Roadha Mihaaru
ހައްޖުގެ ސަލާމަތީ ކަންކަމުގައި އަލަށް އަންހެން ސިފައިން

ހައްޖުގެ ސަލާމަތީ ކަންކަމުގައި ފުރަތަމަ ފަހަރަށް އަންހެން ސިފައިން

22 ޖުލައި 2021

ހައްޖުގެ ސަލާމަތީ ކަންތައް ބެލެހެއްޓުމުގައި، ސައޫދީ ސަރުކާރުން، މިއަހަރު ފުރަތަމަ ފަހަރަށް އަންހެން ސިފައިން ބައިވެރިކޮށްފި އެވެ.

ހައްޖުގެ ސަލާމަތީ ކަންތައް ބެލެހެއްޓުމުގައި، ސައޫދީ ސަރުކާރުން، މިއަހަރު ފުރަތަމަ ފަހަރަށް އަންހެން ސިފައިން ބައިވެރިކޮށްފި އެވެ.

މިއަހަރާ ހަމައަށް ހައްޖުގެ ސަލާމަތީ ކަންތައް ބެލެހެއްޓުމުގައި، މުޅިން ވެސް ބައިވެރިވަނީ އަސްކަރިއްޔާގައި ހިމެނޭ ފިރިހެން ސިފައިންނެވެ. ހައްޖުގެ ސަލާމަތީ ކަންތައް ބެލެހެއްޓުމަށް ހާއްސަ ފައުޖުގައި ބައިވެރިކުރަނީ، އަސްކަރިއްޔާގެ އެކި ގޮފިތަކުން ހޮވާލައިގެން ނަގާ ބައެކެވެ.

މިއަހަރުގެ ހައްޖު މޫސުމަށް އެކުލަވައިލި ސަލާމަތީ ފައުޖުގައި އަންހެން ސިފައިން ބައިވެރިކުރީ މިދިޔަ އެޕްރީލް މަހުން ފެށިގެންނެވެ. މައްކާ އާއި މަދީނާގައި ހައްޖުވެރިންނާއި އުމްރާވެރިންގެ ކަންތައް ބެލެހެއްޓުމުގައި، މިއަހަރު ބައިވެރި ކުރީ އަންހެން ފުލުހުންގެ ސީދާ އަދަދެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. ނަމަވެސް އެ އަދަދު 100 އަށް ނާރާ ކަމަށްވެ އެވެ.

މިއީ ސައޫދީ އަރަބިއްޔާ އަށް އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން އިސްލާހީ ބަދަލުތަކެއް ގެނައުމަށް، ސައޫދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ފައްޓަވާފައިވާ މަޝްރޫއުގެ ތެރެއިން ފުރިހަމަވެގެން ދިޔަ ކަމެއް ކަމަށް، ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަން ކުރިއަށް ދިޔަ އިރު، މައްކާގެ ހަރަމްފުޅު ތެރޭގަ އާއި އަރަފާތާއި މިނާ އަދި މަދީނާގެ ހަރަމްފުޅު ތެރޭގައި ވެސް، ވަކި އަދަދަކަށް އަންހެން ސިފައިން ހަރަކާތްތެރިވި އެވެ. އަންހެން ސިފައިން، ހައްޖުގެ ސަލާމަތީ ކަންތަކަށް ނެރެފައި ތިބީ، ކާކީ ކުލައިގެ ދިގު ޔުނީފޯމެއްގައި ބުރުގާ އަޅުވައިގެންނެވެ. އަންހެން ސިފައިން އާންމު ގޮތެއްގައި މުއާމަލާތު ކުރަމުން އައީ، ހައްޖާގައި އުމްރާގައި ބައިވެރިވާ އަންހެނުންނާ އެވެ.

މިހާރު ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން ދާ ކޮވިޑް-19ގެ ސަބަބުން، މިދިޔަ އަހަރާއި މިއަހަރުގެ ހައްޖުގެ އަޅުކަން ކުރިއަށް ގެންދިޔައީ މަދު އަދަދެއްގެ ބަޔަކު ބައިވެރިކޮށްގެންނެވެ. ކޮވިޑް ފެތުރެން ފެށުމުގެ ކުރިން، 2019 ވަނަ އަހަރު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ތިން މިލިއަނެއްހާ މީހުން ހައްޖުގެ އަޅުކަމުގައި ބައިވެރިވި އެވެ.

ނަމަވެސް ހުސްވި 2020 ވަނަ އަހަރުގެ ހައްޖުގައި ބައިވެރިކުރީ، ސައޫދީ އަރަބިއްޔާގައި ދިރިއުޅޭ އެކި ގައުމުތަކުގެ މީހުން ހިމެނޭ ގޮތުން، ޖުމްލަ 10 ހާސް މީހުންނެވެ. ކޮވިޑް ވެކްސިން އީޖާދު ކުރެވި، ކޮވިޑް ފެތުރުން ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވިފައިވާތީ، މިއަހަރުގެ ހައްޖުގައި އެ އަދަދު ވަނީ 60 ހާހަށް އިތުރުކޮށްފަ އެވެ. ނަމަވެސް އެއީ ވެސް، ހަމައެކަނި ސައޫދީ އަރަބިއްޔާގައި ދިރިއުޅޭ އެކި ގައުމުތަކުގެ މީހުންނެވެ.

މިއަހަރުގެ ހައްޖުގައި ބައިވެރިވާ ހުރިހާ މީހުން ވެސް މިއަދު ތިބީ މިނާގަ އެވެ. ހައްޖުގެ އަޅުކަން ކުރުކޮށްލުމަށް ފަހު އަވަހަށް ފުރަން ގަސްދުކުރާ މީހުން، މިއަދު ތިން ޖަމްރާއަށް ހިލަ އުކުމަށް ފަހު، އެނބުރި މައްކާ އަށް ދާނެ އެވެ. އެއަށް ފަހު ވަދާއުގެ ތަވާފް ކުރުމަށް ފަހު މައްކާ އިން ބޭރުވާނެ އެވެ.