނައަކީ މަހަކަށް 6،600ރ. ގެ ރޭޓުން ޔުނިޓެއް ވިއްކައިފި ނަމަ ފައިނޭންސް ކޮސްޓްގެ ގޮތުގައި ޔުނިޓަކުން 1.1 މިލިޔަން ރުފިޔާގެ ގެއްލުން ވުމެވެ."

ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް ފޮނުވަން ތައްޔާރުކޮށްފައިވާ އެ ރިޕޯޓްގައި، އެކަން އިސްލާހު ކުރަން ހުށަހަޅާފައިވާ އެއް ކަމަކީ ލޯނުގެ ފައިނޭންސް ކޮސްޓް ދެެއްކޭނެ ގޮތަށް ކޮސްޓް އޮފް ކެޕިޓަލަށް ރިއާޔަތް ކޮށްގެން އަގު ކަނޑައެޅުމެވެ. އެ މަޝްރޫއުގެ އަގުގެ ތެރޭގައި މިހާރު ހިމަނާފައި ނުވާ އެހެން ހަރަދުތައް ސަބްސިޑައިޒްކޮށް، އެޗްޑީސީ އަށް އެހީތެރިވެދެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ވެސް ރިޕޯޓްގައި ސަރުކާރަށް ލަފާދީފައި ވެ އެވެ. ފްލެޓްތަކުގެ އަގު ކަނޑައެޅުމުގައި މިހާރު ހިމަނާފައި ނުވާ ހަރަދުތަކަކީ ބިމުގެ އަގާއި ޕްރޮޖެކްޓް މެނޭޖްމަންޓް ކޮސްޓާއި ސަޕްލިމެންޓްރީ ޑިވެލޮޕްމެންޓް ކޮސްޓެވެ.

ޔާމީންގެ ވެރިކަމުގައި ބޯހިޔާވަހިކަމަށް އިސްކަންދީގެން އިމާރާތްކުރި 7،000 ފްލެޓް ލިބުނު މީހުން ދަނީ، އެ ތަންތަނަށް މަހަކު ދައްކަން މިހާރުގެ ސަރުކާރުން ކަނޑައަޅާފައިވާ އަގު (8،500ރ) ބޮޑުވެގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކުރީގެ ސަރުކާރުގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ 6،600ރ. މަހަކު ދައްކާ ގޮތަށް ފްލެޓް ދޫކުރެވޭނެ ކަމަށެވެ. އޭނާ އެހެން ވިދާޅުވަނީ ސިޓީ ކައުންސިލުން ހެދި ހިސާބުތަކަށް ބުރަވެ އެވެ.